ads
ގުޅިފަޅުގައި އަޅާ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށްފި
ކުރީ ސަރުކާރުން ގުޅީފަޅުގައި ތަރައްގީކުރަން ނިންމި ޕޯޓް ތިލަފުއްޓަށް ބަދަލުކުރަން ނިންމަވާފަވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ކޮންސެޕްޓް އިފްތިތާހު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގުޅީފަޅުގައި ހެދުމަށް ކުރިން ނިންމާފައި އޮތް ޕޯޓްގެ މަސައްކަތަކީ އެތަނަށް އެކަށީގެންވާ މަސައްކަތަކަށް ނޫންކަމަށެވެ.  

އެހެންކަމުން އެ މަޝްރޫއު ތިލަފުއްޓަށް ބަދަލުކުރަން ނިންމަވާފަވާކަމަށް ރައީސް ހާމަކުރެއްވިއެވެ.

 ތިލަފުށީގައި ގާއިމްކުރެވިގެންދާނީ ފުރިހަމަ އިންޓަނޭޝަނަލް ޕޯޓެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ސަރުކާރުން އުފައްދަން ނިންމާފަވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކޮމްޕެނީގެ ދަށުން ކުރާ މަސައްކަތައް 100 ހެކްޓަރު ބިން ތިލަފުށި ސަރަހައްދުން ކަނޑައަޅާނެކަމަށެވެ.

އަދި އެތަން ރި-އެކްސްޕޯޓް ކުރެވޭ އިންޓަނޭޝަން ސްޕެޝަލް އިިކޮނޮމިކް ޒޯނަކަށް ހެދިންގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅީފަޅު ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުއަކީ އިންޑިއާއިން ލައިން އޮފް ކްރެޑިޓުން 75 އިންސައްތަ ހަރަދު ކުރާ މަޝްރޫއުއެކެވެ.

ވިޔަފާރި ބަނދަރު ގުޅިފަޅުގައި ހެދުމަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ހޭދަކުރުމަށް ވަނީ ނިންމާފައެވެ. ބަނދަރަށް 80 ހެކްޓަރުގެ ބިން ބޭނުންވާއިރު، އެ ބަނދަރުގައި 20 ފޫޓުގެ 400،000 ކޮންޓެއިނަރު ބަހައްޓާނެ ޖާގަ ހުންނާނެއެވެ.

 އެއްފަހަރާ ތިން ބޯޓް ކައިރިކޮށް މުދާ އަރުވާ ބޭލޭނެ ގޮތަށް ތަރައްގީކުރާ މި ބަނދަރުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް