ads
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި، ނައިބް ރައީސް ހަބީބު---
މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން އެމްޑީޕީން އެދިއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ ރޯދައިގެ ފަހުން ބޭއްވުމަށް އިދިކޮޅު އެނންމެ ބޮޑު ޕާޓީ އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެ އެވެ.

އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމިޓީގައި ވެސް މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހަކާ މެދު ލަފައަކަށް އެދުމުން ސަރުކާރު ހިންގާ ޕާޓީ ފިޔަވައި އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް އެދިފައިވަނީ އިންތިހާބު ރޯދަ މަހުގެ ފަހުގެ ތާރީހެއްގައި ބޭއްވުމަށް ކަމަށެވެ.

ނަމަވެސް އެ ލަފަޔާއި ކަނޑައެޅިގެން ހިލާފަށް ސަރުކާރުގެ ނުފޫޒުން މަޖިލިސް އިންތިހާބު ރޯދަ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

ގާނޫނު ބުނާ ގޮތުން މެމްބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ.

ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަލައިގެން އިންތިހާބު ބާއްވާނަމަ މި ހިނގާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިހާބުގެ ހުރިހާ މަސައްކަތްތަކެއް ނިންމަން ޖެހެ އެވެ. ގާނޫނުގައި ބުނާ 30 ދުވަސް ހަމަވާ ތާރީހަކީ އޭޕްރިލް 28، އެވެ. މި ފެށޭ އަހަރުގެ ރޯދަ މަސް ނިމޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ދުވަހަކީ އޭޕްރިލް 9، ނުވަތަ އޭޕްރިލް 10، އެކެވެ.

އެހެންކަމުން ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، ދެ ވަނަ ބުރުގެ ކުރިން ކެމްޕޭނު ކުރުމަށާއި އެހެނިހެން ހުރިހާ ކަމަކަށް ދޭންޖެހޭ 15 ދުވަހުގެ މުއްދަތު ދިނުމަށްފަހު ގާނޫނުގައި ބުނާ 30 ދުވަހުގެ ކުރިން އިންތިހާބު ހުރިހާ މަސައްކަތެއް ނިންމުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަންޖެހޭ ކަމަށް ގާނޫގައި ބުނެފައިވާ މުއްދަތާއި މި އަހަރުގެ ރޯދަމަހާ ދިމާވާތީ އެ ދުވަސްވަރު އިންތިހާބު ބޭއްވުމަށް ހުރި ގޮންޖެހުންތައް ހިއްސާކޮށް އިންތިހާބު ތާރީހަށް ބަދަލުތަކެއް ގެންނަން އީސީން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ހުށަހެޅި އެވެ.

ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މަޝްވަރާކޮށް ފާސްކުރީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވެން އޮތް އެންމެ އަވަސް ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ.

"..ރާއްޖޭގައި ބޭއްވޭ އިންތިހާބުތަކުގައި ގާނޫނީ ގޮތުން މަސްއޫލިއްޔަތުތަކެއް އަދި ޒިންމާތަކެއް މަތިކުރެވިފައިވާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެދިވަޑައިގެންފައިވާތީ ރަމަޟާން މަހުގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. އަދި އެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އަދި ޖަމިއްޔާތަކުން ވެސް ތިޔަ ކޮމިޝަނަށް ލަފާ ދެއްވާފައިވަނީ ރޯދަ މަހުގެ ފަހުން އިންތިހާބު ބޭއްވުމަށެވެ،" ސިޓީގައި ވެ އެވެ.

އެހެންވެ، މަޖިލީހުގެ އިންތިހާބު، ސަރުކާރުން ފޯރުވަމުންދާ ނާޖައިޒު ނުފޫޒަށް ބޯނުލަނބައި، ގައުމީ ލަފާދޭ ކޮމިޓީގެ މެމްބަރުން އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ލަފައާ އެއްގޮތަށް ރޯދަމަހުގެ ފަހުގެ ތާރީހެއްގައި ބާއްވަން އެމްޑީޕީން ގޮވައިލީ އެވެ.

މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް އަންނަ އާދިއްތަ ދުވަހު އިއުލާން ކުރާނެ ކަމަށް އީސީން ބުނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް