އީރާން ސިފައިންގެ އަވަހާރަކޮށްލާފައިވާ ޖެނެރަލް ގާސިމް ސުލައިމާނީގެ ހަނދާނުގައި ބޭއްވި އެއްވުމެއްގައި ދެ ބޮން ގޮއްވާލުމުން އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމުވި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި ފުންހިތާމައާ އެކުކަން ރައީސްގެ މެސެޖުގައި، ފާހަގަ ކުރައްވާފައިވެ އެވެ.
އީރާންގެ ބައެއް ނިއުސް އެޖެންސީތަކުން ބުނި ގޮތުގައި ހަމަލާ ދިން މީހުން ގޮވާތަކެތި އުފުލީ ގޯނިތަކެއްގަ އެވެ. އަދި އެ އެއްޗެހި ގޮއްވާލީ ރިމޯޓުން ކަމަށް ވެސް ބުނެފައިވެ އެވެ. އެމެރިކާ އާއި އިޒްރޭލުގެ އަތެއް މި ހަމަލާގައި ނެތް ކަމަށް އިސްވެ ބުނެފައި ވާތީ މިއީ އެ މީހުން ޒިންމާ ނަގަންޖެހޭ ހަމަލާއެއްކަން މިހާރު އެނގޭ ކަމަށް އީރާންގެ ރައީސްގެ ޕޮލިޓިކަލް ޑެޕިއުޓީ މުހައްމަދު ޖަމްޝީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކުށެއްނެތް އާންމުންގެ ބަޔަކަށް ދެވުނު މި ހަމަލާއަކީ އިންސާނީހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ޤާނޫނުތަކާ ހިލާފުކަމެއްކަމަށާއި އަދި މިއީ އިންސާނީ ކަރާމާތަށް އިހުތިރާމެއް ނެތް، ފިނޑި އަމަލެއްކަމުގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި ޓެރަރިޒަމްގެ މި ފިނޑި އަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން މި ހާދިސާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. އަދި ޓެރަރިޒަމްގެ އަމަލުތަކަށް އަދުގެ ދުނިޔޭގައި ޖާގައެއްނެތްކަމާއި ޓެރަރިޒަމްގެ ހުރިހާ ބާވަތެއްގެ ޢަމަލުތަކާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައިވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.
އީރާންގެ ރައީސް އިބްރާހިމް ރައީސީ ވިދާޅުވީ މިއީ ވަރަށް ފިނޑި އަމަލެއް ކަމަށާއި. އަދި މިކަމުގެ ހިތާމާގައި މިއަދީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.