ads
ވެލެންސިޔާގެ ޗެއާމަން އަބްދުﷲ އަޒްމީން
ވެލެންސިޔާގެ ޗެއާމަންކަމުން އިސްތިއުފާއެއް ނުދެން: އަޒްމީން
ވެލެންސިޔާގެ ޗެއާމަންކަމުން އިސްތިއުފާއެއް ނުދޭ ކަމަށް އެ ކްލަބުގެ ޗެއަމަން އަބްދުﷲ އަޒްމީން ވިދާޅުވެއްޖެއެވެ.

އަޒްމީން، ޗެއާމަންކަން އިސްތިއުފާ ދީފައިވާކަމުގެ އީމެއިލް ލިބިފައިވާ ކަމަށްބުނެ، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން އަންނަނީ އޭއެފްސީއަށް އެކަން އަންގައި ވެލެންސިޔާގެ އެންޑޯޒްމެންޓް ސިޓީއާމެދު ސުވާލު އުފައްދަމުންނެވެ. 

އެހެން އެކަން އޮތުމުން، ވެލެންސިޔާގެ ޗެއާމަންކަމުން އިސްތިއުފާ ދިނީތޯ ސީއެންއެމުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަޒްމީން ވިދާޅުވީ އިސްތިއުފާ ނުދެއްވާ ކަމަށެވެ. 

މި މަހުގެ 31 ގައި އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ، ކުރީގެ އެއް ނަންބަރު ފޯވާޑު، ޓޮމްގެ ކެންޑީޑޭސީއާމެދު ސުވާލު އުފެދޭ ހާލަތެއް މެދުވެރިވީ، ޓޮމްއަށް އެންޑޯސްކޮށްފައިވާ ކްލަބު ވެލެންސިޔާގެ އެންޑޯސްމެންޓާމެދު އުފެދުނު ސުވާލެކެވެ. 

އެކަމާ ގުޅިގެން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން އޭއެފްސީއަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ސީއެންއެމަށް ލިބިފައިވާއިރު، އެ ސިޓީގައި އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ބުނެފައިވަނީ، ޓޮމްއަށް އަދި އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރާ މުފާވިޒް ހާޝިމަށްވެސް ކްލަބު ވެލެންސިޔާގެ އެންޑޯސްމެންޓް ދީފައިވާ ކަމަށެވެ. އެހެން އެކަން އޮއްވާ، ވެލެންސިޔާގެ ޗެއާމަންކަމުން އަބްދުﷲ އަޒްމީން އިސްތިއުފާ ދީފައިވާ ކަމުގެ އީމެއިލްއެއް އެފްއޭއެމަށް ލިބިފައިވުމުން، ވެލެންސިޔާގެ ސަައްހަ އެންޑޯޒްމެންޓަކީ ކޮބައިތޯ ސުވާލު އުފެދިފައިވާކަން އެ ސިޓީން ދޭހަވެއެވެ. 

އިލެކްޓޯރަލް ކޮމިޓީން ފޮނުވާފައިވާ ސިޓީގައިވާ ގޮތުން، ޓޮމްއަށް އެންޑޯސްކޮށްފައިވާ ވެލެންސިޔާގެ ސިޓީގައި ޗެއާމަން އަޒްމީން ސޮއިކޮށްފައިވާއިރު، މުފާއަށް އެންޑޯޒްކޮށްފައިވާ ސިޓީގައި ސޮއިކޮށްފައިވަނީ ވެލެންސިޔާގެ ވައިސް ޗެއާމަންއެވެ. 

މިކަންކަން މިހެން ހުރުމުން، އެފްއޭއެމުން އޭއެފްސީގެ ލަފައަކަށް އެދިފައިވަނީ ވެލެންސިޔާގެ އެންޑޯޒްމެންޓް ކަންތަކާ ގުޅޭ ގޮތުންނެވެ. ވެލެންސިޔާގެ އެންޑޯޒްމެންޓް ޓޮމްއަށް ނުލިބޭ ގޮތަކަށް އޭއެފްސީން ލަފާދީފިނަމަ ޓޮމްގެ ކެންޑިޑޭސީ ބާތިލުވާނެއެވެ. އެއީ ކޮންމެ ކެންޑިޑޭޓަކަށް މަދުވެގެން ތިން ކްލަބުގެ އެންޑޯސްމެންޓް އޮންނަން ޖެހޭތީއެވެ. ޓޮމްގެ ތިން އެންޑޯސްމެންޓް ހަމަވަނީ ވެލެންސިޔާގެ ސިޓީއާއެކުއެވެ. 

ވެލެންސިޔާގެ އެންޑޯޒްމެންޓް ސިޓީގެ މައްސަލަ ފުލުސް އޮފީހަށްވަނީ ކުރިން ހުށަހަޅާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް