މި އެންޓި ކެމްޕޭނު ފަށާފައިވަނީ ލަކްޝަދީބު ޕްރޮމޯޓް ކުރުމުގެ ނަމުގަ އެވެ. ލަކްޝަދީބު އަކީ އަރަބި ކަނޑާއި ލަކަޑައިވް ކަނޑުގެ ހުޅަނގުގެ މެދުގައި އޮންނަ ޖަޒީރާ ރަށްތަކެކެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ހަފްތާގައި ލަކްޝަދީބު އަށް ވަޑައިގެން އެތަނުގެ ރީތީ ކަމާއި ހިތްގައިމުކަމަށް ތައުރީފު ކުރައްވައި އެކްސްގައި ފޮޓޯތަކެއް އާންމުކުރައްވާފަ އެވެ.
މޯދީ އިއްޔެ ވަނީ ލަކްޝަދީބުގައި ފަތުރުވެރިކަން ކުރިއަރުވަން ހާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީގެ މަޝްރޫއެއް އިއުލާން ކުރައްވާފަ އެވެ. އަދި މަލިކު ނިސްބަތްވާ ލަކްޝަދީބަށް އައުމަށް އެ ގައުމުގެ ރައްޔިތުންނަށް މޯދީ ވަނީ ގޮވާލައްވާފައި އެވެ.
މިއާއިއެކު، އިންޑިއާގައި ނުވަ ވަނަ އަށް އެންމެ ގިނައިން ގޫގުލް ސާޗް ކޮށްފައިވަނީ ލަކްޝަދީބް ކަމުގައި އިންޑިޔާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައި އެވެ.
އަދި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ މެސެޖެއް މޯދީ ދެއްވީކަމުގައި ވެސް އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މީހަކު ބުނީ "ރާއްޖެ ބޭނުމެއް ނޫން ކަމުގެ އިޝާރާތެއް އިންޑިއާ އިން ދީފި" އެވެ.
އިތުރު މީހަކު ބުނީ މޯދީގެ އިސްނެގުން ލަކްޝަދީބަށް ރަނގަޅު ޕަބްލިސިޓީއަކަށް ވާނެ ކަމަށާއި، މުއްސަނދި ރަށްރަށަށް އިންޑިއާ ސަރުކާރުގެ ފަރާތުން އިތުރު އިންފްރާސްޓްރަކްޗާއެއް ފެންނާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ ލަކްޝަދީބަ ޖަޒީރާ ރައްތައް އޮންނައިރު އިންޑިއާ މީހުން ރާއްޖެ ދާކަށް ބޭނުން ނުވާ ކަމަށެވެ.
އިތުރު މީހަކު އެކްސްގައި ބުނީ އިންޑިއާގެ ޓޫރިސްޓުން ރާއްޖެ ދިއުން ހުއްޓާލައިފި ނަމަ ރާއްޖެ ބަނގުރޫޓު ވާނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ގެންދަވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވުމަށްޓަކައި އިންޑިޔާ ސަރުކާރާއެކު މަޝްވަރާ ކުރައްވަމުންނެވެ. އަދި ރައީސް ޑރ. މުއިއްޒު އިސްކޮށް އުޅުއްވި "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ރާއްޖެއަކީ އިންޑިއާއާ ދެކޮޅު ގައުމެއްގެ ގޮތުގައި އިންޑިއާގެ ބައެއް މީހުން މިއަދު ގަބޫލުކުރެ އެވެ. މިއާއެކު ރާއްޖެ/އިންޑިއާގެ ގުޅުންވަނީ "ދެވަނަ ދަރަޖައިގައި" ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.
ރާއްޖޭގެ މުޅި އިގްތިސޯދީ ލޭނާރު ކަމުގައިވާ ފަތުރުވެރިކަމަށް ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އިންޑިއާ އިން "އެންޓި" ވެއްޖެ ނަމަ ދިވެރާއްޖެއަށް އިގްތިސޯދީ ލޮޅުން އެރުން ގާތެވެ. ސަބަބަކީ މިދިޔަ 2023 ވަނަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދެއްކު މެވެ.
ޓުރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އިންޑިއާ އިން 209198 ފަތުރުވެރިން އައިސްފައިވެ އެވެ.
އޭގެ ކުރީ 2022 ވަނަ އަހަރު ވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެ އަހަރު 241369 ފަތުރުވެރިން އެ ގައުމުން ރާއްޖެ އައިސްފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ.