ޑރ.މުއިއްޒު މިއަދު ވިލިނގިލީގައި ބޭއްވި ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ ބައި އިލެކްސަން އަދި މޭޔަރު އިލެކްސަންގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ވިލިނގިލީގެ ބައެއް އާއިލާތަކަކީ ފައިބަރު މަސައްކަތް ކުރަމުންއަންނަ ބަޔެއްކަމަށާއި ނަމަވެސް ފައިބަރުގެ މަސައްކަތަކީ އެކަމުގެ ސަބަބުން ކައިރީގައި ދިރިއުޅޭ މީހުންނަށް ސިއްހީ ގޮތުން ގެއްލުން ހުރިކަމެއްކަމަށްވުމުން އެކަން ކުރަން ތިލަފުށިން ބިން ދޫކުރަން ނިންމާފައިވާކަމުގައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ވީހާވެސް އަވަހަކަށް އެ ބިންތަކަށް އެ މަސައްކަތް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އެ ބޭފުޅުންނާއި އަދި މިކަމާއި ބެހޭ ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރަމުން އަންނަކަމުގައި އެވެ.
ވިލިމާލޭގައި ކުރަމުން އަންނަ ފައިބަރު މަސައްކަތްތައް ހުއްޓާލަން ތިލަފުށިން ބިން ދޭން ސަރުކާރުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާފައިވެ އެވެ.
މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިކަމާއި ގުޅިގެން ވިދާޅުވި ގޮތުގައި ވިލިމާލޭގައި ކުރަމުންދާ ފައިބަރު މަސައްކަތްތައް ތިލަފުއްޓަށް ބަދަލު ކުރެވުމާއެކު، އެރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ ގޮންޖެހުންތަކާއި ސިއްހީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމުގައެވެ.
އޭގެ އިތުރުން ތެޔޮ ބާޖުތައް ނެގުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައިވާކަމަށް ނަރީޝް ވިދާޅުވި އެވެ.
އެކަމަށް ހައްލެއް ހޯދުމަށްޓަކައި ގުޅިފަޅާއި ތިލަފުށި ސަރަހައްދުން ތެޔޮ ބާޖުތައް ބޭއްވުމަށް ވަކި ސަރަޙައްދެއް ކަނޑައެޅުމަށް ނިންމާފައިވާކަން ނަރީޝް ފާހަގަކުރެއްވި އެވެ.
ނަރީޝް ވިދާޅުވީ، ފައިބާ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމާއި ތެޔޮ ބާޖުތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތަކީ އާބަންކޯގެ އެހީތެރިކަމާއެކު ކުރުމަށް ނިންމާފައިވާ ދެ މަސައްކަތެއް ކަމަށެވެ