ads
އެކްސްކޯއަށް ހަމަޖެއްސި ޝިބާ
ވަގު ޑޮކިއުމެންޓް ހެދިކަމަށް ތުހުމަތު ކުރެވެނީ ޝިބާ، ތުހުމަތުތައް ޝިބާ ދޮގުކުރޭ
ކްލަބު ވެލެންސިޔާގެ ނަމުގައި ވަގު ޑޮކިއުމެންޓެއް ހަދައިގެން އުޅެނީ، އެފްއޭއެމްގެ އެކްސްކޯއަށް ފަހުން އައްޔަން ކުރި ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު ކަމަށް ވެލެންސިޔާގެ ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފިއެވެ. އެހެންނަމަވެސް ޝިބާވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ކްލަބު ވެލެންސިއާގެ ނަމުގައި، އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވި، އީގަލްސްގެ މުފާވިޒު ހާޝިމް، ހުށަހެޅި ސިޓީ އަކީ ފޯޖްކޮށްފައިވާ ސިޓީއެއް ކަމަށް ބެލެވޭ ކަމަށް ބުނެ، ވެލެންސިޔާއިންވަނީ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައެވެ. ވެލެންސިޔާގެ ނަމުގައި މުފާއަށް ދީފައިވާ އެންޑޯޒްމެންޓް ސިޓީއަކީ ވަގު ސިޓީއެއް ކަމަށް ބެލެވިފައިވަނިކޮށް، ވެލެންސިޔާގެ ޗެއާމަންކަމުން އަބްދުﷲ އަޒްމީން އިސްތިއުފާ ދިން ކަމަށް ބުނެ ވެލެންސިޔާއިން މެއިލްކޮށްފައިވާ ކަމަށްވެސް ފަހުންވަނީ އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ބުނެފައެވެ. އެކަން އެ ކޮމިޓީން އޭއެފްސީއަށްވެސް އަންގާފައިވާއިރު، މި ހުރިހާ ކަމެއްގެ އަޑީގައި ހުރީ ބައްސާމްގެ އިރުޝާދާއެކު ޝިބާ ކަމަށް ވެލެންސިޔާގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ވެލެންސިޔާގެ ކަންކަން އެނގޭ މީހަކު ކިޔައިދިން ގޮތުގައި މުފާއަށް ދިން ސިޓީ ތައްޔާރު ކުރީ ޝިބާއެވެ. ވެލެންސިޔާ ހިންގުމުގައި ކުރިން އިސްކޮށް އުޅުނު ޝިބާ އަތުގައި ވެލެންސިޔާގެ ލެޓަރހެޑާ، ޑިޖިޓަލް ސްޓޭމްޕް އޮންނާނެ ކަމަށް، ނަން ހާމަކުރަން ބޭނުން ނުވާ އެ ފަރާތުން ކިޔައިދިނެވެ. އެ ސިޓީގައި ސޮއިކޮށްފައިވަނީ ބޯޑުގެ ތިން މެންބަރުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ވެލެންސިޔާގެ އެންޑޯޒްމެންޓާ ނުލާވެސް މުފާގެ އެންޑޯޒްމެންޓްތައް ހަމަވެއެވެ. އެކަމަކު ވެލެންސިޔާގެ ސިޓީ ބާތިލުވެއްޖެ ނަމަ، ޓޮމްގެ ކެންޑިޑޭސީ ޝަރުތު ހަމައެއް ނުވާނެއެވެ. ސޮއި ފޯޖް ކުރާކަށް ނުޖެހޭނެ ކަމަށާއި، ވެލެންސިޔާގެ ސޮއި ނުލައިވެސް ފަސް ސޮއި އޮންނާނެ ކަމަށް، އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ މުފާވިޒް ހާޝިމްވަނީ ވިދާޅުވެފައެވެ.

އެންޑޯޒްމެންޓް ސިޓީގެ ކަންތައް ފެންމަތިވެފައިވަނިކޮށް، ދެން ކުއްލިއަކަށް ދިމާވީ ވެލެންސިޔާގެ ޗެއާމަންކަމުން އަޒްމީން އިސްތިއުފާ ދިން ކަމަށް ބުނެ ފޮނުވާފައިވާ އީމެއިލްގެ މައްސަލައެވެ. ޗެއާމަންކަމުން އަޒްމީން އިސްތިއުފާ ނުދޭ ކަމަށް އޭނާ އިއްޔެވެސްވަނީ ވިދާޅުވެފައެވެ.

ކުރިން މައުލޫމާތު ދިން މީހާ ކިޔައިދިން ގޮތުގައި ވެލެންސިޔާގެ އީމެއިލްއަށް ޝިބާއަށް ކުރިން އެކްސެސް އޮވެއެވެ. އެކަމަކު މި ދިމާވި ކަންތަކަށް ފަހު މިހާރު ޝިބާއަށް އެ އީމެއިލްއަށް އެކްސެސް ނޯންނާނެ ކަމަށް އެ ފަރާތުން ކިޔައިދިނެވެ. އެ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ އީމެއިލްއަކީވެސް ޝިބާ ފޮނުވި އީމެއިލް އެކެވެ.

މިކަންތައް ތަކާ ގުޅިގެން ޝިބާއާ ސުވާލު ކުރުމުން ޝިބާ ވަނީ އެ ހުރިހާ ތުހުމަތެއް ދޮގު ކުރައްވާފައެވެ. ޝިބާ ވިދާޅުވީ، އީމެއިލްއަށް އެކްސެސްއެއް ނޯންނަ ކަމަށާއި، އަދި އެއްވެސް ސިޓީއެއްވެސް ފޮނުވާފައި ނުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް