ads
އެފްއޭއެމްގެ އިންތިހާބު މިފަހަރު ތަފާތު ވާނެ! ވާނީ ކިހިނެއް؟
އެފްއޭއެމްގެ އިންތިހާބީ ހަތަރުވަނަ ދައުރަށް އެޅިއިރުވެސް، އިންތިހާބަށް ދާހިސާބުން އޮންނަނީ މައްސަލަޖެހިފަ އެވެ. މިއީ މިހާރު އާކަމެއް ނޫނެވެ. މިއީ ގައުމީ ފެންވަރުގާވެސް މިހާރު އަޅުގަނޑުމެން ދެކެފަރިތަ ކަންކަމެވެ. އެހެންނަމަވެސް، އިންތިހާބެއް ނުބޭއްވި މައްސަލަ ބޮޑުވެގެން ފީފާގެ އިންޓަރިމް ކޮމިޓީއެއްގެދަށަށް އަނެއްކާވެސް ވެއްޓެން ޖެހުމަކީ ލަދުވެތި ކަމަކަށް ވާނެ އެވެ.

އެފްއޭއެމް އިންޓަރިމް ހާލަތަށް މީގެކުރީން ވެއްޓެންޖެހިފައިވަނީ، ސަރުކާރުން ހިންގަންޖެހޭ އޯވަރސައިޓް ނުހިންގިގެނެވެ.

އެހެންނަމަވެސް މިފަހަރު މިފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެފްއޭއެމުން ކުރީން ކަންކަން ކުރިގޮތަށް އަތްގަދަކޮށް ކުރިއަށް ނުގެންދެވޭ ތަނެވެ. ވީމާ މިފަހަރުގެ އިންތިހާބު ތަފާތުވާނެއެވެ. ރާއްޖޭގައި ސްޕޯޓްސް ކޮމިޝަނަރެއް ހުރިކަން އެފްއޭއެމްށް ޔަގީކޮށްދީފިއެވެ.

މިފަހަރުގެ އިންތިހާބު ތަފާތުވާގޮތް

މިފަހަރުގެ އިންތިހާބު ތަފާތުވަނީ، ސްޕޯޓްސް ކޮމިޝަނަރު ހަރަކާތްތެރިވާން ފެށުމުންނެވެ. ކޮމިޝަނަރުގެ ގާނޫނީ ވާޖިބު ދެނެވަޑައިގަންނަވާ ބޭފުޅަކު އެންމެފަހުން އެމަގާމަށް އައްޔަންކުރެވުމުންނެވެ. އެފްއޭއެމްގެ އިންތިހާބު ގެތެރެއަށް ކޮމިޝަނަރު ވެދެވަޑިގެންފިއެވެ. ކޮމިޝަނަރ ވެދެވަޑައިގެންނުވުމުގެ ނަތީޖާއަކީ، އެފްއޭއެމް އާއި ފީފާ/އޭއެފްސީ އާއި އާދެމެދު "މެދުވެރިއެއް" ގޮތުގައި ހަރަކާތްތެރިވާންޖެހޭ ދައުލަތުގެ މުއައްސަސާއެއް އުފެދުމެވެ. އެފްއޭއެމުން ދެއްކި ސަސްޕެންޝަނުގެ ބިރަކީ ފޭކު ވާހަކައަކަށްވެ ނިމުނީއެވެ!

މިފަހަރުގެ އިންތިހާބު ތަފާތުވަނީ، ދެން އެފްއޭއެމް ލަފާހޯދަންޖެހޭ ފުރަތަމަ ފަރާތަކީ ކޮމިޝަނަރަ އޮފް ސްޕޯޓްސް ކަމަށް ވާނެތީއެވެ. މިސާލަކަށް، ލީކުވި އިލެކްޓޯރަލް ކޮމިޓީގެ ސިޓީން އޭއެފްސީ ބޮލުގައި އަޅުވައިގެން އިންތިހާބެއް އޮޅުވާލަން އުޅޭކަން ދޭހަވެއްޖެއެވެ. އަދި، ކޮމިޝަނަރުގެ ދައުރުވެސް ފަހުމް ނުވާކަން އެގިއްޖެއެވެ. ކޮމިޝަނަރުގެ ވާޖިބްތަކަށް ސުވާލު އުފައްދަވަމުން އެފްއޭއެމް ކެންޑިޑޭޓް މުފައްވިޒް ހާޝިމް ވިދާޅުވީ ކްލަބެއްގެ ސައްޚަކަން ކަނޑައަޅާ، އެކްލަބެއް ބައިވެރިވެގެންއުޅޭ އެސޯސިއޭޝަނެއްގެ ކޮންގްރެސްގައި ވޯޓްލެވޭތޯ ނޫންތޯ ކަނޑައެޅުމަކީ ކޮމިޝަރާ ބެހޭކަމެއް ނޫންކަމުގައެވެ.

your imageސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ އެތްލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ތޮލާލް - ފޮޓޯ:ރައީސް އޮފީސް

އާދޭހެވެ! މިފަހަރު އިންތިހާބު ތަފާތުވަނީ، ކޮމިޝަނަރ، ގެ ބާރުތަކުގެ ކުރިމަތީ، އެފްއޭއެމް ސައިޒްވާ ފަހަރަށް ވާތީއެވެ.

އެފްއޭއެމް ގާނޫނުގެތެރެއަށް ވައްދަންޖެހޭ އެތަށް ސަބަބުތަކެއް ވަނީ، މިވީ އަހަރުތަކުގެތެރޭ އުފެދިފައެވެ. އަދި އެކަންކަމާ ގުޅޭ މައްސަލަތައް، ދައުލަތުގެ އެކި މުއައްސަސާތަކުން ބަލަންވެސް ފަށާފައެވެ. ކޯޓުތަކާ، ފުލުހުންނާ، ޕްރޮސެކިއުޓަރ ޖެނެރަލް އެދަނީ އެފްއޭއެމްގެ ދަރަންޏާއި، މަނީކޯންޑަރިންގް މައްސަލަތައްބަލަމުންނެވެ. އަނެއްކޮޅުން ބައިނަލްއަގުވާމީ ޖަމިއްޔާ ފީފާގައިވެސް މައްސަލަތައް މަދެއްނޫނެވެ. އޭގެތެރޭ ހުދު އެފްއޭއެމްގެ ދަރަނިތަކުގެ މައްސަލަތައްވެސް ދަނީ ބަލަމުންނެވެ. މިނުކުތާއަކީ ކޮމިޝަނަރުވެސް ދާދިފަހުން ނޫސްތަކުގެ ހެޑްލައިންތަކަށް ދޫކޮށްލާފައިވާ ހަގީގަތެކެވެ. ކޮމިޝަނަރ ވިދާޅުވެފައިވަނީ، އެފްއޭއެމް ވެސް ހިންގަންވާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

އިންތިހާބު ކުރިއަށް ގެންދެވިދާނެ 

އިންތިހާބު ކުރިއަށްވެސް ގެންދެވިދާނެއެވެ! އަދި އިންތިހާބު ހުއްޓުވިވެސް ދާނެއެވެ. އިންތިހާބު ކުރިއަށް ގެންދަން ދެކެންޑިޑޭޓުުންވެސް ހަގީގަތުގައި ތާއީދު ކުރެއެވެ! އެހެންންމަވެސް މައްސަލަޖެހޭ ހިސާބަކީ، އެއްކެންޑިޑޭޓް ކަޓުވާލާފައި އަނެއް ކެންޑިޑޭޓް އެކަނި "ވާދަކުރާގޮތަށް" އިންތިހާބު ކުރިއަށް ގެންދަން ބޭނުންވާތީއެވެ.

ކޮމިޝަނަރުގެ އެންގުމާ ޙިލާފަށް އެފްއޭއެމުން ބޭނުންވަނީ އިންތިހާބު ކުރިއަށްގެންދާށެވެ. އެފްއޭއެމްގެ އިލެކްޓޯރަލްކޮލެޖްގެ ޗެއަރމަން، އެވަނީ، 9 ޖެނުއަރީ 2023 ގެ މުހުލަތެއް އޭއެފްސީއަށް ދެއްވާ އެޖަމިއްޔާއިން ގާނޫނީ ލަފައަކަށް އެދިފައެވެ. ވެލެންސިއާގެ އެންޑޯސްމަންޓްގެ ސައްހަ ކަމަކީ، އޭއެފްސީން ނިންމާކަމެއް ނޫންކަމެއް، ޗެއަރމަން އަބްދުއްލާ އަލީ ދެނެވަޑިގެންކަމަކަށް ވުވިއެވެ. ވީމާ އިލެކްޓޯރަލްކޮމިޓީގެ ޗެއަރމަން، އެފްއޭއެމުން އެދޭގޮތަށް މިކަން ނިންމައިގެން އިންތިހާބު ކުރިއަށް ގެންދެވިދާނެއެވެ.  

އެހެންނަމަވެސް، ސަރުކާރު ކެންޑިޑޭޓް ތޯރިގާ ނުލާ އިންތިހާބު ކުރިއަށް ގެންދާނަމަ، ތޯރިގަށްވެސް އިންތިހާބު ހުއްޓުވިދާނެއެވެ. އެގޮތަކީ، ކޮންގްރެސްގެ ކޯރަމް ހަމަވިޔަކަ ނުދިނުމެވެ! މެޖޯރިޓީ ކްލަބްތަކުން ކޮންގްރެސް ބޯއިކޮޓްކުރުމެވެ. ބައެއް "ވެރިން" ތާއީދުކުރާކަމަށް އަޑުއަހާ، ފުލުހުންލައްވާ އިންތިހާބު ހުއްޓުުވުން، ވާނީ ބަގާވާތަކަށެވެ. މިއީ އެއްވެސް ބަޔަކު ގަބޫލުކުރާނެ ގޮތެއް ނޫނެވެ.

އިންތިހާބު ހުއްޓުވިދާނެއެވެ. މެޖޯރިޓީއޮތް ބަޔަކަށް، އިންތިހާބު ހުއްޓުވުމަކީ އެއްވެސް ކަމެއްނޫނެވެ. އެހެންނަމަވެސް، އިންތިހާބު ހުއްޓުވުމަކީ، އާޙިރުގައި ބޭނުން ކަމެއްވެސް ނޫނެވެެ. އެއީ އެފްއޭއެމްގެ އިންތިހާބަކީ ބާތިލް އިންތިހާބަކަށް ވާނެކަމުގެ ސިގްނަލްތައް މިހާރުވެސް ފެންނަނާންފަށައިވާތީއެވެ.

your imageމުފާ ފޯމް ހުށަހަޅުއްވަނީ - ފޮޓޯ މިހާރު ނޫސް

މިސާލަކަށް އޭއެފްސީން ބޮލުންނައްޓާލާ، މިކަމަކީ އެތެރޭގެ މައްސަލައެއްކަމަށް ބުނެ ޖަވާބު ދީފިނަމަ، އެފްއޭއެމަށް އޮތީ ކޮންގޮތެއް ތޯއެވެ؟ އެއްގޮތަކީ، ކޮމިޝަނަރު ނުބައްސާ، އަމިއްލެއަށް ވެލެންސިއާގެ އެންޑޯސްމަންޓް ލިބުނީ އެފްއޭއެމްގެ ކެންޑިޑޭޓަށްކަމަށް ކަނޑައަޅާ، ކޮންގްރެސް ކުރިއަށް ގެންދިއުމެވެ. މިވަގުތުވެސް ފެންނަނީ، އެފްއޭއެމް މިގޮތުގައި ތިބިކަމެވެ. މިހާރު ވިދާޅުވަނީ އިންތިހާބު ކުރިއަށްގެންދާނީ ފީފާ އާއި އޭއެފްސީން އަންގާގޮތަށް ކަމަށެވެ. އަދިވެސް އެބަލަނީ އޮޅުވާލައިގެން އިންތިހާބެއް ހިންގޭތޯއެވެ.

އަނެއް ގޮތަކީ، ކޮމިޝަނަރުގެ ބަސް އެހުމެވެ.

އިންތިހާބު ފަސްކުރަންޖެހޭ ސަބަބުތައް 

މިހާރު މިއޮތް ތާވަލާއެއްގޮތަށް، 31 ޖެނުއަރީ 2024 ގައި އިންތިހާބު ކުރިއަށްނުގެންދެވޭ ސަބަބުތަކާއި، ހުުރަސްތައް ގިނަވެފައި ބޮޑެވެ. ވީމާ ކޮމިޝަނަރ ވިދާޅުވިގޮތަށް ތެޅިގަނެގެން އިންތިހާބެއް އަވަސްކުރަންޖެހޭ ސަބަބެއް ނެތެވެ. އާއްމުކޮށް އެކަންކުރާގޮތަށް މިއަހަރުހެ ޖުލައިމަހުތެރޭ އިންތިހާބު ބާއްވަން ވަގުތު އެބައޮތެވެ.

އިންތިހާބު ފަސްކުރަންޖެހޭ ސަބަބަކީ، އިންތިހާބަކަށް ދިއުމަށް ބޭނުންވާ ކަންކަން ފުރިހަމަ ވެފައި ނެތުމެވެ. މިސާލަކަށް ކޮމިޝަނަރ ފާހަގަކުރެއްވި އެކްސްކޯގެ ކޯރަމް ނެތް މައްސަލައަކީ ރައީސް ހޮވުމުގެ ކުރީން އެޑްރެސްކުރަންޖެހޭ މައްސަލައަކަށް ވާނެއެވެ. އެފްއޭއެމްގެ ރައީސް އިސްތިއުފާއެއް ނުދެއްވައެވެ. ހަމައެކަނި ދެން ކުރިމަތިނުލާނެކަމަށް ވިދާޅުވަނީއެވެ. މިކުރެއްވި ކަމަކީ ހިންގާކޮމިޓީ އޮތްގޮތް ބަލާލުމެވެ. މަޖުބޫރީ ހާލަތުގައި "ވަކަރަށް ޖަހާލުމެވެ". ކަމަކުދާކަށް ނެތެވެ. މާލަސްވެއްޖެއެވެ. ހިންގާކޮމިޓީ އޮތީ "އަތަށްގޮވާފަ" އެވެ.

އިންތިހާބަށް ތައްޔާރުވުމުގެގޮތުން އިލެކްޓޯރަލް ކޮމިޓީން، ޗެއަމަން އަބްދުއްލާ އަލީ، އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ ވޯޓްލުމުގެ ހައްގުއޮތް ކެންޑިޑޭޓުން އިއުލާނުކުރުމެވެ. މިކަން ނުކޮށް، އިންތިހާމަކަށް ދާނީ ކިހިނަކުންތޯއެވެ؟ މައްސަލައަކީ އެލިޖިބަަލް ވޯޓްގެ މައްސަލައެވެ. އެލިޖިބިލިޓީ އާ ގުޅޭ ތަފާތު 3 މައްސަލަ ފާހަގަކޮށްލެވެއެވެ.

ވެލެންސިއާގެ ސައްހަ އެންޑޯސްމަންޓް ލިބުނީ ކޮން ކެންޑިޑޭޓަކަށް؟

އެލިޖިބިލިޓީގެ ފުރަތަމަ މައްސަލައަކީ ވެލެންސިއާގެ އެންޑޯސްމަންޓް ލިބުނީ ކޮންކެންޑިޑޭޓަކަށް ކަން ނޭންގުމެވެ. އޭއެފްސީގެ ބޮލުގައި މިކަން އަޅުވަން އުޅުމަކީ ޗެއަރަމަން އަބްދުއްލާ އަލީގެ އިނގިލިފުޅު ފިހިދާނެ ކަމެކެވެ. އަދި އޭއެފްސީއާ ނުލާ އަމިއްލަ އަމިއްލެއަށް މިކަން ނިންމަވައިފިނަމަ އިނގިލިފުޅު ބުރިވެސް ވެދާނެއެވެ. ކޮމިޝަނަރުގެ ލަފައެއް ހޯއްދެވުން ނޫން ގޮތެއް ނެތެވެ. ކޮމިޝަނަރަކީ ކްލަބްތަކާއި، އެސޯސިއޭޝަންގެ ރެޖިސްޓަރާއެވެ. ބެލެނިވެރި ފަރާތެވެ!

ވެލެންސިއާއާއި ގްރީންސްޓްރީޓްސް އަށް ވޯޓްލުމުގެ ހައްގު އޮތްތޯ ނެތްތޯ؟

އެލިޖިބިލިޓީގެ ދެވަނަ މައްސަލައަކީ ވެލެންސިއާ އާއި ގްރީންސްޓްރީޓްސް ގެ މައްސަލައެވެ. ކުރީ ސީޒަންގައި ލީގްގެ މެދުތެރޭ ކުޅުންހުއްޓާލިހުއްޓާލުމާ ގުޅިގެން އެދެކްލަބަށް މިކޮންގްރެސްގައި ވޯޓިންގް ރައިޓްސް އޮތްތޯ ނެއްތޯ އެވެ. އެހެންނަމަވެސް ދެކެންޑިޑޭޓުންވެސް، އެދެކްލަބްގެ ވޯޓް ހޯދުމުގެ ސިޔާސީ މަގްސަދުގައި، ބަސްފުޅެއް ވިދާޅުނުވެ ތިއްބެވި ތިއްބެވުން ފެންނާނީ، ކުޅިވަރުގެ އުންސުރެއް މުގުރާލަންވެސް ތައްޔާރަށް ތިއްބެވިކަމަށެވެ.

މިވަގުތު މިކަމާބެހޭގޮތުން ބަހެއް ބުނެފައި އޮތީ ސެކްޓްރީ ޖެނެރަލް ޖައުޝަން ޝަރީފެވެ. އެމަނިކުފާނު ވިދާލުވެފައި އޮތީ އެދެކްލަބް ވެސް އެއްވަނަ ޑިވިޒަންގައި އޮންނާނެކަމަށެވެ. މީގެ މައުނައަކީ ވޯޓްލުމުގެ ހައްގާ އެކުތޯ ނުވަތަ ނޫންތޯއެވެ؟ 

ވެލެންސިއާ އާއި ގްރީންސްޓްރީޓްސް އިން ލީގްކުޅުން ހުއްޓާލި މައްސަލައިގައި، އެފްއޭއެމްގެ ޖުޑިޝަލް ބޮޑީއަކުން، ސެކްޓްރީޖެނެރަލްގެރައުޔޫއަށް ތާއީދުކޮށްފިނަމަވެސް، އެސޯސިއޭޝަންގެ މަތިން، ގާނޫނުގެ މަފްހޫމްތަކަށް ރިޔާއަތްކޮށް ކޮމިޝަނަރަށް ނިންމުމެއް ނިންމިދާނެކަމެކެވެ.

އިންގިރޭސި ޕްރެމިއަރލީގްގެ މެންޗެސްޓަރސިޓީއާއި އާސެނަލް ކުއްލިއަކަށް، ލީގް ނުކުޅެވޭނަކަމަށް ބުނުމަކީ ކޮންކަހަލަ ކަމަކަށްވާނެކަން ޚިޔާލަށް ގެންނަވާށެވެ! ދުނިޔޭގެ ކޮން ގައުމެއްގާތޯ ޕްރެމިއަރ ލީގް ފޯފިޓްކުރުމުން އަދަބު ނުލިބޭނީ؟ ވޯޓްލުމުގެ ހައްގު އެހިސާބުން ގެއްލުނީއެވެ.

ޒޯން މަންދޫބަކީ ކާކުކަން އޮޅުންފިލުވުން

އެލިޖިބިލިޓީގެ ތިންވަނަ މައްސަލައަކީ ރާއްޖެތެރެެ ތަމްސީލްކުރާ 9 "ރެޕްރެޓެޓިވް ވޯޓް" ގެ މައްސަލައެވެ. މިއީ އަދި މާބޮޑު މައްސަލައެކެވެ. މިކަމަކީ، މިހާރު އެފްއޭއެމް ހިންގަވަން ތިއްބެވި ބޭފުޅުން ސިއްރުކުރައްވައިގެން އުޅުއްވާކަމެކެވެ. ސުވާލުތައް ނުހަނު ގިނައެވެ. މިވަގުތު އުފަންވާ ފުރަތަމަ ސުވާލަކީ، ޒޯން މަންދޫބުންގެ ނަމާއި، އައިޑެންޑިޓީ ހާމަކުރަންޖެހުމެވެ. އަދި އައިޑެންޓީޓީ ހާމަކުރުމާއިއެކުއެކީ، އެސަޙްސް މަންދޫބަކަށް ވީ އިޖްރާއަތްތައް ވެސް ހާމަކުރުމެވެ.

ސުވާލަކީ، ނުވަ ޒޯނުން މިފަހަރުވެސް 64 ކްލަބް ޕްރެމިއަރލީގް ކޮލިފިކޭޝަންގައި ބައިވެރިވިއިރު، ޒޯންކްލަބަތަކުގެ ރެޕްރެޒެންޓޭޝަން ނުވަތަ ތަމްސީލްކުރާ ނިސްބަތް، އެންމެ ނުވަ ވޯޓް، ނުވަތަ %25 ގައި ހިފެހެއްޓިފައި މިއޮތީ ކީއްވެތޯއެވެ؟ މިކަމާބެހޭގޮތުން މިހިނގާދިޔަ ހަތަރު ކޮންގްރެސްގައި ކުރެވިފައިވާ މަޝްވަރާތަކުގެ ޔައުމިއްޔާތަ ފެންނާކަށް ނެތެވެ. ކޮންގްރެސް ރިޕޯޓްތަކަކީ، ޖަމިއްޔާގެ ވެބްސައިޓްގައި ހާމަކުރަންޖެހޭ ރިޕޯޓްތަކެވެ. އެފްއޭއެމްއަކީ ސިއްރުވެރި ޖަމާއަތެކެވެ.

މިސުވާލުތަކުން އުފެދޭ ބޮޑު ސުވާލު، ނުވަތަ ޑިމޮކްރެޓިކް މަފަހޫމަކީ، މެޖޯރިޓީ ޒޯން ކްލަބަތަކަށް މަދު ވޯޓް، ލިބިފައި މައިނޯރިޓީ ކްލަބަތަކަށް ގިނަވޯޓް ލިބެނީ ކީއްވެތޯއެވެ؟ އެފްއޭއެމްގެ ސްޓެޓިއުޓްސްގެ އާޓިކަލް 10 ޕެރާ 1 ގެ "އޭ" އާއި "ބީ" ގައި އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖް، ނުވަތަ ކޮންގްރެސްވޯޓް، މިހާ ބޭއިންސާފުކޮށް "ކެޕް" ކޮށްފައި، ނުވަތަ ހަނިކޮށް ހިފަހައްޓާފައި  މިވަނީ ކީއްވެތޯއެވެ؟ ކޮންމެ ޒޯނަކަށް 6 ކްލަބްގެ ކޯޓައެއްދީ އިލެކްޓޯރަލްކޮލެޖް އިންސާފުވެރިކޮށް ހަމަހަމަ އުސޫލަކުން ފުޅާ ނުކޮށް މިއޮތީ ކީއްވެތޯއެވެ؟ މިއީ ގާނޫނު އަސާސީއާ ޙިލާފްކަމަކަށްވާއިރު، މިކަން ގާނޫނުގެ ތެރެއަށް ބައްޓަންކުރެވިފައި ނުވަނީ ކީއްވެތޯއެވެ.

ކުރިމަގު

އެފްއޭއެމް މިވަގުތު އެއޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައެވެ. އެފްއޭއެމްގެ އިންތިހާބު އަނެއްކާވެސް އޮޅުވާލަން އުޅެނިކޮށް، މިހާރު އެކަން ވެސް އެއޮތީ ބޭޒާރުވެފައެވެ. ކޮމިޝަނަރް އޮފް ސްޕޯޓްސް، އޭނާގެ ގާނޫނީ މޭންޑޭޓާ އެއްގޮތަށް މައްސަލައިގެތެރެއަށް ވެދެވަޑައިގެންފަ އެވެ.

ކުރިއާ ޙިލާފަށް މިހާރު މިހުންނެވި ކޮމިޝަނަރަކީ، އެކަމަށް ގާބިލް ފޭފުޅެކެވެ. ދާދި އެހަކަށްދުވަހު،  21 ޑިސެމްބަރު 2023 ގައި ރައީސް މުހަންމަދު މުއިޒް، ކޮމިޝަނަރަ އޮފް ސްޕޯޓްސް އަކަށް އެޕޮއިންޓް ކުރެއްވި މުހަންމަދު ތޮލާލަކީ، މިމަސައްކަތަށް ކުފޫ ހަމަވާ ބޭފުޅަކަށް ވާނެކަން އެގެނީ އެމަނިކުފާނުގެ ސީވީ ބައްލަވާލެއްވުމުންނެވެ. މުހަންމަދު ތޮލާލަކީ، ދިގު މުއްދަތަކަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ، މޯލްޑިވްސް އޮލިމްޕިކްކޮމިޓީގެ ނައިބުރައީސްވެސް މެއެވެ. ބައިނަލްއަގުވާމީ ކުޅިވަރުގެ ތަޖްރިބާގެ އިތުރުން، ގަވަންނަންސްގެ މަފްހޫމްތަކަށްވެސް އެމަނިކުފާނު ހުޝިޔާރު ވާނެކަން އެނގެއެވެ. މުހަންމަދު ތޮލާލަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، ޕީޕީއެމް ގެ ސެކްޓްރީޖެނެރަލްކަންވެސް، ދާދި ފަހާޖެހެންދެން ކުރައްވާފައިވާ ބޭފުޅެކެވެ.

ވީމާ، އެފްއޭއެމް މިހާރު އެއޮތީ އެއްދަރަޖަ ފަހަތުގައެވެ. އެއީ ރާއްޖޭގެ ޖޫރިސްޑިކްޝަންގެތެރޭ، ބައިނަލްއަގުވާމީ މުއާހަދާތަކާއެއްގޮތަށް ހިންގާ އިސްލާހީ ކަންކަމުގެތެރެއަށް، ބައިނަލްއަގުވާމީ ޖަމިއްޔާތައް ވަދެ ގަދަދައްކާ، ސަސްޕެންޑްކުރާނެކަމަށް ދެއްކިބިރު ފޭކް ވާހަކައަކަށް ވެފަ އެވެ.

މިއީ އެފްއޭއެމްގެ ސްޓެޓިއުޓްސްގެ 10 ވަނަ މާއްދާގައި އެބުނާ 44 ގެ އިލެކްޓޯރަލްކޮލެޖްއަށް ރުޖޫއަވެ، ޒޯންކްލަބްތަކަށް އިލެކްޓޯޜަލްކޮލެޖްގެ ހައްގު މެޖޯރިޓީ ދޫކޮށްލާ، ގާނޫނުއަސާސީއާއއި، 2009 ގެ ލާމަރުކަޒު ގާނޫނާއި، 2015 ވަނަ އަހަރުގެ ކުޅިވަރުގާނުނގެތެރެއަށް އެފްއޭއެމް ވައްދާ، ސައްހަ އިންތިބާކަށް އަލުން ހުޅަުވާލާ، ކުރީގެ އެފްއޭއެމް "ސައިޒްކުރާ" އިންތިހާބަށް ވާނެއެވެ.

އެފްއޭއެމްގެ އައު އިލެކްޓޯރަލް ކޮލެޖް

އެފްއޭއެމްގެ އައު އިލެކްޓޯރަލް ކޮލެޖް ކަމުގައި ހުށަހަޅާ އެއްހުށަހެޅުމަކީ، 2016 ވަނައަހަރު އިތުރުކުރި އިންތިގާލީ، ނުވަތަ ޓްރާންސިޝަނަލް ކްލޯސް، އާޓިކަލް 83 ގެ ޕެރާ 1 އާއި 2 އަބުރާ ގެންދިއުމެވެ. އެއަށްފަހު، މާލޭގައި ދެޑިވިޒަނަށް މިކުޅޭ 18 ކްލަބް ޒޯން-9 ގެތެރެއަށް ވެއްދުމެވެ. އެއަށްފަހު ދެންއޮތް 8 ޒޯނަށް، ޒޯނަކަށް 6 (ހައެއް) ކްލަބްގެ މަގުން 48 ކްލަބަށް ވޯޓްލުމުގެ ހައްގު ދިނުމެވެ.

މިއިސްލާޙްތައް ގެނައުމަށްފަހު ކޮންގްރެސްއަކަށްދާއިރު، ކުރިމަތިލާ ކެންޑިޑޭޓުންނަށް ޖެހޭނީ ރާއްޖެތެރޭގެ 48 ވޯޓްގެ ތާއީދުވެސް ހޯދާށެވެ. އަދި ޒޯން-9 ގެ 26 ވޯޓަށްވެސް ވާދަކުރާށެވެ. އަދި އިންޓަރެސްޓްގްރޫޕްގެ 9 ވޯޓަށްވެސް ވާދަކުރަން ޖެހުމެވެ. އެފްއޭއެމްގެ އިންސާފުވެރި އިލެކްޓޯރަލް ކޮލެޖެއްގައި ޖުމްލަ 83 ވޯޓް އޮންނާނެއެވެ. އެއީ:

މާލެ، ނުވަތަ، ޒޯން-9 ކަށް 18 ކްލަބާއެކު 26 ވޯޓް ނުވަތަ %31

  • ޒޯން-1 ން ޒޯން-8 ކަށް ޒޯނަކަށް 6 ވޯޓްގެމަގުން 48 ކްލަބަށް 48 ވޯޓް ނުވަތަ %58
  • އިންޓަރެސްޓްގްރޫޕްގެ 9 ވޯޓް ނުވަތަ %11

މިފަދަ އިލެކްޓޯރަލްކޮލެޖަކުން އިންތިހާބުކުރެވޭ ރައީސަކީ، ފުޓުބޯޅަ ލާމަރުކަޒުކުރާނެ ރައީސްއެވެ. ގެއްލިފައިވާ ސަރަހައްދުގެ ރަންމަގާމަށް އިންޑިޔާ ބަލިކުރަން ނިކުންނާނެ ރައީސެވެ.  

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް