އީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދު ރަހީމް ވިދާޅުވީ އިންތިހާބު ބާއްވާ ދުވަސް މިއަދު އިއުލާނުކުރަން ނިންމާފައިވީ ނަމަވެސް އެކަން ފަސްކޮށްލަން އީސީ ނިންމާފައިވާކަމުގަ އެވެ.
ހަބީބް ވިދާޅުވީ މިކަން ކުރަން ނިންމާފައިވަނީ މިދިޔަ ހަފްތާގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން އެ ކޮމިޝަންއަށް ސިޓީއެއް ލިބިފައިވުމުން ކަމަށެވެ.
ހަބީބް ހާމަ ކުރެއްވި ގޮތުގައި އެމްޑީޕީއާއި އެކު މަޝްވަރާ ކުރުން މާދަމާ އޮންނާނެކަމަށާއި އިތުރަށް ނިންމަން ޖެހޭ ކަމެއް ނިންމާނީ އެ ކޮމިޝަނުން މިކަމާއި މެދު މަޝްވަރާ ކުރުމަށް ފަހު ކަމުގަ އެވެ.
ރޯދަ މަހު އިންތިހާބު ބާއްވާނަމަ ކެންޑިޑޭޓުންގެ ކެމްޕޭނުގެ ކަންކަމާއި އަދި އެ ކޮމިޝަންގެ މުވައްޒަފުން މަސައްކަތް ކުރުމަށް ވެސް ބޮޑެތި ދަތިތަކާއި އުނދަގޫތައް ކުރިމަތިވާނެ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ. ނަމަވެސް، ކޮމެޓީން ނިންމާފައި ވަނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެވެ.
އިންތިހާބުގެ ތާރީހު ކަނޑައެޅުމަށް އީސީން އަންނަނީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރަމުން ނެވެ.