ads
ހަސަން ވަހީދު
ވެލެންސިޔާގެ ކޯޅުމުގެ އަނެއް ފަޅި
މި މަހުގެ 31 ވަނަ ދުވަހު ބާއްވަން އިއުލާންކޮށްފައިވާ، އެފްއޭއެމްގެ އިންތިހާބާއެކު އުފެދުނު ވެލެންސިޔާގެ އެތެރޯގެ ކޯޅުމުގައި، ބައްސާމަށް ތާއީދު ކުރާ ފަޅިން، ކްލަބުގެ ޗެއާމަން އަބްދުﷲ އަޒްމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ ބައްސާމްގެ ކެންޑިޑޭޓް މުފާވިޒް ހާޝިމްއަށް ވެލެންސިޔާގެ އެންޑޯޒްމެންޓް ސިޓީއެއް ނާއިބު ރައީސް ސޮއިކޮށް ދީފައިވާއިރު، އަޒްމީން ސޮއިކޮށް ދީފައިވާ އެންޑޯޒްމެންޓް ސިޓީ އޮތީ ޓޮމްއަށެވެ.

ވެލެންސިޔާގެ ކޯޅުމުގެ ތެރެއިން ޗެއާމަން އަޒްމީނަށް ތުހުމަތުތަކެއް ކޮށްފައި ވަނީ އެފްއޭއެމް އިންތިހާބުގައި ވާދަކުރައްވާ މުފާވިޒްގެ ކެންޑިޑެސީ ހުށަހެޅި އިރު އޭނާ ހުށަހަޅާފައިވަނީ ވެލެންސިއާގެ "ފޯޖް" ސިޓީ އެއް ކަމަށް ބުނެ މައްސަލަ ޕޮލިހަށް ހުށަހަޅާފައި ވަނިކޮށެވެ.

ވެލެންސިޔާގެ ޑިރެކްޓާ އޮފް ފައިނޭންސް ހަސަން ވަހީދު (ދޮނާ) މިއަދު ވިދާޅުވީ، "ޕްރެޝަރު ބޮޑު ވެގެން" މަގާމުން އިސްތިއުފާ ދޭން ނިންމައި އަޒްމީން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަޓްސްއެޕް މެދުވެރިކޮށް ކްލަބްގެ ދެ މެމްބަރަކަށް އިސްތިއުފާ ސިޓީ ފޮނުވައި، ފަހުން ޑިލީޓް ކޮށްލައިފައި ކަމަށެވެ. އަދި ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އަޒްމީން އަށް ވެލެންސިއާ ތަމްސީލު ކުރުމުގެ ހައްގެއް ނޯންނާނެ ކަމަށާއި އޭނާ އެކަން ކުރީ ނުގަވައިދުން ކަމަށެވެ. 

ސަބަބަކީ 26 ވަނަ ދުވަހު އަޒްމީންގެ އިސްތިއުފާ ސިޓީއެއް ލިބިފައި ވާތީ އާއި އޭގެ ކުރިން ހަމަ އެ ދުވަހު ކްލަބްގެ ބޯޑުން، ނޯ ކޮންފިޑެންސް ވޯޓަކުން އަޒްމީން މަގާމުން ދުރުކޮށްފައި ވާނެ ކަމަށެވެ. ވެލެންސިއާގައި އޮންނާނީ ކްލަބްގެ އެންމެ ތައްގަނޑެއް ކަމަށާއި، 26 ވަނަ ދުވަހަށް ފަހު އަޒްމީން އަތުން އެ ތައްގަނޑު އަތުލާފައި ވާނެ ކަމަށް ވެސް ހަސަން ވަހީދު ވިދާޅުވި އެވެ.

ވެލެންސިއާގެ ޗެއާމަންކަމަށް އަޒްމީން އައްޔަނު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އަދި 26 ވަނަ ދުވަހަކީ ސްޕޯޓްސް ކޮމިޝަނުން އެ ކްލަބްގެ އާ ހިންގާ ކޮމިޓީ ރަޖިސްޓްރީ ކުރެވި، ރަސްމީކޮށް އަޒްމީން މަގާމާ ހަވާލުވި ދުވަހެވެ.

ވެލެންސިޔާގެ ކޯޅުމުގެ ތެރެއިން އެއް ފަޅިން އަޒްމީންގެ އިތުބާރު ނެތް ކަމަށް ނިންމާފައިވާ ކަމަށާއި އަދި އިސްތިއުފާ ދީފައިވާ ކަމަށް ބުނި ނަމަވެސް އަޒްމީން ވަނީ އޭނާ ވެލެންސިއާގެ ޗެއާމަން ކަމުން އިސްތިއުފާ ނުދެއްވާ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް