މެންބަރު ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ ވަޒީފާ އަދާކުރާ ފަރާތްތަކުން މާލީ އެހީތެރިކަމުގެ ޕެކޭޖުގައި ހިމެނުން މުހިންމުކަމަށާއި ގިނަ އާއިލާތަށް ބަރޯސާވެފައި ތިބެނީ އެއާއިލާއެއްގައި ތިބޭ މަސައްކަތްތެރިންނަށް ލިބޭ އާމްދަނީއަށް ކަމަށެވެ.
ރިޔާޒު މިހެން ވިދާޅުވެފައި މިވަނީ މާލީ އެހިތެރިކަމުގެ ޕެކޭޖުގެ ދަށުން ކުދި ވިޔަފާރިތަކުން ލޯނަށް އެދި ހުށައެޅުމަށް އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ޕެކޭޖުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އާއި އެސްޑީއެފްސީއިން ކުދި އަދި މެދެ ފަންތީގެ ވިޔަފާރިތަކަށް ލޯނަށް އެދި ހުށައެޅޭނެއެވެ.
ސަރުކާރުން ވަނީ މި ދަނޑިވަޅުގައި ވިޔަފާރިތަކަށް ދިމާވެދާނެ ދަތިކަށް ހައްލު ހޯދައިދިނުމަށް 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ އެހިތެރިކަމުގެ ޕެކޭޖެއް ކަނޑައަޅާފައެވެ. މިޕެކޭޖުގެ ދަށުން، ދެ ބިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު ހާމަކުރައްވާފައި ވާއިރު، މި ލޯނުތައް ދޫކުރާނީ 6 ޕަސެންޓުގެ އިންޓެރެސްޓް ރޭޓަކާއި އެކު، ތިން އަހަރު ދުވަހުން ދައްކާގޮތަށެވެ. މި ލޯނުތައް ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަށް ލިބިގެންދާނެއެވެ.