ads
އެންމެ ފަހުން ދިވެހި ސަފީރު އިންޑިޔާގެ އެކްސްޓަރނަލް މިނިސްޓްރީއަށް ހާޒިރު ކުރަނީ
ދިވެހި ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރަށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރި މައްސަލަ ހޫނުވެ، އެންމެ ފަހުން އިންޑިޔާގައި ހުންނަވާ ދިވެހި ސަފީރު އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުވާން އަންގައިފިއެވެ.

އިތުބާރު ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ނިއު ދިއްލީގައި ހުންނަވާ ދިވެހި ސަފީރު، އިބްރާހިމް ޝަހީބު، އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރު ކުރަނީ މިއަދު ހެނދުނު 9:00 އަށެވެ.

އާންމު ގޮތެއްގައި ސަފީރުން ހާޒިރު ވުމަށް އަންގަނީ، ދެ ގައުމުގެ ދެމެދުގައި އުފެދޭ ބޮޑެތި މައްސަލަތަކާ ގުޅިގެންނެވެ. މިވަގުތު ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ ޑެޕިއުޓީ މިނިސްޓަރުން މޯދީ އަށް މަލާމަތް ކުރި މައްސަލަ އެވެ. އެ ތިން ޑެޕިއުޓީ މިނިސްޓަރުން މި ވަގުތު ތިބީ ސަސްޕެންޑްކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމަތް ރައްދު ކުރެއްވި ބޭފުޅުންނަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމުގައި ދިވެހި ސަރުކާރުން ކުރިންވަނީ ބުނެފައެވެ. އަދި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރީ އޭގެ ފަހުންނެވެ.

ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓް ތަކަށް އިޝާރާތް ކުރައްވާ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، އެފަދަ ވާހަކަ ތަކަކީ، އެ ފަރާތްތަކުގެ އަމިއްލަ ހިޔާލާއި ވިސްނުންފުޅު ކަމަށެވެ. އަދި އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތު ދޭހަކޮށްދޭ ވާހަކަ ތަކެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެއިތުރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރު ކަމާއެކު ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ނަފުރަތާއި ރުޅިވެރިކަން ނުފެތުރޭނެހެން، ގައުމުތަކާ އެކު އޮންނަ ގުޅުންތައް ހީނަރު ނުވާނެހެން ފަދަ ގޮތަކަށް ކަން ކުރެއްވުމަށްވެސް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް