
ސްޕޯޓްސް ކޮމިޝަރުގެ މަގާމާއެކު ކުޅިވަރު މެނެޖްމަންޓް ކުރިއަރުވަން ދައުލަތުގެ ހާއްސަ މުއައްސަސާއެއް އުފެދުނީ އެވެ. ކުޅިވަރުގެ މިފަދަ މެނޑޭޓްތައް ދައުލަތްތަކުން އުފައްދަން ފެށީ ކުޅިވަރު ބައިނަލް އަގުވާމީ ހަރަކާތަކަށް ބަދަލުވުމުން ނެވެ. މިބަދަލުގެ ސަބަބުން ގްލޯބަލް ކުޅިވަރު ނެޓްވާކްތައް އުފެދިއްޖެ އެވެ. ފީފާ އަކީ ދުނިޔޭގެ ފުޓުބޯޅަ ނެޓްވާކެވެ. ދުނިޔޭގެ ފުޓުބޯޅަ ނެޓްވާކް މެނެޖްކުރާ ޖަމާއަތެވެ. އޭއެފްސީއަކީ އޭޝިއާގެ ފުޓުބޯޅަ ނެޓްވާކް (ކޮންފެޑެރޭޝަން) މެނެޖްކުރާ ޖަމާއަތެވެ.
ވީމާ ފީފާ ފަދަ ބައިނަލް އަގުވާމީ ފުޓުބޯޅަ ނެޓްވާކްއަކާ މުއާމަލާތް ކުރާނެ ރާއްޖޭގެ، އާދެ، ދައުލަތުގެ ޕޯކަލްޕޮއިންޓެއް ހުންނަންޖެހެ އެވެ. ސްޕޯޓްސް ކޮމިޝަނަރަކީ މިއީ އެވެ. ކޮމިޝަނަރުގެ ބައިނަލް އަގުވާމީ ޕާޓްނަރަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއެވެ.
ކޮމިޝަނަރު އުފެދުމުން ކުޅިވަރަށް ކުރިއެރުން ލިބޭނެ
މީގެ ގާތްގަނޑަކަށް 15 އަހަރުކުރިން 2008 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި އެއިރުއޮތް ނޫ ގާނޫނު އަސާސީ، ފެހި ގާނޫނު އަސާސީ އަކަށް ބަދަލުކުރި އެވެ. ފެހި ގާނޫނު އަސާސީގެ ދަށުން ވެރިކަމުގެ ނިޒާމަށް ގެނެވުނު ބަދަލުތަކާގުޅިގެން ކުރީގެ ނިޒާމްގެތެރެއިން، ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށް ހުރަސްއެޅި، ހިފެހެއްޓިފައި ހުރި އެތައް ކަންތައްތަކެއް ހުއްޓެވެ. ކުޅިވަރުގެދާއިރާއިން ހިފެހެއްޓިފައި ހުރި ތިން ކަމެއް ފާހަގަކުރެވެއެވެ.
ޑިމޮކްރަޓައިޒްކުރުން - ކްލަބްތަކާއި އެސޯސިއޭޝަންތައް ޑިމޮކްރަޓައިޒްކޮށް، އިންތިހާބު ކުރާ ޖަމިއްޔާތަކަށް ބަދަލު ކުރަންޖެހެ އެވެ. ކުރިއެރުމެއް ނުލިބި މިކަމުގައި ހިފާތާ މިވީ ފަނަރަ އަހަރެވެ.
ލާމަރުކަޒު ކުރުން - 1986 އިން ފެށިގެން ފުޓުބޯޅަ ވަނީ ލާމަރުކަޒު ކުރަން ފަށާފަ އެވެ. މާލެ ހިމަނައިގެން ނުވަ ޒޯން އުފައްދާފަ އެވެ. އެހެން ނަމަވެސް، ޒޯން ޗެމްޕިޔަނުން ގައުމީ ލީގަކަށް ކޮލިފައިވާ އުސޫލްތަކަކާއި، އެއްވަނަ ޑިވިޒަން، ނުވަތަ ޕްރެމިއާ ލީގް، ވާދަކުރާނެ އުސޫލް އޮތީ ގާއިމް ނުކުރެވި އެވެ. ދަނޑު އެޅިއްޖެ އެވެ. އެހެން ނަމވެސް ލާމަރުކަޒު ކުރުން މިހާރު އޮތީ ހުއްޓާލާފަ އެވެ.
ކޮމިޝަނަރު – ކުޅިވަރު ގާނޫނެއް މެދުވެރިކޮށް ސްޕޯޓްސް ކޮމިޝަނަރެއް އުފެދެން ވެއްޖެތާ އަހަރުތަކެއް ވެއްޖެ އެވެ. މިއަދު މިފަދަ ގާނޫނެއް ވަނީ ލިބިފަ އެވެ. ކުޅިވަރު ގާނޫނަކާއެކު ގާނޫނު ނަމްބަރު 2015/30 ގެ ދެވަނަ ބާބުން ކޮމިޝަނަ އޮފް ސްޕޯޓްސް އުފެދުނީ އެވެ. (މާއްދާ 6 ން 11 ށް)
ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ގާނޫނު ހުރެ، ތަންފީޒުނުކުރެވި މިވަނީ ތިން ސިޔާސަތެކެވެ. މިތިން ސިޔާސަތަކީ ސަރުކާރު ބަދަލުވި ނަމަވެސް، ލޮޅުމެއް ނާރާ ހިންގަން ޖެހޭ ސިޔާސަތުތަކެކެވެ.
- ކްލަބްތަކާއި، އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ޑިމޮކްރަޓައިޒްކުރުން (ކޮމިޝަނަރުގެ ވާޖިބު)
- ޒޯންތަކަށް ކުޅިވަރު ލާމަރުކަޒުކުރުން (މިނިސްޓަރުގެ ވާޖިބު)
- ކޮމިޝަނަ އޮފް ސްޕޯޓްސް އުފެއްދުން (ކުރީގެ ތިން ކޮމިޝަނަރުން، ކޮމިޝަނަރުންނަކަށް ނުވި!)
މިހާތަނަށް ގާއިމްކުރެވިފައިވަނީ ކޮމިޝަނަރެއް އެކަންޏެވެ! ކޮމިޝަނަރުގެ މަސައްކަތް މިފެންނަން ފެށީ ހަތް އަހަރު ފަހުން އަދި ކިރިޔާ އެވެ.
އެހެން ދާއިރާތައް ލާމަރުކަޒު ކުރަމުން ގެންދިޔަ ނަމަވެސް، ކުޅިވަރު ދާއިރާ އޮތީ ފަހަތުގަ އެވެ. ލާމަރުކަޒެއް ނުކުރެ އެވެ. ޒޯންތައް ގެޒެޓްކޮށްފައެއް ނުވެ އެވެ. ކުރީގެ ތިން ކޮމިޝަނަރުންނަކީ ވެސް، ކޮމިޝަނަރުންނެއް ނޫން ކަމަށްވުމުން، އެމަގާމުގެ ގާނޫނީ މެންޑޭޓް ވެސް އޮތީ ކްލަބްތަކާއި އެސޯސިއޭޝަންތަކަށް އޮޅުން ފިލުވައިނުދެވި އެވެ. ނަތީޖާއަކީ އެފްއޭއެމަށް ވެސް މިކަން ނޭނގި، ފީފާ އޭ އޭއެފްސީ އޭ ކިޔާ، ގޮތްދޫނުކޮށްް ކަންކަން ކުރު މެވެ. ކްލަބްތަކާއި އެސޯސިއޭޝަންތައް ހިންގަންވީ ގޮތް ވެސް އެ ފަރާތްތަކަށް އޮޅުމެއް ނުފިލަ އެވެ. ކުޅިވަރު ގާނޫނެއް އޮތް ނަމަވެސް އެ ގާނޫނު ތަންފީޒެއްނުކުރެވެ އެވެ.
އާ ސިޔާސަތު:
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ޕީއެންސީ އިން އެކުލަވާލި ސަރުކާރުން ކުޅިވަރު މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ. ކުޅިވަރު ވުޒާރާގެ ނަން، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއަށް ބަދަލު ކުރައްވައިފި އެވެ. ޒުވާނުންނަށް އިތުރު މިނިސްޓްރީއެއް އުފައްދާ، ދެބައި ވަކިކޮށްލީ އެވެ.
ކުޅިވަރު ވުޒާރާގެ ނަން ބަދަލު ކުރުމާގުޅިގެން، ހިޔާލަށްގެނެވޭ ބައިނަލް އަގުވާމީ ކުޅިވަރުގެ މަފްހޫމްތަކުން ކުޅިވަރު ވުޒާރާގެ މެންޑޭޓް ތަރުޖަމާ ކުރެވިދާނެ އެވެ. އާ މިނިސްޓްރީގެ ނަން ކިތަންމެ ފުރިހަމަވީނަމަވެސް، އެ ނަމުން ދޭހަވާ މެންޑޭޓާއި އެއްގޮތަށް ކަންކަން ހިނގާނެތޯ ނުވަތަ ނޫންތޯ އެއީ ވަކިކަމެކެވެ. މިކަން އަަދި އޮތީ ކުރިއަށެވެ. އެހެން ނަމަވެސް ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި އައްޔަންކޮޮށްފައި ހުންނެވި ކޮމިޝަނަރުގެ މަސައްކަތް، ގާނޫނާ އެއްގޮތަށް ކުރިއަށްގެންދާތަން ފެނުމަކީ ހަމަ އެންމެންގެ ވެސް ހިތްހަމަޖެހުމަކަށް ވާނެކަމެކެވެ.
ފުޓުބޯޅަ އިންތިހާބު
އާ ކޮމިޝަނަރު މަގާމާ ހަވާލުވިތާ މަސް ދުވަސް ނުވަނީސް، ކުރިމަތި ކުރުވި ފުރަތަމަ ބޮޑު ޗެލެންޖަކީ، 17 ޑިސެމްބަރ 2023 ގައި އެފްއޭއެމްގެ އެކްސްކޯއިން އިއުލާނު ކުރި ފުޓުބޯޅަ އިންތިހާބެވެ. ކޮމިޝަނަރުގެ ފުރަތަމަ ޓާގެޓަކަށް އެރީ މި އިންތިހާބެވެ. ދެ ސަރުކާރާއި، ތިން ކޮމިޝަނަރުންނަށް އަތްނުލެވިފައި އިން ހޫނު ސައިތައްޓެއް ފަދަ ފުޓްބޯޅަ އެސޯސިއޭޝަން ކޮމިޝަނަރުގެ ޓާގެޓަށް އެރީ އެވެ!
އާ ކޮމިޝަނަރާ ހިސާބަށް މައްސަލަ އައިއިރު އެފްއޭއެމް ވަނީ ކެކިކެކި ހުރި ސައިތައްޓަކަށް ބަދަލުވެފަ އެވެ. އެންމެ ފަހުން އެފްއޭއެމް އޮފީހަށް ފުލުހުން ވަދެ، މިހާރު އެ ވަނީ، ރައީސް ބައްސާމް އަދީލް ޖަލީލަށާއި އެކްސްކޯ މެމްބަރުންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ އުފުލުމުގެ ތުންފަތްމަތީގަ އެވެ. ކޮމިޝަނަރުގެ ޓާގެޓަށް އެފްއޭއެމް އެރިއިރު، މުޅި ފުޓުބޯޅަ ނިޒާމް އޮތީ ރޫޅި، ހަލާކުވެފަ އެވެ.
ޓޮމް ފޯމް ހުށަހެޅުއްވުމަށް ފަހު
މި ފަސްމަންޒަރުގެތެރޭ ހަރަކާތްތެިވާންފެއްޓެވި ކޮމިޝަނަރު އެ ވެދެވަޑަގެންނެވީ ކަށިކުނބުރު ވަލަކަށް ކަމަށް ބައެއް ބޭފުޅުން ހީފުޅުކުރައްވަފާނެ އެވެ. އެހެން ނަމަވެސް ކަން އޮތީ މާ ސާފުކޮށްވެ. ފުރަތަމަ ކަމަކަށް، ވެލެންސިއާއިން ސަރުކާރު ކެންޑިޑޭޓް ތޯރިގަށް ދިން އެންޑޯސްމަންޓްގެ ސައްހަކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ ކޮމިޝަނަރަށެވެ. އެއީ ކޮމިޝަނަރަކީ ކްލަބްތަކުގެ "ރެޖިސްޓްރާ" ކަމަށް ވާތީ އެވެ.
ކުޅިވަރު ކްލަބްތަކާ، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކަކީ، ސްޕޯޓްސް ކޮމިޝަނަރުގެ ބެލުމުގެ ދަށުން ހިންގަންޖެހޭ އިންތިހާބުތަކެކެވެ. ކޮމިޝަނަރަކީ، ކްލަބްތަކާއި އެސޯސިއޭޝަންތަކުގެ "އިލެކްޝަންސް ކޮމިޝަނަރު" ވެސް މެއެވެ. އެފްއޭއެމް އަށް ވެގެން މިއުޅޭގޮތަކީ، މިހަގީގަތް އޮޅުންފިލާފައި ނެތުމެވެ. ތަންދޮރު ނޭނގުމެވެ.
ވީމާ ފުޓުބޯޅަ އިންތިހާބު ދެން ކުރިއަށްދާނީ، ކޮމިޝަނަރަ ވިދާޅުވިގޮތަށް، ފީފާ އާއި އޭއެފްސީގެ ރައުޔޫއެއް ހޯދުމަށް ފަހު އެވެ. މިހުކުމުގެ ބޭރުން ހިންގާ އިންތިހާބަކީ، ސަރުކާރުން ވެސް، އަދި ފީފާ / އޭއެފްސީން ވެސް ބަލައިގަންނަ އިންތިހާބަކަށް ނުވާނެ އެވެ. މިވަގުތުވެސް ފީފާ ގެ އޯޑިޓް ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާކަމަށް ހަބަރު ފެތުރެ އެވެ.
މުފާ ފޯމް ހުށަހަޅުއްވަނީ - ފޮޓޯ މިހާރު ނޫސް
ކުރިމަގު
ފުޓުބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގެ މައްސަލަ މިވަގުތަށް، މިހާހިސާބުން ނިމުނީ ކަމަށް ބަލަމާތޯ އެވެ. އެފްއޭއެމް ކަރަޕްޓްވެ، ވައްކަން ކުރަން ފެށީ ކީއްވެކަން ދެނެގަތުމަކީ ކޮމިޝަނަރުގެ ވާޖިބެކެވެ. އެހެން ނޫން ނަމަ، ދެން ވެސް އެފްއޭއެމް އޮންނާނީ މާލެއަށް ބުރަވެފައިވާ އިލެކްޓޯރަލް ކޮލެޖެއްގެ ސުޕަ މެޖޯރިޓީގެ ދަށުވެފައެވެ. މިވަގުތު ވެގެން މިއުޅޭގޮތަކީ މާލޭގެ ފުޓުބޯޅަ ކާޓެލް އިންތިހާބަށް ވަގުތީގޮތުން ދެފަޅިވާވު މެކެވެ.
އަވަސް އަރުވާލާފައި، އަންގާވެސްނުލާ، އިންތިހާބެއް ބާއްވަން އުޅޭ ސަބަބު އޮޅުންފިލުވަން ކޮމިޝަނަރު ބޭނުންފުޅުވީ ސަބަބާމެދު ވިސްނާލަން ޖެހެ އެވެ! އެފްއޭއެމ ރޫޅެން ދިމާވާންޖެހުނުގޮތުގެ ފޮރުވިފައިވާ ކަންކަން މިފަހަރު ހާމަކުރެވެންޖެހެއެވެ. މިހުނަރުވެރިކަން ކޮމިޝަނަރުގައި ހުރުން ގާނޫނުން ޝަރުތުކުރެ އެވެ. މިއީ ވެސް ކޮމިޝަނަރުގެ ވާޖިބެކެވެ.
މިސާލަކަށް، އަތޮޅުތެރޭގައި ދަނޑުތަކާއި ސްޓޭޑިއަމްތައް އަޅަމުންދާއިރު، ހަމައެކަނި މާލޭގެ އެންމެ ދަނޑެއްގައި ޕްރެމިއާ ލީގް ކުޅެމުން މިގެންދަނީ ކީއްވެތޯ ސުވާލު އުފެދެ އެވެ. ރަށްރަށުގައި ކުޅެ މޮޅުވާ ކުޅުންތެރިންނަށް އަދި ވެސް ޖެހެނީ މާލެއަށް ދިރިއުޅުން ބަދަލުކޮށް މާލޭގައި މިކުޅޭ ޕްރެމިއާ ލީގް ޓީމަކަށްކުޅެ، ގައުމީ ޓީމަށް ފޯރާތޯ މަސައްކަތް ކުރާށެވެ. އެހެން ނަމަވެސް ރަށު ކުޅުންތެރިޔާ ރަށުގައި ނުވަތަ ޒޯންގައި ހުރެ ޕްރެމިއާ ލީގް ކުޅެވޭގޮތްވުމުން، ކޮންމެ ދިވެހި ޒުވާނަކަށް ވެސް ގައުމީ ޓީމްގެ ހުވަފެން ހަގީގަތަކަށް ހަދަން ހަމަހަމަ ފުރުސޮތު ހުޅުވެ އެވެ. މިކަން ނުކޮށް އޮތީ ކީއްވެތޯ އުފެދޭ ސުވާލު ބޮޑުވެފައި އެހާމެ ފުން ވެސް މެއެވެ. ފުޓުބޯޅަ ޑިވެލޮޕްމަންޓަށް ކަނޑައެޅިގެން ހުރަސް އަޅާ މިކަމުގެ ސިއްރު އޮތީ އޮޅުން ފިލުވަންޖެހިފަ އެވެ. މިކަމަކީ ކޮމިޝަނަރު ވިސްނަން ޖެހޭ ކަމެކެވެ.
ފުޓުބޯޅަ ކުރިއެރުވުމުގެ ނަޒަރަކުން ބަލާ ނަމަ، ޑިމޮކްރެޓިކް ނިޒާމެއްގައި ފުރަތަމަ ބަލަން ޖެހޭނީ އިލެކްޓޯރަލް ކޮލެޖް އޮތްގޮތެވެ. ކޮންގްރެސްގައި ވޯޓްލުމުގެ ހައްގު އޮންނަ މަންދޫބުން އޮޅުންފިލާ ލިސްޓެއް އާއްމު ކުރުމެވެ. މި ލިސްޓް އާންމު ކުރަން، އެފްއޭއެމްގެ ސްޓެޓިއުޓްސް އިން ލާޒިމް ކުރަނީ، އިލެކްޓަންސް ކޮމިޓީގެ ޗެއާމަން އަބްދުﷲ އަލީ އަށެވެ. ވީމާ، އެފެއޭއެމުން އިންތިހާބަކާއިގެން ކުރިއަށްދާ ނަމަ، މި ލިސްޓް އާންމު ކުރުމަށް އެންގުމުގެ ބާރު ވެސް އޮތީ ސްޕޯޓްސް ކޮމިޝަނަރުގެ އަތްމަތީގަ އެވެ.
އެފްއޭއެމްގެ އިންތިހާބު ދެންކުރިއަށްގެންދަން ޖެހޭނީ، ފީފާ އާއި އޭއެފްސީގެ ލަފަޔާ އެކު ކޮމޝަނަރުގެ ބެލުމުގެ ދަށުން ނެވެ. ފީފާ އިން ވަންނާނީ މިކަން ނުކުރެވިއްޖެ ހާލަތެއްގަ އެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.