
އީސް މައި ޓްރިޕުން ރާއްޖެއަށް އައުމަށް ފަތުރުވެރިން ހައްދާފައިވާ ހުރިހާ ފްލައިޓް ބުކިންއެއް ކެންސަލްކޮށް، އިތުރަށް ފްލައިޓް ބުކިން ނުނަގަން ވެސް ވަނީ ނިންމާފައި އެވެ.
މިކަން އިއުލާނުކޮށް އެ ކުންފުނީގެ ސީއީއޯ ނިޝާންތް ޕިޓީ ބުނީ ދިވެހި ރާއްޖެއަށް ކުރަމުން އައި ހުރިހާ ދަތުރެއް ކެންސަލް ކޮށްލަން ނިންމާފައިވާކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ގައުމީ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރި ކަމެއް ކަމަށާއި ލަކްޝަދީބް އަށް ކުރާ ދަތުރުތަކަށް ހާއްސަ އޮފާތަކެއްވެސް ކުރިޔަށް އޮތްތަނުގައި ހިންގާނެކަމަށެވެ.
މި އެންޓި ކެމްޕޭނު ފަށާފައިވަނީ ލަކްޝަދީބު ޕްރޮމޯޓް ކުރުމުގެ ނަމުގަ އެވެ. ލަކްޝަދީބު އަކީ އަރަބި ކަނޑާއި ލަކަޑައިވް ކަނޑުގެ ހުޅަނގުގެ މެދުގައި އޮންނަ ޖަޒީރާ ރަށްތަކެކެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބު އަށް ވަޑައިގެން އެތަނުގެ ރީތީ ކަމާއި ހިތްގައިމުކަމަށް ތައުރީފު ކުރައްވައި އެކްސްގައި ފޮޓޯތަކެއް އާންމުކުރައްވާފަ އެވެ.
މޯދީވަނީ ލަކްޝަދީބުގައި ފަތުރުވެރިކަން ކުރިއަރުވަން ހާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީގެ މަޝްރޫއެއް އިއުލާން ކުރައްވާފަ އެވެ. އަދި މަލިކު ނިސްބަތްވާ ލަކްޝަދީބަށް އައުމަށް އެ ގައުމުގެ ރައްޔިތުންނަށް މޯދީ ވަނީ ގޮވާލައްވާފައި އެވެ.
މިއާއިއެކު، އިންޑިއާގައި ނުވަ ވަނަ އަށް އެންމެ ގިނައިން ގޫގުލް ސާޗް ކޮށްފައިވަނީ ލަކްޝަދީބް ކަމުގައި އިންޑިޔާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައި އެވެ.