ads
ޑެޕިއުޓީ މިނިސްޓަރުންގެ ބަސްމަގު މަޓީ އިން ކުށްވެރި ކޮށްފި
ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހުތުރު ބަސްމަގުން ފުރައްސާރަ ކޮށްފައިވާތީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން އެކަން ކުށްވެރިކޮށްފި އެވެ.

މަޓީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ބައެއް މިނިސްޓަރުން އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަށާއި، އެގައުމުގެ ރައްޔިތުންނަށް ނިސްބަތް ކުރައްވާ ދައްކަވާފައިވާ ވާހަކަތައް އެ އެސޯސިއޭޝަނުން ކުށްވެރި ކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އަވައްޓެރި އިންޑިއާއަކީީ ރާއްޖެއާ ގާތް ގައުމެއް އޮންނަ ގައުމެއް ކަމަށާއި، ރާއްޖެއަށް ދިމާވާ ހާދިސާތަކުގައި އެންމެ ފުރަތަމަ އެހީ ފޯރުކޮށްދީފައިވާ ގައުމަކީ އިންޑިއާ ކަމަށެވެ.

މީގެއިތުރުން އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު ބައިވެރިއެއް ކަމަށާއި، ކޮވިޑްގެ ބަލިމަޑުކަމުގެ ފަހުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމުގައި އިންޑިއާގެ ބޮޑު ހިއްސާއެއް އެބައޮތް ކަމަށް މަޓީ އިން ފާހަގަ ކޮށްފައިވެ އެވެ. އަދި މިވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓަކީ އިންޑިއާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ކުރިއަށް އޮތް ޖީލުތަކަށް ވެސް ދެމިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، އެ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެ ފަދަ ކަންކަން ނުކުރުމަށްވެސް މަޓީ އިން އެދިފައިވެ އެވެ.

އިންޑިއާގެ ސަރުކާރުންނާއި ރައްޔިތުން ރާއްޖެއާ މެދު ބާއްވާ ރަހުމަތްތެރި ކަމަށް އެ އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މަޓީ އިން މިފަދަ ބަޔާނެއް ނެރެފައީވަނީ، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އިންޑިއާގެ ސަރުކާރަށް ތާއިދުކުރާ ބައެއް އެކްޓިވިސްޓުން ހިންގާ ކެމްޕެއިނަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ބައެއް މިނިސްޓަރުން މީީސް މީޑިއާގައި އެކަމަށް ރައްދު ދީފައި ވާތީއެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުން އިންޑިއާއަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަ ކޮށްފައިވާތީ، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިއްސާވާ އެމްއެންޕީއާއި ރައީސް ނަޝީދުގެ އިތުރުން، އެހެނިހެން ސިޔާސީ ފަރާތްތަކުން ވެސް ވަނީ އެކަން ކުށްވެރި ކުރައްވާފަ އެވެ.

މި މައްސަލައާއި ގުޅިގެން ޔޫތް މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަރުކާރުން އިއްޔެ ވަނީ ސަސްޕެންޑް ކޮށްފައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް