ads
އެމްޑީޕީގެ ވެރިކަމުގައި މާލޭގެ މަންފާއަށް ވަނީ ހުރަސް އަޅާފައި: ޝުޖާއު
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މާލޭގެ ރައްޔިތުންގެ މަންފާއަށް ހުރަސް އަޅާފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރޭ ގަލޮޅު ކަންމަތީގައި ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް ސަރުކާރު ކޯލިޝަނުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ކައުންސިލަށް އާމްދަނީ ހޯދުމަށްޓަކައި ކުންފުނި އުފައްދައިގެން ވިޔަފާރި ކޮށްގެން ނަފާ ހޯދުމަކީ ގާނޫނުން ކައުންސިލަށް ލިއްބައިދޭ ބާރެއް ކަމަށެވެ.

އެހެންނަމަވެސް އެމްޑީޕީގެ ސަރުކާރުން، މާލެ ސިޓީ ކައުންސިލުން އުފައްދަން މަސައްކަތްކުރި ކުންފުނި އުފެއްދިޔަ ނުދީ އެކަން ހުއްޓުވާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެއީ މާލޭގެ ރައްޔިތުންނަށް އެކަމުން ލިބެން އޮތް މަންފާ ހުއްޓުވުން ކަމުގައި އޭނާ ސިފަކުރެއްވި އެވެ.

"އެއީ މާލޭގެ ރައްޔިތުންނަށް އޭގެން މަންފާއެއް ކޮށްފާނެތީ ހުއްޓުވީ، އެނޫން އެއްވެސް ކަމަކު ނޫން ހުއްޓުވީ." ޝުޖާއު ވިދާޅުވި އެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ބޮޑެތި ބަދަލު ތަކާއެކު ލާމަރުކަޒީ ގާނޫނު އިސްލާހު ކުރެވިގެން ދިޔަ ކަމަށެވެ. ނަމަވެސް އެ ގާނޫނީ ބާރުވެރިކަން އެދެވޭ ގޮތެއްގައި އެއްވެސް ކައުންސިލަކަށް ބޭނުން ކުރެވޭނެ ގޮތެއް އޭރުގެ ސަރުކާރުން ހޯދައިދީފާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓް ކެމްޕެއިނަށް ވަޑައިގަންނަވާއިރު މާލޭގެ ރައްޔިތުން މިކަމާމެދު ސުވާލު ކުރަން ޖެހޭ ކަމަށާއި، އެ ސުވާލުތަކަށް ކެންޑިޑޭޓް ޖަވާބުދާރީ ވާން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް