ads
ޖެހިޖެހިގެން ހަތަރު ވަނަ ދައުރަކަށް ބޮޑުވަޒީރުކަން ހަސީނާއަށް
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ޖެހިޖެހިގެން ހަތަރު ވަނަ ދައުރެއް ކާމިޔާބު ކުރައްވައިފި އެވެ.
Advertisement

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ހަސީނާގެ އަވާމީ ލީގުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 298 ގޮނޑީގެ 75 އިންސައްތަ ކާމިޔާބު ކޮށްފަ އެވެ. ހަސީނާއަށް އިންތިހާބުގައި ކުރި ލިބިވަޑައިގަންނަވާފައި ވަނީ އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން އިންތިހާބު ބޮއިކޮޓްފައިވާ ވަނިކޮށެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރި ހަމައެކަނި ޕާޓީ، ޖަތިޔާ ޕާޓީއަށް ލިބުނީ 11 ގޮނޑި އެވެ.

އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި ހުރިހާ ބޭފުޅުންނަކީ ވެސް ހަސީނާގެ އަވާމީ ލީގުގެ ކުރީގެ މެންބަރުންނެވެ. އެމީހުން ޕާޓީން ވަކިވީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުގައި ވާދަ ކުރުމަށެވެ. 

ފާއިތުވި 15 އަހަރުގެ ތެރޭގައި ހަސީނާ ވަނީ ބަންގްލަދޭޝްގެ އިގުތިސޯދަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައި ދެއްވާފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ އަންނައުނު އުފައްދާ ސިނާއަތް ކޮޅަށް ޖަހައިދިނުން ހިމެނެއެވެ. މީގެ އިތުރުން މިޔަންމާގެ އަސްކަރީ ވެރިކަމުގެ ވަކިތަކުން ސަލާމަތް ވާން ބަންގްލަދޭޝަށް ހިޖުރަކުރި މިލިޔަނެއްހާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އޭނާ ވަނީ ހިމާޔަތާއި ރައްކާތެރިކަން ދެއްވާފަ އެވެ.

މިއީ ހަސީނާ ބޮޑުވަޒީރުކަން ކުރައްވާ ފަސް ވަނަ ދައުރެވެ. އެންމެ ފުރަތަމަ އޭނާ ވެރިކަމަށް ވަޑައިގަތީ 1996 ވަނަ އަހަރު އެވެ. އެއަށް ފަހު، 2009 ވަނަ އަހަރު އަލުން އިންތިހާބުވެވަޑައިގަތެވެ. 

"އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ މި ގައުމުގައި ޑިމޮކްރަސީ ދެމިއޮތުމަށް،" އުމުރުން 76 އަހަރުގެ ހަސީނާ ވިދާޅުވި އެވެ.

އާންމުކޮށް އިންތިހާބާއި ދިމާކޮށް ބަންގްލަދޭޝްގައި އަބަދުވެސް ހަމަނުޖެހުން ހިނގާއިރު އެތައް ބަޔަކު މަރުވެއެވެ. އެގޮތުން މިފަހަރުވެސް ހަމަނުޖެހުންތައް ހިނގާ މީހުން މަރުވެފައިވާއިރު، ވޯޓުލީ ދުވަހު ވެސް މީހަކު މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ކުޑަ ދެ ކުދިން ވެސް ހިމެނެއެވެ. 

ހަސީނާގެ ސަޕޯޓަރުން ބުނަމުން ދަނީ ހަސީނާ އަކީ ބަންގްލަދޭޝްއަށް ވަރަށް ބޮޑަށް ބޭނުންވާ ސިޔާސީ ހަމަޖެހުން ގެނެސްދެއްވި ބޭފުޅެއް ކަމަށެވެ. ނަމަވެސް، އދިކޮޅު ސަޕޯޓަރުން ބުނަނީ ހަސީނާ އަކީ ވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ބަދަލު ހިފުމުގެ ރޫހު ގެންގުޅުއްވާ ވެރިއެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް