ads
އުމުރު ދުވަހުގެ ހުކުމެއް ސާބިތު ނުވީ ފުލުހުންގެ އިހުމާލުން..!
ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުރި ނަމަވެސް، ފުލުހުންގެ އޮޕަރޭޝަންގައި ބަލައި ފާސްކުރުމުގައި ގާނޫނާ ހިލާފަށް ފުލުހުން އަމަލުކޮށްފައި އޮތުމުން، ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއަކުން މީހަކު ސަލާމަތްވެއްޖެ އެވެ.

މިއީ އިޖުރާއަތުތައް ރަނގަޅަށް ފުރިހަމަ ކުރިނަމަ، އުމުރަށް ޖަލަށް ލުމުގެ ހުކުމެއް އަންނަ ވަރުގެ މައްސަލައެކެވެ. އެއީ، 2020 ވަނަ އަހަރު ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ހިންގި ޑްރަގް އޮޕަރޭޝަނަކެވެ.

މި މައްސަލައިގައި، ދައުވާ ލިބޭ މީހާ މަގުމަތިން ހިފަހައްޓައި ބަލައިފާސްކުރުމުން އޭނާގެ އަތުގައި މަސްތުވާތަކެތި ނެތް ކަމަށާއި އެ ތަކެތި ހުންނާނީ އޭނާ ދިރިއުޅޭ ގޭގައި ކަމަށް ބުންޏެވެ. އޭނާ ދިރިއުޅޭ ގެއަށް ހައްޔަރުކޮށްގެން ގެންގޮސް އެ ތަން ފުލުހުން ފާސްކުރި އެވެ. މި ހުރިހާ ކަމެއް ފުލުހުން ކުރީ ކޯޓު އަމުރެއް ނެތި ފާސްކުރުމުގެ ތެރެއިން އެ ގޭ ތެރެއިން 27.94 ގްރާމްގެ ކެނެބިސް ހުރި ފިލްމް ހުސްކުރި ދަޅެއް ފުލުހުން ހޯދި އެވެ.

މި މައްސަލައިގައި ދައުލަތުން ކުރި ދައުވާގެ ޝަރީއަތުގައި ދައުވާ ލިބޭ ފަރާތުން ދިފާއުގައި ނެގީ ކޯޓު އަމުރެއް ނެތި ގާނޫނާ ހިލާފަށް އޭނާ ދިރިއުޅޭ ގެ ފާސްކޮށް ހެކި ހޯދާފައިވާ ކަމެވެ. އެހެންވެ އެ ދައުވާ ބާތިލްކޮށްދޭން ޝަރީއަތުގައި އެދިފައިވެ އެވެ.

މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނީ ދައުވާ ލިބޭ މީހާ ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެއްޓަކުން ނޫން ކަމަށާއި އަދި ކުށުގެ ވެއްޓެއް ދޫކޮށްދިޔަ މަގުމަތީގައި ވެސް ނޫން ކަމަށެވެ. އަދި އޭނާ ހުއްޓުވައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެއްޗެއް ފެނިފައި ވެސް ނުވާ ކަމަށް ހުކުމްގައިވެ އެވެ. މީގެއިތުރުން ދައުވާ ލިބޭ މީހާ ދިރިއުޅޭ ގެއަށް ވެސް ފުލުހުން ކޯޓު އަމުރެއް ނެތި ވަދެފައިވަނީ ގޯސްކޮށް ކަމަށް ހުކުމްގައިވެ އެވެ.

މި މައްސަލައިގައި ހުކުމް ކުރައްވާފައިވަނީ ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް