ރާއްޖެ އިޝްތިހާރު ކުރުމަށް، ސެލްޓަވީގޯއާއެކު އެއްބަސްވުމެއްގައި ސޮއިކުރީ، 2019 ވަނަ އަހަރު އޭރުގެ ޓުވަރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. އެއްބަސްވުމުގައި ސޮއިކުރުން އޮތީވެސް ސްޕެއިންގެ ވީގޯގައި ހުންނަ ސެލްޓާގެ އޮފީހުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސޮއި ކުރެއްވިއިރު، ސެލްޓާގެ ފަރާތުން ސޮއިކުރެއްވީ އެ ކްލަބުގެ ރައީސް ކާލޯ މޮއުރީނޯއެވެ. ތިން އަހަރުގެ މި އެއްބަސްވުން، ސަރުކާރުން އެދިގެން ބާތިލުކުރިއިރު، ދިވެހި ސަރުކާރުން އެ ކްލަބަށް ފަންސަވީސް މިލިއަން ރުފިޔާ ދީފައިވެއެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ، 2019 އަދި 2020 ވަނަ އަހަރުގެ ޓޫރިޒަމް މިނިސްޓްރީގެ މާލީ އޮޑިޓް، އަދި 2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓްގައިވަނީ ސެލްޓަވީގޯއާ ދިވެހި ސަރުކާރާއެކު ހެދި އެއްބަސްވުމުގައި ހުރި ކަންކަން ފާހަގަކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ އެއްބަސްވުމުގެ އަގަކީ، ދެ މިލިއަން ދުވިސައްތަ ފަންސާސް ހާސް ކަމަށްވިޔަސް، ޓެކްސް އަދި ކޮމިޝަން ހިމަނައިގެން އެ އެއްބަސްވުމުގެ އަގު، ތިރީސް އަށް މިލިއަން ފަސް ސަތޭކަ ސާޅީސް ދެހާސް ފަސް ސަތޭކައަށް އަރައެވެ. މި މަސައްކަތް ހަވާލު ކުރުމުގައި އިވެލުއޭޝަނެއް ހަދާފައި ނުވާކަން އެންމެ ފުރަތަމަވެސް އޮޑިޓަރ ޖެނެރަލްވަނީ ފާހަގަކޮށްފައެވެ. އަދި އެއްބަސްވުމުގައި ހުރި ކަންކަން އެ ކްލަބުން ކުރަމުން ގެންދޭތޯ ސަރުކާރުން ބަލާފައި ނުވާކަންވެސް އޮޑިޓަރ ޖެނެރަލްވަނީ ފާހަގަކޮށްފައެވެ.
އޮޑީޓަރ ޖެނެރަލްވަނީ އެ އެއްބަސްވުމުގައި ހުރި ކަންކަން ފާހަގަކޮށް، އެ ކަންކަން އިސްލާހު ކުރުމަށް ލަފާދީފައެވެ. މި މައުލޫމާތު ހިމެނޭ އޮޑިޓް ރިޕޯޓް އޮޑީޓަ ޖެނެރަލް ނެރުއްވާފައިވަނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
ސެލްޓަވީގޯއާ ދިވެހި ސަރުކާރާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް، ސްޕެއިނަށް ދިޔަ ޓީމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ޔޫތު މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލި ހިމެނެއެވެ. އެ އެއްބަސްވުމުގެ ދަށުން އިސްތިހާރުކުރުމަށް ރާއްޖެއިން އަހަރަކު 900،000 ޑޮލަރު ހަރަދުކުރާނެ ކަމަށް އޭރު ބުނެފައިވެއެވެ.
އޭރު ބުނި ގޮތުން، އެ އެއްބަސްވުމުގެ ދަށުން ސެލްޓާގެ ޖާޒީތަކުގައި ސަނީ ސައިޑް އޮފް ލައިފް، ވިޒިޓް މޯލްޑިވްސްގެ ލޯގޯ ތިން އަހަރު ބޭނުންކުރާނެއެވެ. ސެލްޓާގެ އޮފިޝަލް ސްޕޮންސަރު އަދި އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ރާއްޖެ ހަމަޖެހުމާއެކު އޮފިޝަލް މެޗު ޖާޒީގައާއި ޓްރޭނިން ޖާޒީގައާއި ސްޓާފުންނާއި ޓްރޭނިން ސްޓާފުންގެ ޔުނިފޯމުތަކުގައި ވެސް ވިޓިޒް މޯލްޑިވްސްގެ ލޯގޯ ބޭނުންކުރާނެ ކަމަށް އޭރު ބުންޏެވެ.