ads
ސައުދީން ދިވެހި ހައްޖުވެރިންނަށް ދޭ ހިދުމަތުގެ އަގުވަޒަން ކޮށްފި
ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހި ހައްޖުވެރިންނަށާއި އުމްރާވެރިންނަށް ދެމުން ގެންދާ ހިދުމަތް ފާހަގަކޮށް ދިވެހި ސަރުކާރުން އެކަމުގެ އަގުވަޒަން ކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާއާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމެއް އަރުއްވާފަ އެވެ.

މިނިސްޓަރު ޑރ. ޝަހީމް ވަނީ އެ ބައްދަލުކުރެއްވުމުގައި ހައްޖާއި އުމްރާއާ ގުޅޭ ގިނަ މަޝްވަރާ ތަކެއް ކުރެއްވުނުކަން ފާހަގަ ކުރައްވާފައެވެ.

ސައޫދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ ތައުފީގު ބިން ފައުޒާން އައްރަބީއާއާ ބައްދަލުވުމަކީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއް. ހައްޖާއި އުމްރާއާ ގުޅޭ ގިނަ ކަންތައްތަކާމެދު، ރައީސްގެ އިރުޝާދުގެ ދަށުން، ޑރ. ތައުފީގުއާ އަޅުގަނޑުވާނީ މަޝްވަރާކޮށްފަ." މިނިސްޓަރު ވިދާޅުވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ސައުދީ ސަރުކާރުން ދިވެހި ހައްޖުވެރިންނާއި އުމްރާ ވެރިންނަށް އަގުހުރި ހިދުމަތަކެއް ފޯރުކޮށްދިނުމަށް، ހައްޖު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އިން ކޮށްދެއްވަމުން ގެންދަވާ މަސައްކަތް ޑރ. ޝަހީމް ފާހަގަކުރެއްވި ކަމަށް އިސްކާމިކް މިނިސްޓްރީން ބުނެފައިވެ އެވެ. 

ޑރ. ޝަހީމް ވަނީ ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ހައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށާއި، ހައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރުކުރުމަށް ދިވެހި މީޑިޔާ އަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން މިނިސްޓްރީން ހާމަކުރި ގޮތުގައި ރާއްޖޭގެ ހައްޖު ކޯޓާ އިތުރުކުރުމާ މެދު ވެސް މިއަދުގެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވަނީ ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ރާއްޖެ ވަޑައިގަތުމަށް އެދި ދައުވަތު ދެއްވާފައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް