އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީގެ ނިންމުން އެ ކޮމިޓިން ރަސްމީކޮށް އަދި އާއްމެއް ނުކުރެއެވެ. އެކަމަކު، ކޮމިޓީގެ ނިންމުން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކަށް މިހާރު އަންގާފައިވާނެ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ޖައުޝަން ޝަރީފް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޓޮމްގެ ކެންޑީޑޭސީ ރިޖެކްޓް ކުރަން އެފްއޭއެމުން ނިންމީ، ޓޮމްއަށް އެންޑޯޒްކޮށް ކްލަބު ވެލެންސިޔާއިން ފޮނުވި ސިޓީ ބަލައިނުގަންނަން ނިންމައި އެކަމަށް ހަވާލާދީއެވެ. ވެލެންސިޔާގެ ސިޓީ ބަލައި ނުގަންނަން އިލެކްޓޯރަލް ކޮމިޓީން ނިންމިއިރު، ވެލެންސިޔާގެ ޗެއާމަންއަކީ ޓޮމްއަށް ދީފައިވާ އެންޑޯޒްމެންޓް ސިޓީގައި ސޮއިކޮށްފައިވާ އަބްދުﷲ އަޒްމީން ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްވަނީ ނިންމާފައެވެ.
އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާފައިވާ، ޓޮމްގެ ކެންޑިޑޭސީ މި ރިޖެކްޓް ކުރީ، ޓޮމްގެ ކެންޑީޑޭސީއާ މެދު ސުވާލު އުފެދޭ ހާލަތެއް މެދުވެރިވެ، އެފްއޭއެމުން އޭއެފްސީގެ ލަފައަކަށްވެސް އެދުމަށް ފަހުއެވެ. އެހެންނަމަވެސް އޭއެފްސީގެ ލަފާ އެކަމުގައި ލިބުނު ކަމެއް ނޭނގެއެވެ.
ބޮއްސުންލާފައިވާ އެފްއޭއެމްގެ އިންތިހާބު، ބައްސާމް އަދީލް ޖަލީލް ގަޑުބަޑު ކުރާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ.
ޓޮމްގެ ހުށަހެޅުން ރިޖެކްޓް ކުރިއިރު، ޓޮމް ހުށަހެޅުއްވި ޓީމުގައި ޓޮމްގެ ނާއިބު ރައީސްއަކަށް ހިމަނާފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ. ޓޮމްގެ ނާއިބު ރައީސްއަކަށް ކުރީގެ އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ނޮމިނޭޓްކޮށްފައިވާއިރު، ޓޮމްގެ ޓީމުގައި ދެންވެސް ތިބީ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ "ގަދަ" މީހުންނެވެ.
އޭގެ ތެރޭގައި މާޒިޔާގެ ހުސެއިން ޝާފިއުގެ އިތުރުން އޭޝިއާގެ އެންމެ މޮޅު މެޗު ކޮމިޝަނަރުންގެ ތެރޭގައި ހިމެނޭ، އެފްއޭއެމްގެ ކުރީގެ ވެރިއެއް ކަމަށްވާ އަހްމަދު ޝާހިރު އަދި އަބްދުލްހަމީދު އަބްދުލް ޤަފޫރު - އައްޑޯ ހިމެނެއެވެ. އައްޑޯ އަދި ޝާހިރުއަކީ އޭއެފްސީގައިވެސް ފާހަގަކޮށްލެވޭ ދެ ހިންގުންތެރިންނެވެ.
ޓޮމްގެ ކެންޑިޑޭސީ ރިޖެކްޓް ކުރުމުން، ދެން އެ މަގާމަށް ވާދަކުރައްވާ މުުފާވިޒް ހާޝިމްގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެއެވެ.