ސްޕެނިޝް ސުޕަ ކަޕުން ރިއާލް މެޑްރިޑް ފުރުސަތު ހޯދީ، އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން އެތުލެޓިކޯ މެޑްރިޑް 5-3 އިން ބަލިކޮށްގެނެވެ. އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ރެއާލާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މިރޭ ބާސެލޯނާއާ އޮސަސޫނާ ކުޅޭ މެޗުންނެވެ. ބާސެލޯނާ އަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.
ރެއާލްގެ ކުރީގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ ޕްރޯ ލީގުގައި ކުޅޭ އަލް ނަސްރު އެފްސީގެ ހޯމް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެތުލެޓިކޯ އިން ލީޑުނެގީ މާރިއޯ ހާމޯސޯ ޖެހި ގޯލުންނެވެ. މެޗުގެ 20 ވަނަ މިނިޓްގައި، ލޫކަ މޮޑްރިޗް ނެގި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން، އެންޓޯނިއޯ ރޫޑިގާ ވަނީ ރެއާލަށް އެއްވަރުކޮށްދީފައެވެ. އަދޮ ފުރަތަމަ ފަހަރަށް ލީޑުނެގީ 29 ވަނަ މިނިޓްގައި ފާލަންޑް މެންޑީ ޖެހި ގޯލުންނެވެ.
އެތުލެޓިކޯ އިން އެއްވަރުކުރީ މެޗުގެ 37 ވަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން ޖެހި ލަނޑުންނެވެ. މި ގޯލާ އެކު، ގްރީޒްމަން ވެފައިވަނީ އެތުލެޓިކޯ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. އެއީ 174 ގޯލު ޖަހައިގެންނެވެ.
މެޗުގެ 78 ވަނަ މިނިޓްގައި ރޫޑިގާ އަތުން ބައިކޮޅަށް ވަން ގޯލުން އެތުލެޓިކޯއަށް އަލުން ލީޑު ލިބިފައިވަނިކޮށް، ކާވަހާލް ޖެހި ގޯލުން އަނެއްކާވެސް އެއްވަރުވެ އިތުރު ވަގުތަށް ދާން ޖެހުނެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން، ފަހު ހާފުގައި ރެއާލުން ދެ ގޯލު ޖެހި އެވެ.