ކްލަބްތަކުގެ މައްޗަށް ކޮމިޝަނަރުގެ އޯވަސައިޓް ހިންގިފައެއް ނުވެ އެވެ. އަދި، ކްލަބްތަކުގެ ވޯޓުން އުފައްދާ، ނެޝަނަލް އެސޯސިއޭޝަން، ރެގިއުލޭޓް ކުރެވިފައެއްވެސްނުވެ އެވެެ. ކްލަބްތައް ރެގިއުލޭޓްނުކުރެވުމުން އެފްއޭއެމް މިހާރު އެއޮތީ ރޫޅިފަ އެވެ. ފުޓުބޯޅަ ހުއްޓިފައެވެ. ކުޅިވަރު ގާނޫނު ބުނާގޮތުން ސްޕޯޓްސް ކޮމިޝަނަރު ހުންނަވަނީީ ގައުމީ ކުޅިވަރު މަޖިލިސް އާއި މިނިސްޓަރުގެ އިތުބާރާ އެކު އެވެ.
ކްލަބްތަކާ އެސޯސިއޭޝަންތައް ރެގިއުލޭޓްނުކުރެވި ހަވަރަށް ދޫވެ، ގާނޫނާ ޚިލާފަށް ހިންގާ ވާހަކައަކީ މިއަދު އާވާހަކައެއް ނޫނެވެ. މިކަމުގެ އެންމެ ފަހުގެ މިސާލަކީ، އެފްއޭއެމުން ގޮވާލައިގެން މިއުޅޭ ކޮންގްރެސް އެވެ. ހަތަރު އަހަރުން އެއްފަހަރު އޮންނަ އިންތިހާބެއް ކުއްލިއަކަށް ހަމަސް ދުވަސް ކުރިއަށް ޖެއްސީ އެވެ. މިކަމަކީ ގައުމުގެ ރައީސް ހުވާ ކުރާ ތާރީހަށް ބަދަލު ގެނައުން ފަދަ ކަމަކެވެ!
ގާނޫނާ ހިލާފށް އެފްއޭއެމް ހިންގުން
ސްޕޯޓްސް ކޮމިޝަނަރުގެ އެންގެވުމަށް ގޮންޖަހާ އެފްއޭއެމް އެދަނީ ކޮންގްރެސްގެ މަސައްކަތް ކުރިއަށް ގެންދަމުން ނެވެ. އެފްއޭއެމުން ދެކެނީ އެޖަމިއްޔާގެ ކޮންގެރްސްގެ ކަންކަމަކާާ ބެހެވޭނެ ހަމަ އެކަކު ވެސް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. އެފްއޭއެމް އަކީ ސީދާ ފީފާގެ ބެލުމުގެދަށުން ހިންގާ ޖަމާއަތެއް ކަމަށެވެ. މިވިސްނުމުގެ ދަށުން، ސަރުކާރުން ބެހިއްޖެނަމަ، އެއީ ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ، ރާއްޖެ ސަސްޕެންޑް ކުރާނެކަމުގެ ބިރުދައްކަ އެވެ.
އެއިރަކު ހުންނަވާ ވަޒީރަކާއި، އޮންނަ ކުޅިވަރު ކައުންސިލާއި، ސްޕޯޓްސް ކޮމިޝަނަރު ވެސް މިކަމުގައި ބައިވެރިވެ އެވެ. އަދި އެންމެފަހުން ނިމިގެން މިދާ ދައުރުގެ ރައްޔިތުންގެ މަޖިލިހުގެ އިޖްތިމާއީ ކޮމިޓީން ވެސް ވަނީ މިކަމުގައި ބައިވެރިވެފަ އެވެ. މިކަމަކާ ބިރުންކަމަށް ބުނެ އެކޮމިޓީން ވެސް ވަނީ އެފްއޭއެމްއާ ނުބެހޭން ނިންމާފަ އެވެ. އެފްއޭއެމުން ދައުލަތެއް ހިސޯރުކުރި ފަދަ އެވެ. މިއަދު ވެސް އެފްއޭއެމުން އެދައްކާ ވާހަކައަކީ މިއީއެވެ. ބަގާވާތުގެ ވާހަކަ އެވެ!
އިލެކްޓޯރަލް ކޮމިޓީ ޗެއަރ، އަބްދުﷲ އަލީގެ ސިޓީ
އެފްއޭއެމްގެ ވެރިންނަކީ ރާއްޖޭގެ ގާނޫނުތަކަށް ވުރެ މަތީގައި ތިބި ބައެއްކަމަށް ދެކި، ދައުލަތަށް ބިރު ދައްކާނަމޭ ހިތާ އެންމެ ފަހުން 31 ޑިސެމްބަރ 2023 ގައި އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީގެ ޗެއާޕާސަން އަހުމަދު އަލީ ކިޔާ ބޭފުޅަކު، އޭއެފްސީއަށް ފޮނުވި ސީޓީ ބައްލަވާލައްވާށެވެ. ޗެއާޕާސަން އަހްމަދު އަލީ އެދިވަޑައިގަންނަވަނީ، އެފްއޭއެމްގެ ރައީސްކަމަށް ކެންޑިޑޭޑަކު އެންޑޯސް ކުރުމާ ގުޅިގެން، ވެލެންސިއާ ތަމްސީލް ކުރާ މަންދޫބުގެ ސައްހަކަމާބެހޭގޮތުން، އޭއެފްސީގެ ގާނޫނީ ލަފައަކަށެވެ. ސުވާލަކީ، ކްލަބް ވެލެންސިއާ ތަމްސީލްކުރާ މަންދޫބުގެ ސައްހަކަން، އޮޅުންފިލުން ޖެހޭނީ އޭއެފްސީން ތޯ، ނުވަތަ ސްޕޯޓްސް ކޮމިޝަނަރު އޮފީހުންތޯ އެވެ؟
އެފްއޭއެމުން މިކުރާ ކަމަކީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮތް ކްލަބެއް ތަމްސީލް ކުރާ މަންދޫބު އޮޅުންފިލުވަން މެލޭޝިއާގައި ހުންނަ އޭއެފްސީ ގައި އެހުމެވެ. މިކަމަށް އެދި ފޮނުވި ސިޓީ ވަނީ ލީކްވެފަ އެވެ. ރާއްޖޭގެ ކްލަބެއްގެ ސައްހަކަން ކަށަވަރު ކުރަން އޭއެފްސީގައި އެހުމަކީ ގާނޫނާ ހިލާފަށް ކުރާކަމެއް ކަމީީ އެންމެނަށް އެނގޭކަމެކެވެ. ނުވަ ޖެނުއަރީ އަށް ޖަވާބެއް ބޭނުން ކަމަށް އަބްދުﷲ އަލީ އެދިވަޑައިގެންފައިވުމުން، މިހާރު ވާނީ މިސިޓީގެ ޖަވާބު ލިބިފަ އެވެ. މިހިސާބުން މިވާހަކަ ނިމުނީ އެވެ. ވެލެންސިއާގެ އެންޑޯސްމަންޓްގެ ސައްހަކަން ދެން އިތުރަށް ކަށަވަރު ކުރާނީ ކޮންފަރާތަކުންތޯ އެވެ. ޔުނައިޓެޑް ނޭޝަންސްއިން ތޯ އެވެެ؟
މިއީ އެފްއޭއެމުން މިފަދަ ފޭކް ވާހަކަ އުފެއްދި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މިފަދަ އެތައް އޮޅުވާލުންތަކެއްގެ ސަބަބުން ކޯޓް ހުކުމްތަކުން ވެސް 40 މިލިއަން ރުފިޔާގެ ދަރަނި އެއްވެފައި އެބައޮތެވެ. ޕްރޮސެކިއުޓަ ޖެނަރަލް ތައްޔާރުވަމުން އެދަނީ އެފްއޭއެމްގެ ވެރީންގެ މައްޗަށް މަނީލޯޏްޑަރިންގެ ދައުވާ ކުރާށެވެ.
އެފްއޭއެމަށް ކަރަޕްޓް ރައީސެއް އިންތިހާބުވީ ކީއްވެ؟
އެފްއޭއެމަށް ކަރޮޕްޓް ރައީސެއް އިންތިހާބު ކުރެވެނީ ކޮންގްރެސްގައި ވޯޓްލާ ގިނަ ކްލަބްތައް ވެސް ކަރަޕްޓްވީމަ އެވެ. މި ކަމަކީ މިފަހަކުން ނޫސްވެރިން ވެސް ތުހުމަތު ކުރަން ފަށާފައިވާ ކަމެކެވެ. ކްލަބްތަކަށް ތުހުމަތު ކުރެވެނީ، ކްލަބްތަކަށް ލިބޭ ޑިވެލޮޕްމަންޓް ފައިސާ، ގިނަ ކްލަބަތަކުގެ ވެރިން އަމިއްލަ ބޭނުމަށް ހަރަދު ކުރާ ކަމުގެ ވާހަކަ އާ އެ ތުހުމަތު އެ ގޮތަށް ކުރާތީ އެވެ. އަދި ކުޅުންތެރިންނަށް ހަމައަށް މުސާރަ ނުދެވެނީ އެހެންވެގެން ކަމަށްވެ އެވެ. ވީމާ، ކަރޮޕްޓްވެފައިވާ ކްލަބްތަކަކުން ވޯޓުލައިގެން އިންތިހާބުކުރާ ރައީސް އަކީވެސް ކަރޮޕްޓް ރައީސްއަކަށް ވާނެ އެވެެ. އެފަދަ ރައީސެއް އެމަގާމަށް ކުރިމަތިލާން ޖެހޭނީީ ވެސް ކަރޮޕްޝަންގެ ޓިކެޓެއްގައި ކަމަށް ވާތީއެވެ.
ކަރޮޕްޓްވެފައިވާ ކްލަބަތަކަކުން ހޮވާނީ ކަރަޕްޝަން ކުރިއަށްގެންގޮސްދޭން އެއްބަސްވާ ކެނެޑިޑޭޓެކެވެ.
ކްލަބްތަކުގެ ވޯޓް ބެހިގެންދާ ގޮތް
އެންމެފަހުން 2016 ވަނަ އަހަރުގެ މޭ މަހުގެ ހަތް ވަނަ ދުވަހު ފާސްކޮށްފައިވާ ސްޓެޓިއުޓްސް އިން އެފްއޭއެމްގެ ވޯޓްލާ މެމްބަރުންގެ އަދަދު 44 ން 35 ށް އެވަނީ ދަށްކޮށްފައިވެ އެވެ. އަދި މިވަގުތު ވެސް ވޯޓް ގުނުމުގައި ޒޯންގެ ނުވަ ވޯޓްގެ ވާހަކައެއް ނުދައްކަ އެވެ (އާޓިކަލް 22. ޕެރެގްރާފް 1 ސީ). އެއީ ވޯޓް މަދުވި މިންވަރަކުން ނަތީޖާ ކޮންޓްރޯލް ކުރަން ފަސޭހަވާނެތީ އެވެ. ދެ ކެންޑިޑޭޓުން ވެސް ބޭނުންވީ މިހާރު މިއޮތް އިލެކްޓޯރަލް ކޮލެޖް މެދުވެރިކޮށް، މާލޭގެ 26 ވޯޓުން މިކަން ނިންމާލާށެވެ. އެހެން ނަމަވެސް، މިގޮތަށް މިކަންކުރެވެން އަންނަނީ އެންމެ ކެންޑިޑޭޓެއް ހުރުމުންއެކަންޏެވެ. ކޮންމެ ފަހަރަކު ދެ ވަނަ ކެންޑިޑޭޓް ޑިސްކޮލިފައި ކުރަން ޖެހެނީ މިހެންވެއެވެ!
ދެ ކެންޑިޑޭޓުންނަށް 35 ވޯޓް ބެހިގެންދާއިރު، އެއް ކެންޑިޑޭޓަށް 18 ވޯޓްގެ މެޖޯރިޓީއެއް، ޒޯން ވޯޓާ ނުލާ، ހަމަނުކުރެވޭނެކަން އެނގޭތީ އެވެ. ވީމާ އެފްއޭއެމްގެ ކެންޑިޑޭޓް، މުފައްވިޒް ހާޝިމް، އޭނާއާއި ރައީސް ބައްސާމް އާއި އޮތް ގުޅުމުގެތެރެއިން "ހޯމްއެޑްވާންޓޭޖް" ބޭއިންސާފުގޮތުގައި ބޭނުންކޮށް، އިލެކްޓޯރަލް ކޮމިޓީގެ ޗެއާޕާސަން އަބްދުﷲ އަލީ މެދުވެރިކޮށް، ތޯރިގުގެ ކެންޑިޑަސީ ބާތިލް ކުރީ އެވެ. އެކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އޭއެފްސީގެ ޖަވާބާ ހަވާލާދީކަމަށް ބުނެ ދޮގު ހަދާފަ އެވެ.
ތޯރިގްގެ ކެންޑިޑަސީ އިއްޔެ ބާތިލް ކުރުމުގެ ކުރިން ވޯޓްބެހިފައި އޮތްގޮތާއި، އަދި އެއް ކެންޑިޑޭޓް "ވާދަކުރުމުން" ވޯޓް ކޮންސޮލިޑޭޓްވާގޮތް ދަންނަވާލާނަމެވެ.
އިލެކްޓޯރަލް ކޮމިޓީގެ ޗެއާޕާސަންގެ ނިންމެވުމުގެ ކުރީން ވޯޓްބެހިފައި އޮތްގޮތް
- ކެންޑީޓޭޓް އަޙްމަދު ތޯރިގް : އެއް ވަނަ ޑިވިޒންގެ 3 ކްލަބުން 6 ވޯޓާއި ދެވަނަ ޑިވިޒަނގެ 8 ކްލަބްގެ ވޯޓާއިއެކު ޖުމްލަ 14 ވޯޓް
- ކެންޑިޑޭޓް މުފައްވިޒް ހާޝިމް : އެއްވަނަ ޑިވިޒަންގެ 5 ކްލަބުން 10 ވޯޓާއި، ދެވަނަ ޑިވިޒަންގެ 2 ކްލަބްގެ ވޯޓާއިއެކު ޖުމްލަ 12 ވޯޓް
- އިލެކްޓޯރަލް ކޮލެޖްގެ ޖުމްލަ 35 ވޯޓް އޮތުމުން އެއްވެސް ކެންޑިޑޭޓަކަށް، ޒޯން ކެންޑިޑޭޓެއްގެ ރުހުމަކާނުލާ، މެޖޯރިޓީއެއް ނުލިބެ އެވެ. މެޖޯރިޓީއަކަށް 18 ވޯޓް ބޭނުންވެ އެވެ.
އެއްކެންޑިޑޭޓް "ވާދަކުރުމުން" ވޯޓް ކޮންސޮލިޑޭޓް ވާގޮތް. އަޅުގަނޑު މޮޅުވީ!
- ތޯރިގް ޑިސްކޮލިފައި ކުރުމުން، ތޯރިގް ފަހަތުގައި އޮތް ވޯޓްތައް މުވައްފިޒަށްް އެނބުރި، ޒޯން ވޯޓަކަށް ފަސޭހައިން މެޖޯރިޓީއެއް ހޯދިދާނެކަމަށް ބެލެވިދާނެ އެވެ.
ވެދާނެ ތިން ވަނަ ގޮތެއް
ކެންޑިޑޭޓް ތޯރިގްގެ ވަރެއް ހުރި ނަމަ، އިންތިހާބު ހުއްޓުވިދާނެ އެވެ. ސަރުކާރު ކެންޑިޑޭޓް، އަޙްމަދު ތޯރިގް ޑިސްކޮލިފައި ކުރުމުން، އޭނާގެ ފަހަތުގައި އޮތް 14 ވޯޓާއެކު ކޮންގްރެސް ބޯއިކޮޓްކޮށްފިނަމަ، އެފްއޭއެމް ކެންޑިޑޭޓް މުފައްވިޒަށް ކޮންގްރެސްގެ މެޖޯރިޓީއެއް ހަމަނުކުރެވިދާނެ އެވެ. މުވައްފިޒަށް ލިބިފައިވަނީ 12 ވޯޓެވެ. ހަ ވޯޓް މަދުވެ އެވެ. ތޯރިގްގެ 14 ވޯޓް ހިފެހެއްޓިއްޖެނަމަ، މުފައްވިޒަށް ޖެހޭނީ ޒޯންތަކުން ހަ ޒޯންގެ ތާއީދު ހޯދާށެވެ.
އެފްއޭއެމްގެ ސްޓްޓިއުޓްސްގެ އާޓިކަލް 22. ޕެރަގްރާފް ސީ ގައި އެވާ ޒޯން ވޯޓްލާ ނުވަ މަންދޫބުންނަކީ، ދުނިޔޭގައި ތިބިބައެއްކަން ދެނަ ހުރި މީހަކު ވެސް ނެތެވެ. ކޮމިޝަނަރު މިކަން ދެނެވަޑަިގަންނަވާނެކަމަށް އުއްމީދު ކުރެއެވެ.
ކެންޑިޑޭޓް ތޯރިގްގެ ބޯއިކޮޓް ކެމްޕޭން ކާމިޔާބު ކުރެވިއްޖެނަމަ، އެފްއޭއެމް، އޭގެޒާތުގައި ފޭލްވީ އެވެ. އެފްއޭއެމް އަނެއްކާ ވެސް އިންޓަރިމް ހާލަތަކަށް ވެއްޓުނީ އެވެ. ސުޕަ މެޖޯރިޓީ އޮތް މާލޭ ކްލަބްކާޓެލް ފޭލްވީ އެވެ. ސްޓެޓިއުޓްސް އިސްލާހު ކުރުމަށް ފަހު ކޮންގްރެސް ކުރިއަށްގެންދަން މަޖުބޫރުވީ އެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.