ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށް މިއަދު ފުލެޓް ހަވާލުކުރަން ފަށާނެ ކަމަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ވަނީ ރިޕޯޓްކޮށްފައި އެވެ.
އެކަން ދޮގުކޮށް އެ ހައުސިން މިނސްޓްރީ ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ 4000 ފްލެޓް މާދަމާ ދޫކުރަން ފަށާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ. އެފަދަ އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީން ހިއްސާ ކޮށްފައި ނުވާނެ ކަމަށް ވެސް ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން، ފުރަތަމަ އިއުލާންކުރި 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓުގެ ތަހުގީގެެއް އޭސީސީން ކުރިއަށްގެންދާއިރު، އެ ތަހުގީގު ލަސްވާތީ ފުލެޓު ލިބުނު މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނިމިދިޔަ ސަރުކާރުން ދޫކުރި 4000 ފްލެޓް ހަވާލު ކުރުން އޭސީސީ އިން ހުއްޓުވާފައި ވަނީ އެކަމާ ގުޅިގެން ހުށަހެޅި ޝަކުވާތަކާ ގުޅިގެންނެވެ. އެ ޝަކުވާތަކުގައި ބުނެފައި ވަނީ، އެ ފްލެޓްތައް ދޫކޮށްފައި ވަނީ ޝަރުތު ހަމަނުވާ މީހުންނަށް ކަމަށާއި ޕޮއިންޓް ދިނުމުގައި އޮޅުވާލާފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އާންމުކުރި ފުލެޓު ލިބޭ މީހުންގެ ލިސްޓު ވެގެން ދިޔައީ ގިނަ ބަޔަކު ނުރުހުންވި ލިސްޓަކަށެވެ. އެހެންވެ، އެ ލިސްޓުތައް ބާތިލުކުރުމަށް ވެސް މީގެ ކުރިން ރައްޔިތުން ގޮވައިލިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ތަހުގީގު ބާރަށް ކުރިއަށްދިޔަ ނަމަވެސް ތަހުގީގު އެއްކޮށް ނިމޭނެ ދުވަހެއް ނޭނގޭ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
މައްސަލަ ނުނިމި ދިގުލައިގެން ދާތީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އޭސީސީ އަށް ވަދެ އިހުތިޖާޖު ކޮށްފައެވެ.