ads
ޑެންގީ ޖެހޭ އަދަދު ދަށްވި ނަމަވެސް އަރިދަފުސް ރޯގާ ވީ އިތުރު
މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ޑިސެމްބަރު މަހުގައި ޑެންގީ ޖެހުނު އަދަދު މަދުވި ނަމަވެސް އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު ބަޔާންކޮށް އެޗްޕީއޭއިން މިއަދު ނެރުނު ނޫޫސް ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ޑިސެމްބަރު މަހުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ.

ޑެންގީގެ ކޭސްތައް މަދުވި ނަމަވެސް، މިދިޔަ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ޑިސެމްބަރު މަހުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު މައްޗަށް ގޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެންކަމުން ކޮވިޑާއި އިންފްލުއެންޒާ ފަދަ ރޯގާ ތަކުން ރައްކާތެރި ވުމުގެ ފިޔަވަޅު އެޅުމުގެ މުހިއްމުކަން އެ އިދާރާއިން ފާހަަގަ ކުރެއެވެ.

އެޗްޕީއޭއިން އާންމުކުރި މައުލޫމާތަކުން ހާމަވާ ގޮތުގައި، މިދިޔަ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ޑިސެމްބަރު މަހުގައި އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 2380 ސާމްޕަލްގެ ތެރެއިން 413 ސާމްޕަލް ވަނީ ޕޮސިޓިވް ވެފައެވެ.

މީގެއިތުރުން މިދިޔަ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ޑިސެމްބަރު މަހުގައި ބޭރަށް ހިނގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ދަށަށް ގޮސްފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.

ގައިން ގަޔަށް އަރާ މިފަދަ ރޯގާ ތަކުން ރައްކާތެރިވުމަށްޓަކައި ސާފުތާހިރު ކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް