މި ޒިޔާރަތުގައި، ވާވޭ ކުންފުނީގެ އިސްވެރިން ވަނީ ރައީސައަށް އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތަކާ ގުޅޭގޮތުން ތަފްސީލު މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ.
އެގޮތުން އެ ކުންފުނީގެ މަންދޫބުން ވަނީ އީޖާދީ މިފަދަ ކުރިއެރުންތަކުގެ ސަބަބުން ސަރުކާރުތަކަށާއި އަމިއްލަ ފަރުދުންގެ އާންމު ދިރިއުޅުމަށް އިތުރު ފަސޭހަ ގެނުވާ ގޮތްތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފަ އެވެ
މީގެ އިތުރުން ވާވޭގެ ޓީމުން ވަނީ ޑިޖިޓަލައިޒޭޝަންގެ ސަބަބުން ލިބޭ ފައިދާތަކާ ބެހޭ ގޮތުން ވަރަށް ތަފުސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފަ އެވެ.
މި ޕްރެޒެންޓޭޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދުނިޔެވީ ގޮންޖެހުންތަކުން އަރައިގަތުމަށް ޑިޖިޓަލް މިންގަނޑަށް ބަދަލުކުރުމުގެ ސަބަބުން ލިބޭ ފައިދާތަކުގެ މައްޗަށެވެ. އެގޮތުން ވާވޭގެ ޓީމުން ވަނީ، ސަރުކާރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށާއި ފެހި އިގުތިސޯދު ކުރިއެރުވުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ހޯދައިދޭ ނެޓްވަރކިންގ ހައްލުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ.
ރައީސްގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.