ads
އިސްރާއީލަށް ނިސްބަތްވާ އާގު ބޯޓަކަށް ހެލިކޮޕްޓަރެއްގައި ހޫތީން ހަނގުރާމަވެރިން އަރަނީ
ރަތް ކަނޑުގައި ހަމަލާތައް ހުއްޓާލަން އދ. ގެ ސަލާމަތާ ބެހޭ ކައުންސިލުން ގޮވާލައިފި
ރަތް ކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އާގުބޯޓުފަހަރުތަކަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓައިލަން ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ހޫތީ ޖަމާއަތަށް އދގެ ސަލާމަތީ މަޖިލީހުން ގޮވައިލައިފި އެވެ.

ސަލާމަތާ ބެހޭ ކައުންސިލުގެ 11 މެންބަރުންގެ ތާއީދާއެކު ފާސްކުރި އެ ގަރާރުގައި ބުނެފައި ވަނީ ހޫތީންގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށާއި ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަށް ބުރޫ އަރާ ކަމަށެވެ. އަދި މިދިޔަ އަހަރު ހޫތީން ހިފެހެއްޓި ޖަޕާނުގެ، ގެލެކްސީ ލީޑާ ބޯޓު ދޫކޮށްލުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ޖަޕާން އެމެރިކާ އިސްވެ ހުށައެޅި އެ ގަރާރާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓު ދީފައެއް ނުވެ އެވެ. ނަމަވެސް ޗައިނާ އާއި ރަޝިޔާގެ އިތުރުން އަލްޖީރިއާ އަދި މޮޒަންބީކުން އެ ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

ހޫތީންގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭ ގިނަ ޝިޕިން ކުންފުނިތަކުން ވަނީ ރަތް ކަނޑުގައި ކުރާ ދަތުރުތައް އެފްރިކާގެ ވަށައިގެން އޮންނަ ދުރު މަގެއް ކަމަށްވާ، ކޭޕް އޮފް ގުޑް ހޯޕަށް ބަދަލުކޮށްފަ އެވެ.

ބޯޓުތައް ހިމާޔަތްކުރުމުގެ މަސައްކަތް އެމެރިކާއިން އިސްނަގައިގެން އެކުލަވައިލީ އަސްކަރީ އިއްތިހާދުން ކުރި ނަމަވެސް ޝިޕިން ކުންފުނިތަކުން އަންނަނީ ރަތް ކަނޑުން ކުރާ ދަތުރުތައް ހުއްޓައިލަމުންނެވެ. އަދި އިސްރާއީލުގެ ބަނދަރުތަކަށް ދަތުރުކުރާ އާގު ބޯޓުތަކުގެ އިންޝުއަރެންސް އަގުތައްވެސް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

އިންޝުއަރެންސް ފީ ބޮޑުވުމުގެ ނަތީޖާއަކީ އިސްރާއީލަށް ގެންދާ މުދަލުގެ އަގުތައް އިންތިހާއަށް ބޮޑުވެ މާލީ ބޮޑު ގެއްލުމަކާ ޔަހޫދީ އިސްރާއީލު ކުރިމަތިލާން ޖެހުމެވެ.

އދގެ ގަރާރަށް ރައްދު ދެމުން ހޫތީންގެ ތަރުޖަމާނު މުހައްމަދު އަބްދުލް ސަލާމް ވިދާޅުވީ އެ ޖަމާއަތާ ދެކޮޅަށް ފާސްކޮށްފައިވާ ގަރާރު ބަލައިނުގަންނަ ކަމުގައެވެ. އަދި ރަތް ކަނޑުގައި ބައިނަލްއަގުވާމީ ގާނޫނުތައް މުގުރަމުން ދަނީ އެމެރިކާ އަދި އެމީހުންގެ ބައިވެރިން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. 

އަބްދުލް ސަލާމް އިތުރަށް ވިދާޅުވީ ރަތް ކަނޑުގެ ހާލަތު ގޯސްވާން ޖެހުނީ ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ އުދުވާނެއް ފެށުމުންނެވެ. އެކަން ހުއްޓާލާ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަމާއިއެކު ދިރި އުޅުމުގެ ހައްގު ދިނުމުން ރަތް ކަނޑުވެސް އަމާން ވާނެ ކަމަށެވެ. އަދި މީހާރު ހޫތީން ރަތް ކަނޑުގައި ފޯރި މެރުމުގެ ބޭނުމަކީ ޔަހޫދީންގެ އުދުވާން ހުއްޓައިލަން ބާރު އެޅުމެވެ.

ހޫތީންނާއި ދެކޮޅަށް ގަރާރެއް އދ. ގެ ސަލާމަތާ ބެހޭ މަޖިލީހުން ފާސްކުރިއިރު، އެމެރިކާ އިސްވެ އޮވެ އެކުލަވާލާފައިވާ ގިނަ ގައުމު ހިމެނޭ ކަނޑުގެ ލަޝްކަރަކުން ގެންދަނީ ރަތް ކަނޑުގެ އަމަން ބަލަހައްޓަމަށް ހަރަކާތްތެރި ވަމުންނެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު ވެސް ހޫތީންގެ 21 މިސައިލާއި ޑްރޯން ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

ހޫތީންނަށް އެހީތެރިވާކަމަށް ބެލެވޭ އީރާނުންވަނީ އެމެރިކާ އިސްވެ އޮވެގެން ރަތްކަނޑުގައި ހޫތީންނާ ދެކޮޅަށް އެކުލަވާލަން އުޅޭ ބާރާ ދެކޮޅަށް ފާޑުކިޔާފައެވެ. އީރާން ބުނާގޮތުގައި އެމެރިކާގެ މިމަސައްކަތަކީ ސަރަހައްދުގެ ހަމަޖެހުމާއި ސުލްހައަށް އޮތް ނުރައްކަލެކެވެ. އެމެރިކާ ކުރަންޖެހޭ ކަމަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި ޓެރަރިޒަމްއަށް ވާގިވެރިވުން ހުއްޓާލުމެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ގާޒާގެ އާންމުންނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 23،800 ފަލަސްތީނުގެ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 69،803 އަށް އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް