ads
ރައީސް މުއިއްޒު
ވިލިމާލޭގައި ތަރައްގީކުރާ ހޮސްޕިޓަލް އަޅާނީ ޗައިނާ އިން: ރައީސް
މި ސަރުކާރުން ވިލިމާލޭގައި ތަރައްގީކުރަން ނިންމައިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލަކީ 24 ގަޑިއިރަށް ހިދުމަތްދޭ ހޮސްޕިޓަލެއް ނަމަވެސް އެތަނުން ލިބެމުން އަންނަނީ މަދު ހިދުމަތްތަކެކެވެ. މިވަގުތު އެ ހޮސްޕިޓަލުގައި ހިދުމަތްދެނީ 5 އެނދުގެ އިމަޖެންސީ ރޫމަކާއި، ބަލިމީހުން ބެލުމަށް ހާއްސަ 3 ކޮޓަރިއާއެކު އެވެ.

މާލޭގެ މޭޔަރު ހޮވަން މާދަމާ ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އާޒިމާ ޝުކޫރަށް ވޯޓް ދެއްވުމަށް އެދިވަޑައިގެން ޗައިނާގައި ހުންނަވައިގެން ރައީސް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ވިލިމާލޭގެ ހޮސްޕިޓަލް އަޅަން ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަަމަށެވެ.

"ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އިރާދަކުރެއްވިއްޔާ ޗައިނާގައި މިހާރު އަޅުގަނޑުމެން ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން މި ވަނީ މަގުފަހިވެފައި،" މިވަގުތު ޗައިނާއަށް ވަޑައިގެން އުޅުއްވާ ރައީސް ވިދާޅުވި އެވެ. 

މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ ލަސްތަކެއްނުވެ ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ. އަދި، ވިލިމާލޭގައި ކުރާ ފައިބަރު މަސައްކަތް އެހެން ތަނަކަށް ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭ ބަދަލު ކުރައްވާނެ ކަމަށެވެ.

ވިލިމާލެ ހޮސްޕިޓަލްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ވިލިމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރުމަށްޓަކައި 100 އެނދުގެ އާ ހޮސްޕިޓަލް އަޅަން ޑިޒައިން ކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ މިއަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ހެލްޓް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް މިފަހުން ވަނީ ވިދާޅުވެފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް