ads
އިންތިހާބު ވަރަށް އަމާން، ރަސްމީ ޝަކުވާއެއް ނުލިބޭ: ފުއާދު
މިއަދު ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކުގައި އެއްވެސް ރަސްމީ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
Advertisement

ފުއާދު ވިދާޅުވީ މިހާތަނަށް ބަލާއިރު އިންތިހާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށްދަނީ ވަރަށް އަމާން ކަމާއެކު ކަމަށާއި، އިންތިހާބާ ގުޅުންހުރި ކަމެއްގެ އެއްވެސް ރަސްމީ ޝަކުވާއެއް މިހާތަނަށް އީސީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް ނުރަސްމީ ޝަކުވާއެއް އެ ކޮމިޝަނުގެ ސަމާލުކަމަށް އައި ކަމަށާއި، އެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

މީގެއިތުރުން، މިއަދުގެ މިހާތަނަށް ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުކަން ފުއާދު ފާހަގަ ކުރެއްވިއެވެ. އަދި ފަހުވަގުތު ވޯޓުލާން މަޑުނުކޮށް ވީހާވެސް އަވަހަށް ވޯޓުލާން ދިއުމަށް އޭނާ ވަނީ މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ފުއާދު އިތުރަށް ވިދާޅުވީ މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސިޔާސީ ޕާޓީތަކާއި ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އީސީން ބުނި ގޮތުގައި މިއަދުގެ މެންދުރުފަހު 15:00 އާހަމައަށް ވޯޓުލާފައި ވަނީ 12،198 މީހުންނެވެ. އެއީ ޖުމްލަ ވޯޓުލެވޭ މީހުންގެ އެންމެ 21.78 އިންސައްތަ މީހުންނެވެ.

މިއަދުގެ 17:00 އާ ހަމައަށް ކުރިއަށްދާ ބައި އިލެކްޝަން ތަކުގައި 56,002 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

މިއަދު ބާއްވާ މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމުގެ އިންތިހާބުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ޖެހި އިރެވެ. ވޯޓުލުން ނިމޭނީ މިއަދު ހަވީރު 5:00 ޖަހާއިރެވެ.

މިއަދުގެ އިންތިހާބުގައި މޭޔަރު ކަމަށް ވާދަ ކުރަނީ ފަސް ކެންޑިޑޭޓުންނެވެ. އެއީ:

  • ޝުއައިބު އަލީ (އަމިއްލަ ގޮތުން)
  • ހުސެއިން ވަހީދު (އަމިއްލަ ގޮތުން ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ތާއިދާއެކު)
  • އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)
  • އާދަމް އާޒިމް (އެމްޑީޕީ)
  • މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް)

މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓުލުން މިއަދު ކުރިއަށް ދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް