ads
އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން: ރައީސް
އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި އެ ކަނޑުގައި ރާއްޖޭގެ ހިއްސާ ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެއަށް އެނބުރިވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ކުޑަ ގައުމަކަށް ވިޔަސް ބޭރުގެ ބޮޑެތި ގައުމަތަކަށް ނުރަނގަޅު ނުފޫޒު ނުފޯރުވޭނެ ކަމަށާއި ރާއްޖެއަކީ އެއްވެސް ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން ކަމަށެވެ. 

"އަޅުގަނޑުމެންނަކީ މި ކަނޑުގައި، ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް އެކްސްކްލޫސިވް އިކޮނަމިކް ޒޯން ވަރަށް ބޮޑު، ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހިރާއްޖެ،" ރައީސް ވިދާޅުވި އެވެ.

ސީދާ އިންޑިއާގެ ނަން ވިދާޅުނުވެ ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި "އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައި އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން" ކަމަށެވެ. އަދި ވިދާޅުވީ "އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުމެއް ނެތި" ކަމަށެވެ.

"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެގޮތުން އިންޑިއާއަށް ބޭހަށް ދިޔުމާއި އިންޑިއާއިން ބޭސް ގެނައުން ވެސް ހުއްޓާލައްވާނެ ކަމަށް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް