ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އާދައިގެ ބޭސް ރާއްޖެ ގެނައުން ނިމުމަކަށް ގެނެސް ސީދާ އުފައްދާ ތަނުން ރާއްޖެ އަށް ބޭސް އެތެރެ ކުރާ ގޮތަށް ބަދަލުކުރާނެ ކަމަށެވެ.
ފެންވަރު ރަނގަޅު ބޭސްފަރުވާގެ ހިދުމަތް ލިބޭ ޤައުމުތަކަށް އާސަންދައިގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ތައިލޭންޑު ފަދަ ގައުމުތަކުން ދިވެހިންނަށް ބޭސްފަރުވާގެ ހިދުމަތް އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ހިދުމަތް ފުޅާކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެ ގައުމުތަކުން އާސަންދައިގެ ދަށުން ބޭސްފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސާއިރު އެކޮމޮޑޭޝަންވެސް އާސަންދައިން ހަމަޖެހިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މުއިއްޒު މިއަދު ވަނީ ޔޫއޭއީ އާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ބޭސް ގެންނަނީ އަވައްޓެރި އިންޑިއާއިންނެވެ. ބޭސް ގެންނަ ގޮތް ބަދަލުކުރާނެކަމަށް ރައީސް މިއަދު ވިދާޅުވި އިރު، އިންޑިއާއާއި ރާއްޖެއާއި ދެމެދު ވަނީ ނުތަނަވަސްކަމެއް އުފެދިފަ އެވެ.