ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، މާޗު 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.
ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާރު ކުރާ ކަމަކީ އެ ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކެއް ހޯދުމެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާއި ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރައީސް މުއިއްޒު މިފަހުން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭން ބިނާވި އެމަނިކުފާނުގެ އެންމެ މުހިންމު ރިޔާސީ ވައުދެވެ.
އިންޑިއާ ސިފައިން ފޮނުވައިލުމާ ގުޅޭ މަޝްވަރާ ބައްދަލުވުން މިހާރު ފޮރިން މިނިސްޓްރީގައި ކުރިއަށްދާއިރު، ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، އެނބުރި މާލެ ވަޑައިގެން އިއްޔެ ވަނީ އިންޑިއާއަށް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފަ އެވެ.
ނާޒިމް ވިދާޅުވީ ދެގައުމުގެ މެދުގައި މިއަދު ކުރިއަށްދާ ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މާހަވަރާއި ބައެއް ސީނިއާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީ އަދި ރައީސް އޮފީހުގެ ސީނިއާ ބޭފުޅުން ބައިވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.