ads
އިންޑިއާ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީއަށް މިއަދު ވަނީ ވަޑައިގެންފައި - ފޮޓޯ: ސީއެންއެމް
ސިފައިން ގެންދިއުން އަވަސް ކުރަން އިންޑިއާ އިން މިއަދު އެއްބަސްވި: ދިވެހި ސަރުކާރު
އެކި އަސްކަރީ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އަވަށްޓެރި އިންޑިއާގެ ސިފައިން އަނބުރާ ގެންދިޔުމުގެ މަސައްކަތް އަވަސް ކުރަން އެގައުމުން މިއަދު އެއްބަސްވެއްޖެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
Advertisement

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެހެން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ މިއަދުގެ ބައްދަލުވުމަށް ފަހު އެވެ.

އެގޮތުން ދެ ގައުމުގެ މަސްލަހަތު އޮތް ތަފާތު ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށާއި އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމާ ގުޅޭ ވާހަކަތައް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"ދެ ފަރާތުން ވަނީ އެއްބާރުލުން އިތުރުކުރުމަށާއި އިންޑިއާ ސިފައިން ގެންދިޔުން އަވަސް ކުރުމަށް އެއްބަސްވެފައި،" އެ މިނިސްޓްރީން ބުންޏެވެ.

އެފަދަ ބައްދަލުވުމެއް ދެން ބާއްވާނެ ތާރީހެއް މިހާތަނަށް ކަނޑައަޅާފައި ނުވި ނަމަވެސް ދެ ގައުމަށް ފަސޭހަ ތާރީހެއްގައި ދެވަނަ ބައްދަލުވުމެއް ބާއްވަން އެއްބަސްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތަށް އިންޑިއާ އިން އެއްބާރުލުން ދޭނެ ކަން ހާމަކޮށްފައިވާއިރު، އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާ އަށް ހުށަހަޅުއްވައިފަ އެވެ.

ރައީސް މުއިއްޒުގެ ފޮރިން ޕޮލިސީއަކީ އިންޑިއާއަށް ރާއްޖެއިން ބަރޯސާވެފައި އޮތް އޮތުން ނައްތާލުން ކަމަށް ސަރުކާރުން ބުނެ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ވެސް އެމަނިކުފާނުގެ ވައުދެކެވެ. މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ރައީސް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރާއްޖޭގެ މިނިވަންކަން ދަމަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު ރައީސް މުއިއްޒު އެމަނިކުފާނުގެ އެންމެ ފުރަތަމަ ސްޓޭޓް ވިޒިޓް މިދިޔަ ހަފުތާގައި ކުރެއްވީ އިންޑިއާއާ ވާދަވެރި ޗައިނާއަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް