ޓައިވާނަށް އދ. އިން މިނިވަން ދައުލަތެއްގެ ދަރަޖަ ނުލިބުނަސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި 15 ގައުމަކުން ގަބޫލުކުރެ އެވެ. އެކަމަކު އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އާއި ބާރުގަދަ އެހެން ގައުމުތަކުގައި ރަސްމީ ސިފައެއްގައި ޓައިވާން ބަލައެއް ނުގަނެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ބުނީ "ވަން-ޗައިނާ"ގެ ޕްރިންސިޕަލްގައި ރާއްޖޭން ސާބިތުކަމާ އެކު، ދެމިތިބި ކަމަށާއި އެއީ ރާއްޖެ އާއި ޗައިނާގެ ގުޅުން އޭގެ މައްޗަށް ބިނާވެފައިވާ އަސާސް ވެސް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް އެ ޔަގީންކަން ޗައިނާ އަށް ދެއްވާފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ރާއްޖެ އިން އަބަދުވެސް ދަމަހައްޓަމުން އަންނަނީ "ވަން ޗައިނާ" ޕޮލިސީ ކަމަށާއި ކުރިމަގުގައި ވެސް އެ ސިޔާސަތުގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު ވަނީ ޗައިނާ އަށް ދީފައެވެ.
އަދި ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ފޯރުވުން ވެސް ރާއްޖެ އިން ކުށްވެރި ކުރި އެވެ.
ތައިވާން/ޗައިނާގެ ކޯޅުމުގެ ހުލާސާއެއް:
ތައިވާން އަކީ ޗައިނާގެ ބައެކެވެ. ތައިވާން ޗައިނާ އާ ވަކިވެގެންފައިވަނީ 1949 ވަނަ އަހަރު އެވެ. ޗައިނާގެ ދާހީލީ ހަނގުރާމަ ކޮމިއުނިސްޓުން ކާމިޔާބުކޮށް ކޮމިއުނިސްޓުންގެ އަތްދަށަށް ޗައިނާގެ ވެރިކަން ދިޔުމާ ގުޅިގެންނެވެ. ތައިވާން ޗައިނާއާ ވަކިވެގަތީ ކޮމިއުނިސްޓުންގެ އަތްދަށަށް ޗައިނާގެ ވެރިކަން ދިޔައިރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އެމެރިކާގެ އެހީގައި ތައިވާނަށް ސިއްރިޔާތުގައި ފިއްލަވައިގެން ވަޑައިގަތުމަށްފަހު އެމެރިކާ ފަހަތުގައި އޮވެގެންނެވެ.
ކޮމިއުނިސްޓުން ވެރިކަމަށް އައުމާއެކު ޗައިނާގެ ނަމަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ. އެދުވަސްވަރު ޗައިނާގެ ގޮތުގައި އެމެރިކާ އިއުތިރާފްވީ ރިޕަބްލިކް އޮފް ޗައިނާގެ ނަމުން ނަންދީގެން އުޅުނު ތައިވާން އަށެވެ. ނަމަވެސް 1971 ވަނަ އަހަރު އެމެރިކާވަނީ ތައިވާން (ރިޕަބްލިކް އޮފް ޗައިނާ) ގެ އިއުތިރާފް ދޫކޮށްލައި އޭގެ ބަދަލުގައި ޗައިނާ (ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ) އަށް އިއުތިރާފްވެފަ އެވެ.
ތައިވާން، ޗައިނާއާ ވަކިވެގަނެގެން އުޅުނު ކަމަށްވިޔަސް ރަސްމީކޮށް މިނިވަންކަން އިއުލާނެއް ނުކުރެއެވެ. ޗައިނާ ދެކެނީ ތައިވާނަކީ ބަގާވާތްކޮށްގެންއުޅޭ އެގައުމުގެ ސަރަހައްދެއްގެ ގޮތުގައެވެ. ތައިވާން ދެކެނީ އެގައުމަކީ ޗައިނާ ކަމުގައެވެ. ޗައިނާ ތަމްސީލުކުރުމުގެ ހައްގު އޮންނާނީ ތައިވާނަށް ކަމުގައެވެ.
ތައިވާނުގައި ވަކި ވެރިކަމެއް އޮތް ނަމަވެސް ޗައިނާއިން ދެކެނީ، ގަދަ ބާރު ބޭނުންކޮށްގެން ވެސް އެގައުމުގެ ބާރުގެ ދަށަށް ޓައިވާން ގެންދަން ޖެހޭ ކަމަށެވެ.
ޗައިނާވަނީ ކޮންމެ ގޮތެއްގައިވެސް ތައިވާން އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެކަން ރަސްމީކޮށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުން ޗައިނާ ސިފައިންވަނީ 2027 ވަނަ އަހަރުގެ ކުރިން ތައިވާން ޗައިނާގެ ބާރުގެ ދަށަށް ގެނައުމަށް ނިންމައި އެކަމާބެހޭ ޕްލޭންތައް އެކުލަވާލާފައެވެ.