ads
ޝަރީއަތަށް އަތް ބާނަން އުޅުނު މީހަކު ވަޒީފާއިން ވަކިކޮށްފި
ސިޔާސީ ޕާޓީއެއްގެ ޖަގަހައެއްގައި ކުރި މަޝްވަރާތަކަކަށް ފަހު، ޝަރީއަތުގައި އޮތް މައްސަލައަކަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ތުހުމަތުގައި ޝަރުއީ ދާއިރާގައި ގިނަ ދުވަސްވީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖިނާއީ މައްސަލައަކާ ގުޅޭ މީހަކު ދޫކޮށްދިނުމަށް އެދި ގާޒީއާ ވާހަކަ ދެއްކި މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައިވަނީ މާލޭގެ ކޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ އަންހެން މުވައްޒަފެކެވެ. އެއީ ލީގަލް މުވައްޒަފެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި އެ މުވައްޒަފު ވަނީ ސިޔާސީ ޕާޓީއެއްގެ ޖަގަހައެއްގައި، ކޯޓުގައި އޮތް މައްސަލައާ ގުޅޭ ގޮތުން ސިޔާސީ ބައެއް މީހުންނާ މަޝްވަރާ ކޮށްފައެވެ. އަދި އއެ މައްސަލައިގައި ބަންދުގައި ތިބި މީހުން ބަންދުން ދޫކޮށްދިނުން އެދި މައްސަލަ ބައްލަވާ ފަނޑިޔާރު ކިބައިން އެ މުވައްޒަފުވަނީ އެދިފައެވެ.

މި މައްސަލަ އެ އަންހެން މުވައްޒަފު މަސައްކަތް ކުރާ ކޯޓުގެ ހިއުމަން ރިސޯސް ކޮމިޓީން ބެލުމަށްފަހު، ކޮމިޓީން ނިންމީ އޭނާ ވަޒީފާއިން ވަކި ކުރުމަށެވެ. މައްސަލަ ހުށަހެޅީ އެ އަންހެން މުވައްޒަފު އެ ވާހަކަ ދެއްކި ފަނޑިޔާރުކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލައިގައި ހިމެނެނީ ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ މައްސަލައެއްގައި ދައުވާ އުފުލާފައިވާ ބައެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް