ads
އެމެރިކާގެ ރައީސް ޖޯ ބައިޑެން
ތައިވާން އަކީ މިނިވަން ގައުމެއް؛ ދައުލަތެއް ނޫން: އެމެރިކާ
ޗައިނާގެ މައި ސަރުކާރާ ވަކިން އަމިއްލަ ދައުލަތެއް ކަމަށް ދައުވާ ކުރާ ތައިވާން އަކީ މިނިވަން ގައުމެއް އަދި މިނިވަން ދައުލަތެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
Advertisement

ބައިޑަން މިހެން ވިދާޅުވީ ތައިވާނުގެ މިހާރުގެ ނައިބު ރައީސް އަދި ވެރިކަންކުރާ ޕާޓީގެ ޗެއާޕާސަން ވިލިއަމް ލައި، އެ ގައުމުގެ އާ ރައީސް އަކަށް ހޮވިވަޑައިގެންފައިވާ ވަގުތެއްގައި އެވެ. އަދި އެމެރިކާގެ ހާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ލާއީއަށް މަރުހަބާ ދަންނަވާފައިވަނިކޮށެވެ. 

ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ ތައިވާނަށް މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް އެ ގައުމުން މިނިވަންވާން ދައްކާ ވާހަކަތަކަށް ތާއީދު ނުކުރާ ކަމަށެވެ.

ލާއީ އަކީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އޭނާ ޗައިނާއަށް ފާޑުވިދާޅުވަނީ ތައިވާން އަކީ ޗައިނާގެ ބައެއް ކަމަށް ބެއިޖީން އިން ބުނާތީ އެވެ.

އިއްޔެ އޮތް އިންތިހާބުން ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި ދެއްކެވި ވާހަކަތަކުގައި ވެސް ޗައިނާއަށް ހަމަލާދެއްވި އެވެ.

ޓައިވާނަށް އދ. އިން މިނިވަން ދައުލަތެއްގެ ދަރަޖަ ނުލިބުނަސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި 15 ގައުމަކުން ގަބޫލުކުރެ އެވެ. އެކަމަކު އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އާއި ބާރުގަދަ އެހެން ގައުމުތަކުގައި ރަސްމީ ސިފައެއްގައި ޓައިވާން ބަލައެއް ނުގަނެވެ. 

ތައިވާން/ޗައިނާގެ ކޯޅުމުގެ ހުލާސާއެއް: 

ތައިވާން އަކީ ޗައިނާގެ ބައެކެވެ. ތައިވާން ޗައިނާ އާ ވަކިވެގެންފައިވަނީ 1949 ވަނަ އަހަރު އެވެ. ޗައިނާގެ ދާހީލީ ހަނގުރާމަ ކޮމިއުނިސްޓުން ކާމިޔާބުކޮށް ކޮމިއުނިސްޓުންގެ އަތްދަށަށް ޗައިނާގެ ވެރިކަން ދިޔުމާ ގުޅިގެންނެވެ. ތައިވާން ޗައިނާއާ ވަކިވެގަތީ ކޮމިއުނިސްޓުންގެ އަތްދަށަށް ޗައިނާގެ ވެރިކަން ދިޔައިރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އެމެރިކާގެ އެހީގައި ތައިވާނަށް ސިއްރިޔާތުގައި ފިއްލަވައިގެން ވަޑައިގަތުމަށްފަހު އެމެރިކާ ފަހަތުގައި އޮވެގެންނެވެ.

ކޮމިއުނިސްޓުން ވެރިކަމަށް އައުމާއެކު ޗައިނާގެ ނަމަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ. އެދުވަސްވަރު ޗައިނާގެ ގޮތުގައި އެމެރިކާ އިއުތިރާފްވީ ރިޕަބްލިކް އޮފް ޗައިނާގެ ނަމުން ނަންދީގެން އުޅުނު ތައިވާން އަށެވެ. ނަމަވެސް 1971 ވަނަ އަހަރު އެމެރިކާވަނީ ތައިވާން (ރިޕަބްލިކް އޮފް ޗައިނާ) ގެ އިއުތިރާފް ދޫކޮށްލައި އޭގެ ބަދަލުގައި ޗައިނާ (ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ) އަށް އިއުތިރާފްވެފަ އެވެ.

ތައިވާން، ޗައިނާއާ ވަކިވެގަނެގެން އުޅުނު ކަމަށްވިޔަސް ރަސްމީކޮށް މިނިވަންކަން އިއުލާނެއް ނުކުރެއެވެ. ޗައިނާ ދެކެނީ ތައިވާނަކީ ބަގާވާތްކޮށްގެންއުޅޭ އެގައުމުގެ ސަރަހައްދެއްގެ ގޮތުގައެވެ. ތައިވާން ދެކެނީ އެގައުމަކީ ޗައިނާ ކަމުގައެވެ. ޗައިނާ ތަމްސީލުކުރުމުގެ ހައްގު އޮންނާނީ ތައިވާނަށް ކަމުގައެވެ.

ތައިވާނުގައި ވަކި ވެރިކަމެއް އޮތް ނަމަވެސް ޗައިނާއިން ދެކެނީ، ގަދަ ބާރު ބޭނުންކޮށްގެން ވެސް އެގައުމުގެ ބާރުގެ ދަށަށް ޓައިވާން ގެންދަން ޖެހޭ ކަމަށެވެ.

ޗައިނާވަނީ ކޮންމެ ގޮތެއްގައިވެސް ތައިވާން އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެކަން ރަސްމީކޮށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުން ޗައިނާ ސިފައިންވަނީ 2027 ވަނަ އަހަރުގެ ކުރިން ތައިވާން ޗައިނާގެ ބާރުގެ ދަށަށް ގެނައުމަށް ނިންމައި އެކަމާބެހޭ ޕްލޭންތައް އެކުލަވާލާފަ އެވެ. 

އެމެރިކާ އަކީ ތައިވާނަށް ޗައިނާ އާއި ދެކޮޅަށް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދޭ ގައުމެވެ. ނަމަވެސް އެމެރިކާގެ ރައީސް، ޖޯ ބައިޑަން ވިދާޅުވި ގޮތުގައި، ތައިވާން މިނިވަންކަން އެމެރިކާ ގަބޫލެއް ނުކުރާނެ އެވެ.

ތައިވާން އަކީ މިނިވަން ދައުލަތެއް ކަމަށް އދ ގެ ގުނަވަންތަކުން ވެސް ގަބޫލެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް