އެޗްޕީއޭއިން މިރޭ ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
ސަރަހައްދީ ގައުމު ތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށް ވެފައި ސްކޫލް ބަންދާއި ދިމާކޮށް ދަތުރު ފަތުރު ކުރުން އިތުރުވާމާއި ގުޅިގެން މިދުވަސްވަރު އިންފްލުއެންޒާ ރާއްޖޭގައިވެސް ފެތުރޭ މިންވަރު އިތުރުވާކަމަށް އެ އެޖެންސީ އިން ބުނެއެވެ.
އިންފްލުއެންޒާއަކީ އާއްމުކޮށް ފެތުރޭ ނޭވާލާނިޒާމަށް ޖެހޭ ބައްޔެއް ކަމަށާއި، ބައެއް ދުވަސްވަރު ބަލި ފެތުރޭ މިންވަރު އިތުރުވާކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި H1N1, H3N2 އަދި އިންފްލުއެންޒާ ބީ އާންމުކޮށް ފެނެއެވެ.
އެޗްޕީއޭއިން ބުނީ އެ ބަލިން ރައްކާތެރިވުމަށް އޮތް ގޮތަކީ ވެކްސިން ޖެހުން ކަމަށެވެ.
"އިންފްލުއެންޒާ އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ވެކްސިން ޖެހުން. ޚާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ." އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން މިފަދަ އިރުޝާދެއް ދީފައިވާއިރު، އިއްޔެގެ ވަގުތެއްގައި އިންފުލުންޒާއަށް ފަރުވާ ދެމުން ދަނިކޮށް ދިވެހި ޒުވާނަކުވަނީ އެ ބަލީގައި މަރުވެފައެެވެ.