ads
އަރަބިއްޔާގައި އަރަބި ބަހުން ކިޔަވައިދޭނެ ދިވެހިން ތަމްރީނު ކުރަނީ
އަރަބިއްޔާ ސްކޫލްގައި އަރަބި ބަހުން ކިޔަވައިދޭނެ ދިވެހި މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ މިހާރު އަރަބިއްޔާ ސްކޫލްގެ ސާނަވީ ގްރޭޑް ތަކަށް އާންމުކޮށް ކިޔަވައިދެނީ ބިދޭސީ މުދައްރިސުން ކަމަށާއި، އެކަން ބަދަލު ކުރައްވަން ބޭނުންވެލައްވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީއާ ގުޅިފައިވާ ޖަމިއްޔާތަކާއި ގައުމުތައް މެދުވެރިކޮށް، އަރަބިއްޔާ ސްކޫލްގައި އަރަބި ބަހުން ކިޔަވައިދޭނެ ދިވެހި މުދައްރިސުން ތަމްރީނު ކުރުމުގެ ޕްލޭނެއް އެކުލަވާލާފައި ވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކެމިސްޓްރީއާ ފިޒިކްސްއާ އެކިއެކި ސައިންސް ސަބްޖެކްޓްގެ އިތުރަށް ބިޒްނަސް ސްޓްރީމްގެ ސަބްޖެކްޓްސްތައް، އަރަބި ބަހުން ކިޔަވައިދެވޭނެ ދިވެހިން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް، އަޅުގަނޑުމެންނާ ގުޅިފައިވާ ބޭރު ގައުމުތަކުގެ އެހީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ތިން އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި، އެކިއެކި މާއްދާތައް އަރަބި ބަހުން ކިޔަވައިދޭނެ ދިވެހި މުދައްރިސުން އެކަށީގެންވާ އަދަދަކަށް ތަމްރީނު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އޭގެސަބަބުން އަރަބިއްޔާ ސްކޫލްގެ ހިންގުމަށް އިތުރު ފުރިހަމަ ކަމެއް ލިބި، ރާއްޖޭގައި އަރަބި ތައުލީމު ފުޅާ ކުރުމަށް ވެސް މަގުފަހި ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލް ކަމަށާއި، އެ ސްކޫލަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވެލައްވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ފުރަތަމް 100 ދުވަސް ތެރޭގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ބިންގާ އެޅުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ 386 ވަނަ ކޮށީގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް