އެމެރިކާގެ މިލިޓަރީ ކޮމާންޑް ފޯ ދަ މިޑްލް އީސްޓް (ސެންޓްކޮމް) އިން ބުނެފައިވަނީ ޖިބްރޯލްޓާ އީގަލް ނަމަކަށް ކިޔާ މި އުޅަނދަށް މާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ.
މި މިސައިލް ހަމަލާ އަމާޒު ވީއިރު ބަލްކް ކެރިއަރުން ސްޓީލްގެ އުފެއްދުންތައް ގެންގުޅެމުން ދިޔަ ކަމަށާއި އަދި އެ ބޯޓު އޮތީ ގަލްފް އޮފް އެޑެންގެ 160 ކިލޯމީޓަރު (100 މޭލު) ބޭރުގައި ކަމަށް ޝިޕިން ކުންފުނި އީގަލް ބަލްކް ޝިޕިން އިން ބުނެ އެވެ.
މީގެ އިތުރުން ކާގޯ ހޯލްޑްއަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާކަމަށާއި ނަމަވެސް އެ ބޯޓު ސްޓޭބަލް ކަމަށާއި އެ ބޯޓު ދަނީ އެ ސަރަހައްދުން ބޭރަށް ދަތުރުކުރަމުން ކަމަށް ވެސް އެއިދާރާއިން ބުނެ އެވެ.
ހޫތީން ދަނީ އިސްރާއީލާ ގުޅިފައިވާ ބަނދަރުތަކަށް ދަތުރުކުރާ ބޯޓު ފަހަރަށް ހަމަލާދީ ރަތް ކަނޑުގެ ވިޔަފާރި އުޅަނދުތަކަށް ހުޅަސް އަޅަމުން ނެވެ. މީގެ ގެއްލުން ޔަހޫދީންނަށް ވާން ފެށުމުން، އެމެރިކާއާއި އިނގިރޭސިވިލާތުން އެ ސަރަޙައްދަށް އަސްކަރީ މަނަވަރުތައް ފޮނުވާފައި މިހާރު ވަނީ ޔަހޫދީންނަށް ހިމާޔަތް ފޮނުވާފައި އެވެ.
ހޫތީންގެ ހަމަލާތައް ހުއްޓުވައި ހޫތީ ހަނގުރާމަވެރިން ބަލިކުރުމަށް ކަމަށް ބުނެ އެމެރިކާއާ އިނގިރޭސިވިލާތުން ވަނީ ޔަމަނަށް ވެސް ހަމަލާދީފަ އެވެ. މި ދެ ގައުމު ގުޅިގެން ހޫސީންނަށް ހަމަލާ ދިނުމަށްފަހު ބުނީ ހުރިހާ ހަމަލާއެއް އެރީ ހޫތީންގެ މަރުކަޒުތަކަށް ކަމަށެވެ.
ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން އެމެރިކާއިން ފޮނުވި މަނަވަރުތަކަށް ވެސް ހޫތީން ދަނީ ވަރުގަަދަ ހަމަލަތަކެއް އަމާޒު ކުރަމުންނެވެ.
ހޫސީންގެ މި އަމަލަކީ ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީންގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ބަދަލުހިފުމަށް ކުރާ ކަމެއް ކަމަށް އޮތީ ބުނެފަ އެވެ. ގާޒާއަށް ހަމަލާދިނުން ހުއްޓާލުމަށް ދާންދެން ޔަހޫދީންނަށް މުދާ އުފުލައިދޭ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ގާޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 24000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގައި 60000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.