ads
ހޯމް މިނިސްޓަރު އަލީ އިހުސާން- ފޮޓޯ: ހޯމް މިނިސްޓްރީ
ސީރިއާއިން ދިވެހިން ގެނައީ 1.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން: މިނިސްޓަރު
ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖޭން ދިޔަ މީހުންގެ ތެރެއިން ފަސް އާއިލާއަކަށް ނިސްބަތްވާ 21 މީހަކު މިއަދު ރާއްޖެ ގެނެސްފައި ވާއިރު، އެ ކަމަށް ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާ ހޭދަވި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.
Advertisement

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސަށް ނޫސްވެރިންނާ ވަކިން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މީހުން ގެނައީ ތުރުކީ މަގުން މިއަދު ފަތިހު ކަމަށެވެ.

އިހުސާން ވިދާޅުވީ ސީރިޔާގައި ރިބީ ދިވެހިންކަން ކަށަވަރުވި ހިސާބުން އެ ހުރިހާ އެންމެން ރާއްޖެ ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މި މީހުން ރާއްޖެ ގެނައުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވުނު ކަމުގައި އިހުސާން ވިދާޅުވި އެވެ. އެގޮތުން މިކަމަށް ބޭނުންވާ ފަންޑު ހޯދައި ހާއްސަ ފްލައިޓެއް 15 މީހުންގެ ޓީމަކާ އެކުގައި މިދިޔަ އާދިއްތަ ދުވަހު ތުރުކީ އަށް ފޮނުވާލި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޗާޓާޑް ފްލައިޓެއްގައި އަޅުގަނޑުމެން ގެނައީ ގާތްގަނޑަކަށް 120،000 އެމެރިކާ ޑޮލަރަށް، [އެއީ 1,848,000ރ.] އަށް. އެއީ ދެކޮޅަށް ދިޔަ ހަރަދު،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ކަމަށް ބޭނުންވާ ފަންޑު ހޯދައި ހާއްސަ ފްލައިޓެއް 14 ޖެނުއަރީ ވަނަ ދުވަހު ވަނީ މާލެ އިން 15 މީހުންގެ ޓީމަކާ އެކު މި މީހުން ބަލާ ތުރުކީގެ ގެޒިއެންޓު އެއާޕޯޓަށް ފޮނުވިފައި،"

ސީރިއަށް ގޮސް ހާލުގައި ޖެހިފައިތިބި ފަސް އާއިލާއެއް މިއަދު ހެނދުނު ވަނީ މާލެ ގެނެސްފަ އެވެ.

އިހުސާން އިތުރަށް ވިދާޅުވީ، އެނބުރި ރާއްޖެ އަންނަން ބޭނުންވާ 90 މީހުން މިހާރު ވެސް ސީރިއާގައި އެބަތިބި ކަމަށެވެ. އެ މީހުން އަނބުރާ ގެންނަން، އެއީ ދިވެހީންކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަނގުރާމައަށް ގޮސް އަންނަ ހުރިހާ މީހުން ވެސް އަނބުރާ މުޖުތަމައުއަށް ނެރެން ކުރާ ހަރަދުތައް ވެސް ކުރާނީ ސަރުކާރުން ކަމަށެވެ.

"ރީ އިންޓަގްރޭޝަން ސެންޓަރު ހެދުމަށް ބޭރުގެ ބައެއް ޖަމާއަތްތަކުން އަޅުގަނޑުމެންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. ފަންނީ އެހީ ވެސް މާލީ އެހީ ވެސް. އެހެން ނަމަވެސް ރިކަރެންޓްކޮށް މި ދާ ހަރަދުތަކަކީ ދިވެހި ސަރުކާރުން ކުރާނެ ހަރަދުތައް. އެކްސްޕަޓީސް ބޭރުގެ އެކި ޖަމާއަތްތަކުން މިވަގުތު ވެސް ފޯރުކޮށްދެމުން ދަނީ،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސީރިއަށްދާ މީހުން އާންމުކޮށް ދާ ކަމަށް ފާހަގަކުރެވެނީ އާއިލާގެ ކޮންމެ ވެސް އެއް މެންބަރެއްގެ ނުފޫޒުގައި ކަމަށެވެ.

މިނިސްޓަރު ވަނީ ހަނގުރާމައަށް ދިޔަ ދިވެހިންގެ ތެރޭގައި ކުޑަކުދިން ގިނަ ކަމަށާއި އެ ކުދިން އެތަނަށް ގެންދިޔައީ އެ ކުދިންގެ މައިންބަފައިން ކަމަށްވާތީ އެ ކުދިން އެއީ ކުށްވެރިންގެ ގޮތުގައި ނުދެކުމަށް މުޖުތަމައުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އެ ކުދިންގެ ޕްރައިވަސީ ރާއްކާތެރިކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިކަން ދިނުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.

އިހުސާން ވިދާޅުވީ ރާއްޖެ ގެންނަ އެއްވެސް ދިވެއްސެއްގެ ފަރާތުން އެއްވެސް ކަހަލަ ބިރުވެރިކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް