ads
ޖަލުތަކުގައި ތިބި ޤައިދީންގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ މައްސަލަތައް:ޒަރީރް
ޖަލުތަކުގައި ތިބި ގައިދީންގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުންކޮށްފައި ތިބި ގައިދީންކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ މި ޖީލުގައި އަދި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާއާ ގުޅޭ މައްސަލަތައްކަމަށާއި ގައިދީން ބަލަހައްޓައި، ރިހެބިލިޓޭޓްކޮށް މުޖްތަމައަށް ނެރުމަށް ކުރާ މަސައްކަތްތަކަކީ ގައުމީ ޖިހާދެއް ކަމަށެވެ. 

ޖަލުތަކުގައި ހުރި އިމާރާތްތަކާއި އުމްރާނީ ކަންކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނާ ވިދާޅުވީ ޖަލުގައި ތިބި ގައިދީންނާއި މަސައްކަތްކުރާ އޮފިސަރުން ގެ އެކަމަޑޭޝަން ފަދަ ކަންކަން ރަނގަޅުކުރުމަށް، ބަޖެޓްގެ ދަތިކަން ހުރިނަމަވެސް މަސައްކަތްކުރައްވަމުން ދާނެކަމަށް ކަށަވަރު ކޮށްދެއްވާކަމަށެވެ. 

ގައުމުގައި ހުރި އިގްތިސާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ ޖަލުތައް ކޮމާޝަލައިޒްކޮށް، މިހާރު ހިންގަމުންދާ މަޝްރޫއުތައް ފުޅާކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށާ އ އޮފިސަރުންނާއި މުވައްޒަފުން ތަރައްގީކޮށް، ތަޢުލީމީ ފުރުސަތު ހޯދާދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ، ސީޕީ ފާހަގަކުރެއްވީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ކޮލެޖަކަށް ބަދަލުކުރުމަށް މަސައްކަތްކޮށް، މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމުގައެވެ. 

މި ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށް ހަނދާނީ ލިޔުން އަދި ފިލާ ހަވާލުކުރުން ކުރިޔަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި އައްސޭރި ޖަލުގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން، 20 އަހަރަށްވުރެއް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ އޮފިސަރުންނަށާއި ހާޒިރީ އަށް ރަނގަޅު އޮފިސަރުންނާއި ފިޒިކަލް ޓެސްޓްގައި ވަނަ ތައް ހޯދާފައިވާ އޮފިސަރުންނައް ވަނީ ހަނދާނީ ލިޔުމާއި ފިލާ ހަވާލުކޮށްފައިއެވެ.

ކޮމިޝަނާގެ އިތުރުން މި ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ ޑައިރެކްޓަރ، ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް އަފީފް އާއި ކޮމިޝަންޑް އޮފިސަރުންނާއި ދައުވަތު އެރުވި މެހެމާނުންނާއި އައްސޭރި ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް