ޗައިނާގައި އޮންނަ މި ފެއާ އަކީ ޗައިނީސް މާކެޓަށް އަމާޒު ކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ފެއާއެވެ.
ރާއްޖޭގެ އަމާޒަކީ އައިޓީބީ ޗައިނާ މިއަހަރު ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް މި ފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނަށް އެފަރާތްތަކުގެ ވަކިވަކި އުފެއްދުންތަކާއި ތަޖުރިބާތައް ޕްރޮމޯޓް ކުރުމަށް ޕްލެޓްފޯމެއް ފަހިކޮށްދިނުން ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.
އަދި ހަމަ އެހެންމެ މިހާރު މި ފެއާއަށް ޝައުގުވެރިކަން ފާޅު ކުރުމަށް ސާކިއުލާއެއް އިންޑަސްޓްރީ ޕާޓްނަރުންނަށް ފޮނުވާފައި ވާއިރު މި ސާކިއުލާގެ ބޭނުމަކީ ސްޓޭންޑް ޖާގަ ބުކް ކުރުމުގެ ކުރިން، އިވެންޓުގައި ބައިވެރިވާން ޝައުގުވެރިވާ ކުންފުނިތަކުގެ ޖުމްލަ އަދަދު ލަފާ ކުރުމެވެ.
މި ފެއާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 27 އިން 29 ގެ ނިޔަލަށް ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގަ އެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ދާދި ފަހުން ވިދާޅުވެފައި ވަނީ މި އަހަރު ރާއްޖެ އިން އާ މާކެޓްތަކެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު މަދުވެގެން ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.
އޭޓީއެމްގެ ފެއާގެ އިތުރުން އައިޓީބީ ޗައިނާ އާއި އީސްޓް މެޑިޓެރޭނިއަން އިންޓަނޭޝަލް ޓޫރިޒަމް އެންޑް ޓްރެވެލް އެގްޒިބިޝަން (އެމިޓް) ގައި ވެސް ރާއްޖެ އިޝްތިހާރުކުރަން ކުންފުނިތަކަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.