އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މި ސްކޮލަރޝިޕަށް ނަން ދިނުމާއި މެދު އާންމުންގެ ހިޔާލަށް ހުޅުވާލާފައެވެ.
މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝެއިހް އުސްމާން އަބްދުﷲ އަވަހާރަވީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 21 ވަނަ ދުވަހުއެވެ. ޝެއިހް އުސްމާނަކީ ރާއްޖޭގައި ޒަކާތާ ބެހޭ ހޭލުންތެރިކަން އުފެއްދެވުމަށް ވަރަށް ގިނަ މަސައްކަތްކުރެއްވި ބޭފުޅެކެވެ . އެ މަސައްކަތުގެ ދަށުން ދިވެހިރާއްޖޭގެ އަޑުން " އަލީގެ މައްޗަށް އަލީ" ގެ ނަމުގައި ޒަކާތައް ހާއްސަ ޕްރޮގްރާމެއް ވަނީ ގެނެސްދީފައެވެ.
އިސްލާމްދީން އުނގަންނައިދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ޝެއިހް އުސްމާން ޢަބްދުﷲ، ވަނީ ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. ޝެއިހް އުސްމާން އަބްދުﷲއަސް 2012 ވަނަ އަހަރުވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދްމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.
ޝެއިހް އުސްމާން އަބްދުﷲ ގިނަ ބައެއްގެ ތެރޭގައި މަގްބޫލު ދީނީ އިލްމުވެރިއެކެވެ. ދީނީ ފޮތްތައް ތަރުޖަމާ ކުރެއްވުމާއި، ދީނީ ދަރުސްތައް ދެއްވުމުގައި އެ މަނިކުފާނަކީ މަގްބޫލު ބޭފުޅެކެވެ.
އެމަނިކުފާނުވަނީ ވަރަށް ގިނަ ރަށް ރަށަށް ވަޑައިގެން ދީނީގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވާފައެވެ. އަދި ޓީވީތަކާ ރޭޑިއޯތަކުންވެސް އެމަނިކުފާނުވަނީ ގިނަ އަދަދެއްގެ ދީނީ ޕްރޮގްރާމްތައް ގެނެސްދެއްވާފައެވެ