ads
ސްރީ ލަންކާ ސިފައިން އަތުލައިގަތް މަސްތުވާތަކެތި ދައްކާލަނީ
ލަންކާގެ ޑްރަގާ ދެކޮޅުވި ގޮތުން އދ. ނުރުހިއްޖެ
ސްރީލަންކާގެ އެކި ހިސާބުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ގާތްގަނޑަކަށް 30000 މީހުން ހައްޔަރުކުރުން ކުށްވެރިކޮށް، އޮޕަރޭޝަނާ ދެކޮޅަށް އދ. ގެ ހިއުމަން ރައިޓްސް އެޖެންސީން ތެދުވެއްޖެ އެވެ.
Advertisement

ކޮލަމްބޯ އާއި އެހެނިހެން އަވައްތަކުގެ ގެތައް ބަލައި ފާސްކުރުމަށް ވަސްބަލައިގެން މަސްތުވާތަކެތި ދެނެގަތުމަށް ބޭނުން ކުރާ ކުއްތާ ބޭނުންކުރި މަންޒަރު އެގައުމުގެ މީޑިއާތަކުން ވަނީ ދައްކައިފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ އެ ރެއިޑްތަކަކީ ބަލައި ފާސްކުރުމުގެ އަމުރަކާ ނުލައި ހިންގި އޮޕަރޭޝަންތަކެއް ކަމުން އެއީ ގާނޫނާ ހިލާފަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި މައްސަލައިގެ ތެރެއަށް އދ. ހިއުމަން ރައިޓްސް ކޮމިޝަނަރު ވޮލްކާ ޓާކް ވަނީ ޔުކްތިޔާ ގެ ނަން ދީފައިވާ މި އޮޕަރޭޝަން ރިވިއުކޮށް، އިންސާނީ ހައްގުތައް ލިބިދީގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ބަދަލުކުރުމަށް ގޮވާލައްވައިފަ އެވެ.

"ކޯޓު އަމުރެއް ނެތި ތަންތަން ފާސްކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމާއި އެތައް ސަތޭކަ ބަޔަކު، އަސްކަރިއްޔާ އިން ހިންގާ ރިހެބްތަކަށް ގަދަކަމުން ފޮނުވާ ކަމުގެ ރިޕޯޓްތައް ދަނީ ލިބެމުން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓާކް ވިދާޅުވި އެވެ.

ކޯޓު އަމުރެއް ނެތި ހައްޔަރުކުރުމާއި ފާސްކުރުމުގެ ތެރޭ މަގުމަތީގައި ވެސް މީހުން ބަރަހަނާކޮށް ފާސްކުރުން ފަދަ، އިންސާނީ ހައްގުތަކާ ހިލާފް ކަންކަން ކުރަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އދ. ގެ ހިއުމަން ރައިޓްސް އެޖެންސީން ބުނެ އެވެ،

"މަސްތުވާތަކެއްޗަކީ މުޖުމަތައުއަށް އޮންނަ ބޮޑު ގޮންޖެހުމެއް ކަމަށް ވިޔަސް ގަދަބާރުން ކަންކަން ކުރަން އުޅުމަކީ އަދި މައްސަލައިގެ ހައްލެއް ނޫން،" ކޮމިޝަނަރު ވިދާޅުވި އެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް 30000 އަށް ވުރެ ގިނަ މިހުން ހައްޔަރުކޮށް 800 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ލަންކާ ފުލުހުން ބުނެ އެވެ، އަދި މި އޮޕަރޭޝަންގައި އަތުލައިގަނެވޭ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހެބިލިޓޭޝަނަށް ފޮނުވުން ހިމެނޭ ކަމަށް ލަންކާ ފުލުހުން ބުނެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޑްރަގް ޓްރެފިކް ކުރާ ފަރާތްތަކުން ސްރީލަންކާ ހަބެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިރު، އެ ގައުމު މެދުވެރިކޮށް ހިންގާ މަސްތުވާތަކެތީގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެ މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން، ހަޝިޝް އަދި ކެނަބިސް ހިމެނެ އެވެ.

ލަންކާ އަކީ މިހާރު މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ޓްރާންސިޓް ޕޮއިންޓަކަށް ވެފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް