އާބަންކޯއިން ކޮށްފައިވާ ޓްވީޓެއްގައި ވާ ގޮތުން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް އެ ކުންފުނިން ހަލުވިކަމާއިއެކު ކުރަމުންގެންދާކަމަށެވެ.
އާބަންކޯއިން ބުނީ މި މިސްކިތް އެޅުމުގެ ބޭނުމަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން ކަމުގަ އެވެ.
އެ ޓްވީޓުގައި އިތުރަށް ވާގޮތުން މި މިސްކިތުގައި 150 މީހުންނަށް އެއްވެސް ދަތިކަމެއް ނެތި ނަމާދު ކުރެވޭނެކަމަށެވެ.
އާބަންކޯއިން ފާހަގަކޮށްފައިވާ ގޮތުގައި މި މިސްކިތުގައި އަންހެނުންނައް އަދި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭނެ ގޮތަށް ހެދިފައި ހުންނާނެކަމަށެވެ.
އާބަންކޯގެ މީޑިއާ އޮފިޝަލް މަޝާރު "ސީއެންއެމް" އަށް މިއަދު ވިދާޅުވީ ވަގުތީ މިސްކިތުގެ މަސައްކަތް ރޯދަ މަސް ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށާއި މި މަސައްކަތް ކުރަމުން ދަނީ އާބަންކޯގެ އިން ހައުސް ޓީމުން ކަމަށެވެ.
މި ވަގުތު ހުޅުމަލޭ ފޭސް 2 ގެ ދެ މިސްކިތެއްގައި ނަމާދު ކުރެވޭ އިންތިޒާމު ވަނީ ހަމަ ޖެހިފައި އެވެ. ކުރީގެ ރައީސް ޔާމިން ތަރައްގީ ކުރައްވާފައިވާ ފޭސް 2 ސަރަހައްދުގައި 50000 އާއި ގާތް ކުރާ އަދަދަކަށް މީހުން އުޅޭއިރު އާބަންކޯއިން އަންނަނީ އެ މީހުންނައް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.