ފިނޭޭންސް މިނިސްޓްރީން އާއްމުކުރި ވީކްލީ ފިސްކަލް ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 31.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވާ ކަމަށެވެ.
މިދިޔަ އަހަރު ދައުލަތަށް ލިބިފައިވާ އާމްދަނީގެ ތެރޭގައި، ޓެކްސް އާއި ޓެކްސް ނޫން ފައިސާގެ އިތުރުން އެހީގެ ފައިސާ ހިމެނެއެވެ. އެގޮތުން 22.8 ބިލިއަން ރުފިޔާގެ ޓެކްސް ފައިސާ އާއި، ޓެކްސް ނޫން 8.1 ބިލިއަން ރުފިޔާ އަދި 515.5 މިލިއަން ރުފިޔާގެ އެހީ ފައިސާ ހިމެނެއެވެ.
ޓެކްސް ޢާމްދަނީގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ އިމްޕޯޓް ޑިއުޓީއާއި، ބީޕީޓީގެ އިތުރުން ޖީއެސްޓީ އެވެ.
އާމްދަނީގެ ހިސާބުތައް:
- އިމްޕޯޓް ޑިއުޓީ - 3.3 ބިލިޔަން ރުފިޔާ
- ބީޕީޓީގެ - 5.1 ބިލިއަން ރުފިޔާ
- ޖީއެސްޓީގެ - 12.2 ބިލިއަން ރުފިޔާ
- ގްރީން ޓެކްސް - 927.7 މިލިއަން ރުފިޔާ
- އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް - 927.7 މިލިއަން ރުފިޔާ
2022 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 28.9 ބިލިއަން ރުފިޔާއެވެ. މި އަދަދާ އަޅާ ބަލާއުރު މިދިޔަ އަހަރުގެ އާމްދަނީ ވަނީ 10 އިންސައްތަ އިތުރުވެފަ އެވެ.
ނަމަވެސް މިދިޔަ އަހަރު ތެރޭގައި ދައުލަތަށް ލިބިފައިވާ އާމްދަނީ އަކީ އެ އަހަރަށް ލަފާކުރި ވަރަށް ވުރެ މަދު އަދަދެކެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.4 ބިލިއަން ރުފިޔާއެވެ.
ފިނޭޭންސް މިނިސްޓްރީގެ ރިޕޯޓުން ހާމަވާ ގޮތުގައި، ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު 46.8 ބިލިއަން ރުފިޔާއަށް އަރައެވެ.