ads
ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި
އާސަންދައިގެ ދަށުން ރާއްޖޭން ބޭރަށް ފަރުވާ ހޯދުމަށް ތައިލެންޑާއި ޔޫއޭއީއަށް ބަލި މީހުން ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވާތީ، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އާސަންދަ ކުންފުނިން ފަށައިފި އެވެ.
Advertisement

އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާސަންދަ ސްކީމްގެ ދަށުން މިވަގުތު ބޭސްފަރުވާއަށް ބަލިމީހުން ރާއްޖޭން ބޭރަށް ފޮނުވަމުން ދަނީ ހަމައެކަނި އިންޑިއާއާއި ސްރީލަންކާ އަށް ކަމުގައި ވީ ނަމަވެސް، މުސްތަގުބަލުގައި ތައިލެންޑާއި ޔޫއޭއީއަށް ވެސް އެ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވުމުގެ މަސައްކަތް ކަމާގުޅޭ އެހެން އިދާރާތަކާއި ގުޅިގެން މިހާރު ފަށާފައިވާ ކަމަށެވެ.

މީގެއިތުރުން އިންޑިއާ އާއި ލަންކާ ފިޔަވާ އެހެން ގައުމަކަށް އާސަންދަ ފުޅާ ކުރަން އެ ކުންފުނިން ދެކޮޅު ކަމަށް ފެތުރެމުންދާ ވާހަކަތައް އެ ކުންފުނިން ވަނީ ދޮގު ކޮށްފައެވެ.

އާސަންދައިން ބުނީ ބައެއް ފަރާތް ތަކުން އެގޮތަށް ހަބަރު ފަތުރަމުން ދަނީ، މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މަޖިލިހުގެ އެސްއޯއައި ކޮމިޓީގައި، އާސަންދައިގެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް އޭރު ގަސްދުކޮށްފައި ނުވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ބަހުގެ މާނަ އޮޅޭ ގޮތަށް ކަމަށެވެ. އަދި އޭރު އާސަންދަ އިތުރަށް ފުޅާކުރަން ނިންމައި، ސަރުކާރުން އެކަން އިއުލާނު ކޮށްފައި ނުވާކަން ވެސް އެ ކުންފުނީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އެހެންކަމުން މާ ކުރިން ދެކެވިފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަބަރު ފެތުރުމުގެ ބަދަލުގައި، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން ނުއުފެދޭނެހެން ކަމުގެ ހަގީގަތް ސާފުވާނެ ގޮތަށް ހަބަރު ފޯރުކޮށްދިނުމަށް އާސަންދައިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި އެފަދަ ހަބަރެއް ގެނެސްދިނުމުގެ ކުރިން އާސަންދައިގެ ބަހެއް ހޯދުމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި އެދިފައިވެ އެވެ.

ދާދި ފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެއަށް އެނބުރި ވަޑައިގެން ރައީސް ޑރ. މުއިއްޒު ވަނީ، އާސަންދަ އަކީ ހަމައެކަނި ވަކި ގައުމަކުން ލިބޭ ހިދުމަތެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކުން ވެސް އެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ބޭސް ފަރުވާއަށް ގޮސް ހުރުމުގެ ހަރަދު ވެސް އާސަންދައިގެ ދަށުން ހިމަނައިގެން، އެ ހިދުމަތް ޔޫއޭއީއަށާއި ތައިލެންޑަށް ފުޅާކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް