ads
ޕްރޮޖެކްޓްތައް މިނިސްޓްރީއާއި ހަވާލުކުރަން ނިންމުމުން އާޒިމްގެ ކަންބޮޑުވުން
މާލެ ސިޓީ ކައުންސިލުން ހިންގަމުންދާ ބޮޑެތި މަޝްރޫއު ތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ނިންމުން އިންތިހާބީ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި އެ ކައުންސިލްގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމާއި ބައެއް ހުށަހެޅުންތަކާ މެދު ގޮތް ނިންމުން ކުރިއަށް ގެންގޮސްފައިވެ އެވެ.

އެއަށްފަހު މާލޭ ސިޓީ ކައުންސިލުން ހިންގަމުންދާ 120 މިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫއުތަކެއް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން އެ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

ސިޓީ ކައުންސިލްގެ އެ މަޝްރޫއުތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ލަފާ ދެއްވީ، އެ މަޝްރޫއުތަކާ ހަވާލުވެގެން އޭރު ކައުންސިލްގައި މަސައްކަތްކުރެއްވި، މިހާރު ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދެވެ. އެ ލަފަޔާއެކު، އެކްޓިން މޭޔަރު އަހުމަދު ނަރީޝް އެކަން ކައުންސިލަށް ހުޅަހެޅުއްވި އެވެ.

އެކަމާއި ގުޅިގެން އިންތިހާބީ މޭޔަރު އާދަމް އާޒިމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައިވާކަމަށާއި، ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް، ރައީސްއޮފީހުގެ ވަޒީރުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާކަމަށެވެ.

އާޒިމް ވަނީ، މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރ މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އެދިފައެވެ.

އާޒިމް މޭޔަރުކަަމަށް އިންތިހާބުވެފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

މާލޭ ސިޓީގެ މޭޔަރުކަން ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ނޮބެމްބަރު 17 ގައި ވަނީ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް