ads
ފޮޓޯ--ސީރިއާ
ދާހިލީ ހަނގުރާމަ ކުރާ ގައުމުތަކަށް ޖިހާދަށް ދިއުން ހުއްދައެއް ނޫން: ފަތުވާ މަޖިލީސް
ދާހިލީ ހަނގުރާމަ ކުރާ ގައުމުތަކަށް ޖިހާދަށް ދިއުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ދިވެހި ރާއްޖޭގެ ފަތުވާ މަޖިލީހުން ބުނެފި އެވެ.
Advertisement

މިއަދު ފަތުވާ މަޖިލީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ދާހިލީ ހަނގުރާމަ ހިނގާ ގައުމުތަކަށް ޖިހާދު ކުރުމުގެ ނަމުގައި ދިވެހިން ދާކަން ފާހަގަވެފައިވާކަމަށާއި މިކުރީގެ އިލްމުވެރިންވެސް މިހާރުގެ އިލްމުވެރިންވެސް އެކަން ހުއްދަ ނޫންކަމަށް ބުނެ ފަތުވާ ނެރެފައިވާކަމު ގައެވެ.

އެ މަޖިލީހުން އިތުރަށް ބުނި ގޮޮތުގައި މުސްލިމުންނާއި މުސްލިމުން ހަނގުރާމަ ކުރުމަކީ ކީރިތި ރަސޫލާ ﷺ ހަރާމް ކުރައްވާފައިވާކަމެއްކަމަށް ކީރިތި ރަސޫލާ ﷺ ގެ ސަރީހަ ބަސްފުޅުން ސާބިތުވާކަމު ގައެވެ. 

ފަތުވާ މަޖިލީހުން ކުރި ޕޯސްޓުގައި އިތުރަށް ވަނީ އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުން މިދާ ހަމަނުޖެހުންތަކަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ފިތުނައެއްކަމަށާއި ފިތުނައިން ސަލާމަތް ވަން ކުރަން ޖެހޭ ކަންކަން ކީރިތި ރަސޫލާ ﷺ ވަނީ ސަރީހަ އިބާރާތުން ބަޔާން ކޮށްދެއްވާފައި ކަމަށެވެ. އެ ގޮތުން މި ފަދަ ފިތުނަޔަކާއި ކުރިމަތިވެއްޖެ ހާލަތެއްގައި އެކަމުން ސަލާމަތް ކޮށްދެވުމަށް އެދި ދުއާ ކުރުމަށާއި، އެކަމަށް ކެތްތެރި ވުމަށާއި، ބައި ބައި ނުވުމަށާއި އުންމަތާއި ވަހުދަތައްޓަކާއި މަސައްކަތް ކުރަން ކީރިތި ރަސޫލާ ﷺ އިރުސާދު ދެއްވާފައިވާކަމަށް އެ ފަތުވާ ގައިވެއެވެ.

"އިސްލާމީ ގައުމުތަކުގައި މި ހިނގަމުންދާ ދާހިލީ ހަމަ ނުޖެހުން ތަކަކީ، އެ ގައުމުތަކާއި ދެކޮޅަށް ރޭވިގެން ކުރިޔަށް ގެންދާ ލާއިންސާނީ އަމަލު ތަކުން އަމަލެއް. މި ގޮތަށް އެ ގައުމަށް ނިސްބަތް ނުވާ ބަޔަކު ޖިހާދު ކުރުމުގެ ނަމުގައި އެ ގައުމުތަކަށް ދިއުމުން އެ ހުޅުވާދެވެނީ ދުސްމަނުންނައް އެ ގައުމުތަކުގެ ކަންތައްތަކާއި ބެހެން ދޮރެއް" އެ ޕޯސްޓުގައިވެ އެވެ.

ދާހިލީ ހަނގުރާމަތައް ހިނގަމުން އަންނަ ގައުމުތަކުގައި ޖިހާދު ކުރަން ބޭނުންވާ އަދި އެކަމަށް ބޭނުންވާ އެންމެ ރަނގަޅު ތަމްރީނުތައް ލިބިފައިވާ އަދި އެކަމަށް ގާބިލް ޒުވާނުންނެއް އެބަ ތިބިކަމަށާއި އެ ޒުވާނުން ބޭނުން ވަނީ އެހެން ގައުމުތަކުން އެގައުމަށް ޖިހާދު ކުރަން ދިއުމުގެ ބަދަލުގައި އެ ޒުވާނުންނައް ހެޔޮ ދުއާ ކޮށްދިނުމަށް ކަމަށް އެ މަޖިލީހުން ބުނެއެވެ. 

ފަތުވާ މަޖިލީހުން މި ގޮތަށް ފަތުވާ ނެރުފައި މިވަނީ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެހި އާއިލާތަކުގެ ތެރެއިން 21 މީހަކު މިދިޔަ އަންގާރަ ދުވަހު ހެނދުނު ދިވެހި ދައުލަތުން އަނބުރާ ރާއްޖެ ގެނެސްފައިވާއިރު އެ މީހުންގެ ތެރޭގައި ތިބީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނެކެވެ. އެ މީހުން ގެނައުމަށް ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އަދިވެސް ރާއްޖޭގައި ސީރިއާއަށް ދާން ބޭނުންވާ ދިވެހިން ތިބި ކަމަށް ފާހަގަވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް