ads
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފައްދައިފި
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދައިފި އެވެ.

ރައީސް އޮފީހުން ބުނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ނަމުގައި އިދާރާއެއް ރައީސް އުފައްދަވައި، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އެ އިދާރާ ހަމަޖައްސަވާފައިވާ ކަމަށެވެ.

އެ އިދާރާގެ މަގްސަދަކީ، ދިވެހި ގައުމިއްޔަތު އާލާކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން ދިވެހިބަހާއި، ތާރީހާއި ސަގާފަތާއި، ތަރިކައާއި އާދަކާދަތަކުގެ އިތުރުން ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް ދިރުވައި އާލާކުރުން ކަމުގައި ރައީސް އޮފީހުން ބުނެއެވެ.

މީގެއިތުރުން ގައުމީ ރޫހު އާލާކޮށް، ދިވެހިންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތް ކުރުމަކީ ވެސް އެ އިދާރާގެ މަގްސަދެއް ކަމުގައި ރައީސް އޮފީހުން ހާމަކުރެ އެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަށް އިނގިރޭސި ބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ނަމަކީ "ނެެޝަނަލް އިންްސްޓިޓިއުޓް ފޯ މޯލްޑިވިއަން ހެރިޓޭޖް ރިސާޗް" އެވެ. އަދި ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، އެ އިދާރާއަށް ފޮނުވާ ސިޓީގައި 497 ޖެހުމަށް ވަނީ ނިންމަވާފަ އެވެ.

އެ އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ހައްގުގައި ހިދުމަތްކުރުމުގެ ވިސްނުމާއި ރޫހު ދިރުވައި އާލާކުރުން ހިމެނެ އެވެ.

ހަމައެހެންމެ ދިވެހިވަންތަކަމާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދާފައިވާ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކުރުމާއި، ދިވެހިރާއްޖެއާއި ދިވެހީންނާ ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުމަކީ ވެސް އެ އިދާރާގެ މަސައްކަތް ތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް